ޗައިނާގެ އުޅަނދު ސްރީލަންކާގައި ބަނދަރުކުރުމުން އިންޑިއާ ހިތްހަމަނުޖެހޭތީ ސްރީލަންކާއިން އެކަން ހައްލުކުރަނީ

ކޮލަންބޯ (3 އޮގަސްޓް 2022): އިންޑިއާ ކަނޑު ތަހުލީލު ކުރުމުގެ އިލްމީ މަސައްކަތުގައި އުޅޭ ޗައިނާގެ ދިރާސީ އުޅަނދު ސްރީލަންކާގެ ހަންބަންޓޯޓާގެ ބަނދަރަށް އަންނަނީ ހަމައެކަނި ތެޔޮ އެޅުމުގެ ބޭނުމުގައި ކަމަށް ސްރީލަންކާ ސަރުކާރުން ބުނެފިއެވެ.

މިކަމާގުޅިގެން އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށް ޗައިނާއަށް އިންޒާރުތައް ދެމުންގެންދާތީ ސްރީލަންކާގެ ކެބިނެޓްގެ ތަރުޖަމާނު ޑރ. ބަންޑުލަ ގުނަވަރުދަނާ ވިދާޅުވީ ޗައިނާގެ ދިރާސީ އުޅަނދު އެގައުމުގެ ދެކުނުގެ ހަންބަންޓޯޓާގެ ބަނދަރުގައި މަޑުކުރާނީ ހަމައެކަނި ތެޔޮ އެޅުމުގެ ބޭނުމުގައި ކަމަށާ އިންޑިއާ ކަނޑު ތަހުލީލު ކުރުމަށް ޗައިނާ ހިންގާ މަޝްރޫއުގެ ހަބެއްގެ ގޮތުގައި އެބަނދަރު ބޭނުން ނުކުރާނެ ކަމުގައެވެ.

ޑރ. ގުނަވަރުދަނާ އިތުރަށް ވިދާޅުވިގޮތުގައި ޗައިނާގެ ދިރާސީ އުޅަނދު ހަންބަންޓޯޓޯ ބަނދަރަށް ދަތުރާ ގުޅިގެން އިންޑިއާ ކަންބޮޑުވާ ކަންބޮޑުވުން ހައްލުކުރުމަށްޓަކައި ސްރީލަންކާއިން ޑިޕްލޮމެޓިކް މަސައްކަތް ތަކެއް ކުރާނެއެވެ.

"ޔުއާން ވަންގް 5" ގެ ނަމުން ނަންދީފައިވާ ޗައިނާގެ ދިރާސީ އުޅަނދު ސްރީލަންކާގެ ދެކުނުގެ ހަންބަންޓޯޓާގެ ބަނދަރުގައި މަޑުކުރާގޮތަށް ހަމަޖެހިފައިވަނީ މި އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ.

މިކަމާގުޅިގެން އިންޑިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވަނީ އިންޑިޔާގެ ޖިއޮ ސްރެޓީޖިކް ސަރަހައްދުތައް ގަނޑުބަޑުކުރުމަށް އެއްވެސް ގައުމަކުން އުޅެގެން ނުވާނެކަމަށާ އެކަމަށް އިންޑިއާ އޮންނާނީ ފިސާރި ސަމާލުވެގެން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވިގޮތުގައި އިންޑިއާގެ ގައުމީ މަސްލަހަތު ހިމާޔަތް ކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ފަސްޖެހުމެއްނެތި އިންޑިއާ އަޅާނެއެވެ.

ޗައިނާގެ ދިރާސީ އުޅަނދު ސްރީލަންކާއަށް އަންނާތީ ސްރީލަންކާގައި ތިއްބަވާ އިންޑިއާގެ ޑިޕްލޮމޭޓުންވެސް ހިތްހަމަ ނުޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ނަންހާމަކުރަންނޭދޭ ސްރީލަންކާ މަސްއޫލުވެރިއަކު ވަނީ ޗައިނާގެ ދިރާސާ އުޅަނދު ސްރީލަންކާއަށް ޒިޔާރަތް ކުރާތީއާ އަދި އެ އުޅަނދުގެ މަސައްކަތްތަކަށް ސްރީލަންކާއިން އެއްބާރުލުން ދޭތީ ހިތްހަމަނުޖެހޭކަން ސްރީލަންކާގައި ތިއްބަވާ އިންޑިއާގެ ޑިޕްލޮމޭޓުންގެ ފަރާތުން އެނގިވަޑައިގެންފައިވާކަން ހާމަކުރައްވާފައެވެ.

ރިޕޯޓްތައް ބުނާގޮތުން ޗައިނާގެ އުޅަނދުން އިންޑިއާ ކަނޑުގައި ކުރާ ތަހުލީލުތަކާއި ދިރާސާތައް ކުރުމުގައި ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ "ބެލްޓް އެންޑް ރޯޑް އިނީޝިއެޓިވް ސްރީލަންކާ" (ބީއާރުއައިއެސް) އިން އެހީތެރިވުމަކީވެސް އިންޑިއާގެ ކަންބޮޑުވުމެކެވެ. "ބީއާރުއައިއެސް" އަކީ ޗައިނާއާއި ސްރީލަންކާ ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.

ދުނިޔޭގެ 80 އަށްވުރެ ގިނަ ގައުމު އެއްގަމާއި ކަނޑުގެ މަގުން ޗައިނާއާ ވިޔަފާރީގެ ގޮތުން ގުޅާލުމަށް ޗައިނާ ގެންދަނީ ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވް ގެ ނަމުގައި ވަރަށް ފުޅާދާއިރާއެއްގައި އިމްރާނީ ތަރައްގީ ގެ މަސައްކަތްތަކެއް ކުރަމުންނެވެ. މިމަސައްކަތްތައް ބިނާވެފައިވަނީ މި ގައުމުތަކުގެ އިންފްރާސްޓްރަކްޗަރ ބިނާކޮށްދިނުމުގައި މާލީގޮތުންނާއި ފަންނީގޮތުން ޗައިނާ އެހީތެރިވުމުގެ މައްޗަށެވެ.

މާލީ ގޮތުންއެހީތެރިވަނީ ހިލޭ އެހީއާއި ލޯންތައް ދީގެންނެވެ. ފަންނީގޮތުން އެހީތެރިވަނީ ޗައިނާގެ ތަޖުރިބާކާރު ބިޔަ ކުންފުނިތަކުން އެގައުމުތަކުގައި ޒަމާނީ އިންފްރާސްޓަރ ބިނާކޮށްދީގެންނެވެ. މީގެތެރޭގައި ކަނޑުގެ ބަދަރުތަކާއި ބްރިޖްތަކާއި ހައިވޭތަކާއި ރިއަލްއެސްޓޭޓްއާއި ކާރުޚާނާތައް ބިނާކޮށްދިނުމާއި މީހުން ތަމްރީންކޮށްދިނުން ހިމެނެއެވެ.

"ބެލްޓް އެންޑް ރޯޑް އިނީޝިއެޓިވް" އަށް ޗައިނާއިން އެއްޓްރިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާ އިންވެސްޓްކުރެއެވެ. މިކަމުގެ ސަބަބުން އޭޝިއާ، އެފްރިކާ އަދި ޔޫރަޕްގެ 80 އަށްވުރެ ގިނަ ގައުމު ވިޔަފާރީގެ ގޮތުން ޗައިނާއާ ގުޅިލާމެހޭނެއެވެ. މިއާއެކު މިތިން ކޮންޓިނެންޓްގައި ޗައިނާގެ އިގްތިސާދީ ބާރާއި ނުފޫޒު އާދަޔާ ޚިލާފަށް ވަރުގަދަވެ އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވެގެންދާނެކަމުގެ ބިރު އެމެރިކާ އިހުސާސްކުރެއެވެ.

ސްރީލަންކާއަކީ "ބެލްޓް އެންޑް ރޯޑް އިނީޝިއެޓިވް" ގައި ބައިވެރިވެފައިވާ ގައުމެކެވެ. އަދި އެއިނިޝިއޭޓިވް ގެ ދަށުން ޗައިނާގެ ބޮޑެތި އިންވެސްޓްމެންޓްތައް ލިބިފައިވާ ގައުމެކެވެ.

ކަނޑު ތަހްލީލުކުރާ ޗައިނާގެ އުޅަނދުން އިންޑިއާ ކަނޑުގައި ކުރަން ހަމަޖެހިފައިވާ ދިރާސާތަކުގެ ތެރޭގައި އިންޑިޔާ ކަނޑު ހުޅަނގާއި އިރުމަތީގެ އެކިސަރަހައްދުތަކުގެ ބިމު އަޑީގެ ޖިއޮލޮޖިކަލް ސާވޭތަކާއި އޯޝަނޮގްރަފީ އާ ބެހޭ ދިރާސާތައް ހިމެނެއެވެ.

ސްރީލަންކާގެ ދެކުނުގައި އޮންނަ ހަންބަންޓޯޓާ ބަނދަރަކީ ޗައިނާއިން ބިނާކޮށްދީފައިވާ ބަނދަރެކެވެ. އެ ބަނދަރު ބިނާކުރުމަށް ޗައިނާއިން ނެގި ލޯނު އަދާކުރަން 2017 ވަނަ އަހަރު ސްރީލަންކާ ނުކުޅެދުމުން ސްރީލަންކާ ސަރުކާރުންވަނީ 2017 ވަނައަހަރު އެ ބަނދަރު ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދީފައެވެ. މިކަމުގެ ސަބަބުންވެސް އިންޑިއާވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް