ހުއްޓުނު ގްރީން ޓެކްސް، އަލުން ނަގަން ފަށަން ގާނޫނު އިސްލާހު ކުރަނީ

ފަތުރުވެރިން ރާއްޖެއަށް އަންނަނީ ---

ޓޫރިޒަމާ ބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި, އެ ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުކަމަށް ޖަހާފައި އޮތުމުން، ގްރީން ޓެކްސް ނެގުން ހުއްޓިއްޖެއެވެ.

މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލް "ސަން"އަށް ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތުން ގްރީން ޓެކްސް ނެގުމުގެ ފުރުސަތު މީރާއަށް ބަންދުވެފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްކުރީ މިދިޔަ ޖޫން މަހުގެ 30ވަނަ ދުވަހުއެވެ. އަދި، މިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހު ރައީސް ވަނީ އެ އިސްލާހު ތަސްދީގު ކުރައްވާފައެވެ.

އެ ގާނޫނަށް ގެނައި އިސްލާހުގެ މަގްސަދަކީ ރިސޯޓުތަކެކޭ އެއްފަދައިން، ހޮޓާ ތަކާއި ގެސްޓް ހައުސްތަކުން ވެސް ގްރީން ޓެކްސް ނަގަން ފެށުމެވެ.

ނަމަވެސް، އެ ގާނޫނުގެ 35ވަނަ މާއްދާގެ (ކ) އަށް ގެނައި އިސްލާހުގައި ވާގޮތުން، ޓޫރިސްޓު ރިސޯޓުތައް ވެސް ހިމެނޭހެން، ހޮޓާ ތަކާއި، ޓޫރިސްޓު އުޅަނދު ތަކާއި، ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

އެއާއެކު، މިހާތަނަށް ރިސޯޓުތަކުން ނަގަމުން އައި ގްރީން ޓެކްސް ވެސް ވަނީ ހުއްޓިފައެވެ.

ވީހާވެެސް އަވަހަކަށް، ގްރީން ޓެކްސް އަލުން ނަގަން ފެށުމަށް، ގާނޫނު އަލުން އިސްލާހުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަަލަކު ވިދާޅުވިއެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް ނުލިބެއެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެކަނި ވެސް ގްރީން ޓެކްސްގެ ގޮތުގައި ޖުމްލަ 254 މިލިއަން ރުފިޔާ މީރާއިން ބަލައިގެންފައިވެއެވެ. އެއީ އެ މުއްދަތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 4.8 އިންސައްތައެވެ.

comment ކޮމެންޓް