އެކްސިޑެންޓް ވުމުން ޑްރައިވަރުގެ ނޭފަތްމަތި ފަޅާލުމަށްފަހު ފިލައިފި

އަނިޔާ ލިބުނު ޑްރައިވަރު --- ސަން ފޮޓޯ/

އަލިކިލެގެފާނު މަގުން މަޖީދީ މަގަށް ނިކުތް ލޮރީއަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވުމުން، އެ ސައިކަލް ދުއްވަން އިން މީހާ ލޮރީ ޑްރައިވަރުގެ ނޭފަތްމަތި ފަޅާލުމަށްފަހު ފިލައިފިއެވެ.

މި މާރާމަރީގައި އަނިޔާ ލިބިފައިވަނީ ބިދޭސީ ފިރިހެނަކަށެވެ.

މަންޒަރު ދުށް މީހަކު "ސަން"އަށް ކިޔައިދިންގޮތުގައި އަލިކިލެގެފާނު މަގުން މަޖީދީ މަގަށް ނިކުތް ލޮރީއެއްގައި މަޖީދީ މަގުގެ އިރުން ހުޅަނގަށް ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް، ޖެހުނީ ކަމަށެވެ. އޭނާ ބުނީ ސައިކަލުގައި އިން މީހާ، އެވަގުތު ފުލުހުންނަށް އެންގުމުގެ ބަދަލުގައި ޑްރައިވަރުގެ ނޭފަތްމަތީގައި އަތުން ޖަހާ ފަޅާލުމަށްފަހު، އެ ސަރަހައްދު ދޫކޮށް ފިލައިގެން ދިޔައީ ކަމަށެވެ.

"ސައިކަލްގައި އިނީ އެންމެ މީހެއް. އޭނާގެ ސައިކަލުގައި ލޮރީން ޖެހުނީ ވަރަށް މަޑުން. އެ ސައިކަލަށް އެއްވެސް ގެއްލުމެއް ވެސް ނުވޭ. އެކަމަކު އެމީހާ ރީތިކޮށް ވާހަކަ ދެއްކުމުގެ ބަދަލުގައި ރުޅިގަދަވެގެން އައިސް ލޮރީ ޑްރައިވަރުގެ ނޭފަތް މަތީގައި ޖަހާ ފަޅާލާފައި ފިލައިގެން އެ ދިޔައީ،" މައުލޫމާތު ދިން މީހާ ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް