އެފްއޭއެމް ސެކަންޑް ޑިވިޝަން: ބިސް ބުރު އަތުން ޓެންޓަށް ފަސޭހަ މޮޅެއް

އެފްއޭއެމް ސެކަންޑް ޑިވިޝަންގައި ބިސް ބުރު އަދި ޓެންޓު ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ / މުހައްމަދު ހައްޔާން

އެފްއޭއެމް ސެކަންޑް ޑިވިޝަންގައި ބިސްބުރު ސްޕޯޓްސް ކުލަބު އަތުން ޓެންޓް ސްޕޯޓްސް ކުލަބު މޮޅުވެއްޖެއެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ޓެންޓުން ކާމިޔާބުކުރީ 6-0 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. މިރޭގެ މެޗުގައި ޓެންޓުގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިފައެވެ.

ޓެންޓުން މެޗު ފަށައިގެން ގޯލު ޖަހާނެ ފުރުސަތުތައް ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ޓެންޓުން ވަނީ މެޗުގެ ލީޑުނަގައިފައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ރުސްކާން މުހައްމަދެވެ.

އެފްއޭއެމް ސެކަންޑް ޑިވިޝަންގައި ބިސް ބުރު އަދި ޓެންޓު ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ / މުހައްމަދު ހައްޔާން

އެ ނަތީޖާއިން މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފުގެ ފުރަތަމަ ހަތަރު ވަނަ މިނެޓުގެ ތެރޭގައި ޝަފްރާޒް އިބްރާހީމް ވަނީ ޓެންޓަށް މެޗުގެ ދެވަނަ ޖޯލު ޖަހައިދީފައެވެ. އަދި މެޗުގެ 55 ވަނަ މިނެޓުުގައި މުހައްމަދު އިޔާން ހަސަން ވަނީ މެޗުގެ ތިންވަނަ ގޯލުޖަހައިދީފައެވެ.

މެޗު ނިމުމުގެ ކުރިން ޓެންޓުގެ ޝަފްރާޒް ވަނީ ކައިރި ކައިރީގައި އިތުރު ތިން ގޯލު ކާމިޔާބުކޮށްފައެވެ. އެއާއެކު ޝަފްރާޒް މިރޭގެ މެޗުގައި ޖެހި ގޯލުގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ. އޭނާގެ ދެވަނަ ގޯލު އަދި މެޗުގެ ހަތަރުވަނަ ގޯލު ޖަހާފައިވަނީ 61 ވަނަ މިނެޓުގައެވެ. އޭގެ ހަ މިނެޓު ފަހުން ޝަފްރާޒް މެޗުގެ ފަސްވަނަ ގޯލުޖެހިއިރު މެޗުގެ ހަވަނަ ގޯލު ޝަފްރާޒް ޖަހާފައިވަނީ މެޗުގެ 75 މިނެޓުގައެވެ.

އެފްއޭއެމް ސެކަންޑް ޑިވިޝަންގައި ބިސް ބުރު އަދި ޓެންޓު ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ / މުހައްމަދު ހައްޔާން

މިއަދު ހަވީރު ވެސް ވަނީ އެފްއޭއެމް ސެކަންޑް ޑިވިޝަންގެ މެޗެއް ކުޅެފައެވެ. އެ މެޗުގައި ބައްދަލުކުރީ ޖޭޖޭ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ޔުނައިޓެޑެވެ. އެ މެޗް ކުޑަހެންވޭރުން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ. އަދި މި މުބާރާތުގައި މާދަމާރޭ ވެސް މެޗެއް ކުޅެން ވަނީ ހަމަޖެހިފައެވެ. އެ މެޗުގައި ބައްދަލުކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.

comment ކޮމެންޓް