ނަޝީދާއި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއި ހަމަކޮށްފި

މަޖިލީހުގެ ރައީސް ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ: އެ ދެ ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ ވަރަށް އެމްޑީޕީން ވަނީ ސޮއި ހަމަކޮށްފައި --- ސަން ގްރެފިކްސް/ އަލީ ޝާހީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއި ހަމަކޮށްފިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރަކު 'ސަން' އަށް މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ ވަރަށް މެންބަރުންގެ ސޮއި ހަމަވެފައިވާ ކަމަށެވެ.

ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ބ)، (ޅ) އަދި (ކ) ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށް ވުރެ މަދު ނޫން މެންބަރުންނަށް މަޖިލީހުގެ ރައީސް، މަގާމުން ވަކިކުރުމަށް ފެނިއްޖެނަމަ އެ މައްސަލަ މަޖިލީހަށް ހުށަހެޅިދާނެއެވެ.

އެގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުން ލިޔެ، ސޮއިކޮށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރު މަޖިލީހަށް ފޮނުވުމުންނެވެ.

މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ހިނގަމުންދާ ޖަލްސާއެއްގައި ވާހަކަދައްކާނެ މެންބަރުންގެ އަދަދާއި މެންބަރަކު ވާހަކަދައްކަން ލިބޭ ފުރުސަތުގެ ދިގުމިން ކަނޑައަޅާނީ އާންމު ކޮމިޓީންނެވެ. އަދި މަޖިލީހުގެ ރައީސަށް އޭނާގެ ދިފާއުގައި ވާހަކަދެއްކުމަށް ލިބިދޭ ފުރުސަތުގެ އަދަދާއި އެ ފުރުސަތުގެ ދިގުމިން ކަނޑައަޅާނީ ވެސް އާންމު ކޮމިޓީންނެވެ. އޭނާގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ހައްގު މަޖިލީހުގެ ރައީސަށް ލިބިގެންވެއެވެ.

މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގައި އަމަލުކުރާ އުސޫލުތަކަކީ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގައި ވެސް އަމަލުކުރަންޖެހޭނެ އުސޫލުތައް ކަމަށް މަޖިލީހުގެ ގަވާއިދުގައިވެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ މެންބަރުން މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ބޮލުގައި ރައީސް ނަޝީދު ޒިނޭގެ އިލްޒާމް އެޅުވުމުންނެވެ.

އޭގެ ފަހުން އެމްޑީޕީގެ ގިނަ މެމްބަރުން ދަނީ ރައީސް ނަޝީދަށް ފާޑުވިދާޅެ ނުރުން ފާޅުކުރަމުންނެވެ.

ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅޭ ގޮތުން 'ސަން' އާ ވާހަކަދައްކަވަމުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އިސްލާމީ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް މަޖިލީހުގެ ރައީސް ނަޝީދުގެ ކިބައިގައި މިހާރު ނެތް ކަމަށެވެ.

"މީހުންގެ އަގުވައްޓާލަން ސާބިތު ނުހިފޭ ދޮގު ވާހަކަތައް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ދެއްކެވުމަކީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް،" ރޮޒައިނާ ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ކޮއްކޮ ހައްޔަރުކުރުމުން އޭނާގެ ދިފާއުގައި ނުކުންނަވަން ބޭނުން ކަމުގައި ވާނަމަ، ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނަވައިގެން "އެގޮތަށް" ނުކުމެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ކޮންމެ މީހަކު ވިޔަސް، މިއީ އިސްލާމީ ގައުމެއްގަ މި ގައުމުގަ ހުންނަ ގާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރާނީ. ވަކި މީހެއްގެ ކޮއްކޮތޯ، ބޭބެތޯ، އެހެންމީހެއްތޯ ބަލާފައެއް ނޫން އަމަލު ކުރަން ޖެހޭނީކީއެއް،" ރޮޒައިނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު, ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް 'ސަން' އަށް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތް ވާހަކަ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވަރަށް ގިނަ މެމްބަރުން ދައްކަވަމުން އެބަ ގެންދަވާ ކަމަށެވެ.

"ޕާލަމެންޓްރީ ގްރޫޕްގެ ވަރަށް ގިނަ މެމްބަރުން ވިދާޅުވަނީ މަޖިލީހުގެ ރައީސްކަން ކުރައްވަން ނަޝީދުގެ އިތުބާރެއް، ތިމަންނަމެންނަކަށް ނެތް ކަމަށް. އެހެންވީމަ އެބޭފުޅުން ބޭނުންވޭ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ވައްދަން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މެމްބަރުން އެދިވަޑައިގަތުމުން ޕީޖީގެ ޖަލްސާއެއް ބާއްވައިގެން، އެ ޖަލްސާއިން ފާސްވެއްޖެ ނަމަ އެ މައްސަލަ މަޖިލީހަށް ފޮނުވާނެ ކަމަށެވެ.

comment ކޮމެންޓް