"އަހަރެން މިރޭ ޑިއުޓީ. މާކްއަށް އޭނަ ގެނޭވެނެތަ މިރޭ ހޮސްޕިޓަަލަށް. އޭރުން އަހަރެން ބޭސް ވެސް ލިޔެލަދޭނަން..."

ނާޒިލް އެހެން ބުނެލުމުން މާކިން ބުނީ އޭނާ މިޝްޔާ ގޮވައިގެން މިރޭ ދާނެކަމުގައެވެ. މާކިން ގޮސް އޮފީހަށް ވަތްއިރު، އެ ދިމާލަށް އަންނަމުން ދިޔަ ރިފްއަތު އޭނާގެ ލޮލުގައި އަޅައިގަތެވެ. މާކިންއާ އަރާ ހަމަވެފައި އޭނާ މުހިންމު މީޓިންއަކަށް ރިސޯޓަކަށް ފުރާ ވާހަކަ ރިފްއަތު ބުނެލިއެވެ. ރިފްއަތަށް ބަލައިލުމަށްފަހު މާކިން ބޯ ޖަހައިލިއެވެ.

އެދުވަހު އޮފީހުގައި އުޅެފައި މާކިން ގެއަށް ދިޔައީ ހަވީރު ހަތަރެއް ވެސް ޖަހާ ބޮޑުވެފައި ހުއްޓައެވެ. މިޝްޔާގެ ހަބަރެއް ބަލައިލިއިރު މިޝްޔާ އޮތީ ނިދާފައެވެ. އެހެންކަމުން މާކިން އޭނާގެ ކޮޓަރިއަށް ވަނެވެ. އެއަށްފަހު ފޯނު ނަގާ އޭނާ ނައިރާއަށް ގުޅައިލިއެވެ.

"އައި މިސް ޔޫ..." ފޯނު ނެގިގޮތަށް މާކިން ބުނެލިއެވެ.

"އަހަރެންވެސް." އެކޮޅުން ނައިރާ ބުނެލި އަޑު އިވުނެވެ.

"ދެން ބުނެބަ! ކީއްކުރީތަ؟ ހަބަރެއްވެސް ނުވަމެއްނު. ހަމަ މިޝްޔާ ކަންތަކުގަ ބިޒީކޮށްތަ؟" ނައިރާ ސުވާލުކޮށްލީ އިރުކޮޅެއް ފަހުންނެވެ. މާކިން ކޮންމެވެސް ވަރަކަށް ވީ ގޮތް ކިޔައިދިނެވެ.

"އަވަހަށް މެރީކޮށްގެން ނައިރާ މިގެއަށް ގެންނަންވީ ދޯ. އޭރުން މިޝޫ އެކަންޏެއް ނުވާނެއެއްނު." މާކިން ބުނެލިއެވެ.

"އަހަރެންވެސް ބޭނުމީ އަވަހަށް މެރީކުރަން." ނައިރާ ބުނެލިއެވެ.

"އެހެެންތަ؟ އަހަރެން ދެކެ އެހާ ވެސް ލޯބިވޭތަ؟" މާކިން ލާނެއް ގޮތަކަށް ބުނެލިއެވެ. ނައިރާ އާއެކޭ ބުނެލިއިރު އެ އަޑުގައި ހުރި ލަދުވެތިކަން މާކިންއަށް ވެސް އިޙްސާސްވިއެވެ.

"ތިހާ ލަދު ގަންނަ އެއްޗެއް ނޫނޭ..." މާކިން ބުނެލިއެވެ.

"ހެހެ މާކްއަށް ކިހިނެއް އެނގެނީ އަހަރެން މިހުރީ ލަދުންކަމެއް." ނައިރާ މަޑުމަޑުން ބުނެލިއެވެ.

"އަހަންނަށް ނައިރާ އެނގެޔޭ..." މާކިންގެ ތުންފަތްމަތީގައިވީ ހިނިތުންވުން ފުޅާވިއެވެ. އޭނާ ދެންމެ އޮފީހުން އައި ވާހަކަ ބުނުމަށްފަހު ފޯނު ބޭއްވިއެވެ.

*****

ފޯނު ބޭއްވުމަށްފަހު ނައިރާ ފުންނޭވާއެއް ދޫކޮށްލިއެވެ. މާކިންއާ ވާހަކަ ދައްކައިލެވުމުން އޭނާއަށް ލިބެނީ ބަޔާންކުރަން ދަތި އުފަލެކެވެ. އެ ހިތުގައި މާކިންއަށްޓަކައި ފުން ލޯބިވެއެވެ. ނައިރާ އުޅެމުންދަނީ އޭނާގެ މަންމަ ފަރާތު ބޮޑުދައިތައެއްކަމަށްވާ ރިއުމާ މެންގޭގައެވެ. ނައިރާގެ އާއިލާ ވަނީ ރޫޅިފައެވެ. ބައްޕަ އެހެން މީހަކާ އިނދެގެން ދިޔައިރު މަންމަވެސް ފަހުން އެހެން މީހަކާ ކައިވެނި ކުރީއެވެ. ބައްޕަ ބަދަލުވީ ދޮންމަންމަގެ ރަށަށެވެ. މަންމަވެސް މީހަކާ އިނުމަށްފަހު ލަންކާއަށް ދިރިއުޅުން ބަދަލުކުރީއެވެ. މައިންބަފައިންގެ ލޯބިން މަޙްރޫމް ވެފައިވާ ނައިރާ އަބަދުވެސް އެކަމާ ހިތާމަ ކުރެއެވެ. އެ ހުރިހާ ވަގުތެއްގައި އޭނާއަށް ހިތްވަރު ދެނީ އޭނާގެ ބޮޑުދައިތަ ރިއުމާއެވެ. ނައިރާގެ ހިތުގައި ވި ޒަޚަމްތަށް ފަސޭހަކޮށްދިނުމަށް ރިއުމާ އެތައް މަސައްކަތެއް ކުރިނަމަވެސް، އަމިއްލަ މައިންބަފައިންގެ އަޅާލުން ނުލިބޭ ހިތަކަށް ލިބޭނީ ކޮން އުފަލެއްހެއްޔެވެ؟ ކޮން ހިންހަމަޖެހުމެއްހެއްޔެވެ؟ ނައިރާ އަބަދުވެސް ރިއުމާއަށް ހިތުގެ އަޑިން ޝުކުރު ވެރިވާނެއެވެ. ރިއުމާ އުޅެނީ މީހަކާ އިނދެގެން ކަމުގައި ވީނަމަވެސް، އެމީހުންނަށް ދަރިއަކު ލިބުމުގެ ނަސީބެއް ނުލިބުނެވެ. ޒުވާން އުމުރުގައި ރަހިމަށް ކެންސަރު ޖެހި ރަހިމު ނަގަން ޖެހުމުގެ ސަބަބުން ރިއުމާ އެކަމާ ހިތާމަ ކުރިއެވެ. އެހެންކަމުން އޭނާ ވެސް ނައިރާ ބަލަނީ އަމިއްލަ ދަރިއެއްގޮތަށެވެ. ނައިރާއަށް އެއްވެސް ކަމެއް އުނިވިޔަ ނުދީ ހުރިހާކަމެއްވެސް ބަރާބަރަށް ކޮށްދެވޭތޯ ރިއުމާ ބަލައެވެ. އެހެންނަމަވެސް މައިންބަފައިން ނެތުމުގެ ފަޅުކަން އަބަދުވެސް ނައިރާގެ ޙަޔާތުގައި ވެއެވެ.

އެފަދަ ވިސްނުންތަކެއްގައި ނައިރާ އޮއްވައި އޭނާގެ ކޮޓަރި ދޮރު ހުޅުވާލާފައި ރިއުމާ ވަނެވެ.

"ދައްތާ..." އެނދުން ތެދުވަމުން ނައިރާ ބުނެލިއެވެ. ރިއުމާގެ މޫނުމަތީގައި އެހެންޏާ ނުހުންނަ ކުލަވަރުތަކެއް ހުރިތަން ނައިރާއަށް ފެނުމާއެކު އޭނާއަށް ބުމަ އަރުވައިލެވުނީ ބޭއިޚްތިޔާރުގައެވެ. ރިއުމާ އައިސް ނައިރާގެ އެއްފަރާތުގައި އިށީނދެލިއެވެ. އެއަށްފަހު އޭނާ ވަރަށް ފުންކޮށް ނައިރާއަށް ބަލައިލިއެވެ.

"ކިހިނެއްވީ ދައްތާ؟" ނައިރާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ބޭބެ ބުނި ނައިރާގެ... ނައިރާގެ މަންމަ މިކޮޅަށް ބަދަލުވީ ވާހަކަ." ރިއުމާ ބުނެލިއެވެ.

"މަންމަ... މަންމައޭ..." ނައިރާއަށް ބުނެވުނެވެ. އޭނާ މަންމަ ލަންކާއަށް ބަދަލުވީފަހުންވެސް ގުޅައެވެ. އޭނާ ގުޅައިގެން ފޯނު ނަގަނީވެސް ހާލަކުން ފަހަރެއްގައެވެ. އެހެންނަމަވެސް ދޭތެރެއަކުން ވާހަކަ ދެކެވެއެވެ. އެއިން އެއްވެސް ފަހަރެއްގައި ނައިރާއަށް އޭނާގެ މަންމަގެ ފަރާތުން އެއްވެސް ޝައުގުވެރިކަމެއް ފާހަގައެއް ނުކުރެއެވެ. އެހެންނަމަވެސް މަންމަ މާލެ އައި ވާހަކަ ބުނުމުން އޭނާ އެ މަންމަ ދުށުމުގެ ޝައުގުވެރިކަން އުފެދުނެވެ. ކޮންމެ ގޮތަަކަށް ކަންތައް ކުރިނަމަވެސް އެއީ އޭނާ ބަނޑު އަޅައި ވިހޭ މަންމައެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގި ނައިރާއަށް ހަމަހިމޭންކަން އިޚްތިޔާރުކުރެވުނެވެ. އެ ހިތުގައި ހިނގަމުންދިޔަ އެއްޗެއް ދެނެގަންނަން ރިއުމާ ވެސް ނުކުޅެދުނެވެ.

"ނައިރާ ބޭނުންތަ މަންމަ ކައިރިއަށް ދާން...؟" ރިއުމާ ސުވާލުކޮށްލިއެވެ.

"މަންމަމެން މިކޮޅަށް އެކީ ބަދަލުވީތަ؟" ނައިރާ ސުވާލުކޮށްލީ ޔަޤީންކޮށްލުމުގެ ގޮތުންނެވެ. ރިއުމާ ބޯ ޖަހައިލުމާއެކު ނައިރާ އިސްޖަހައިލިއެވެ.

"މަންމަ އަހަރެން ފެނުނީމަ އުފާވާނެތަ؟" ނައިރާއަށް އެ ސުވާލުކޮށްލެވުނީ އޭނާގެ އަމިއްލަ ނަފްސާއެވެ.

"ކޮންމެ ގޮތަކަށް ކަންތައް ވީ ނަމަވެސް އެއީ ނައިރާގެ މަންމަ. މަންމަ ކައިރިއަށް ނައިރާ ދާން ބޭނުންވާނަމަ ދައްތައެއް ނުހުއްޓުވާނަން. ހުއްޓުވުުމުގެ ހައްޤެއް ނުވެސް އޮންނާނެ. އެކަމަކުވެސް ޤަބޫލުކުރަން ނައިރާ މަންމަ ނައިރާއާ ދޭތެރޭ ކަންތައްކުރީ ރަނގަޅަށް ނޫންކަން." ރިއުމާ ނައިރާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. ނައިރާ އޭނާގެ ތުންފަތް މައްޗަށް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލިނަމަވެސް، ރިއުމާ އަށް އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ހިތާމަތައް ސިއްރެއް ނުކުރެވުނެވެ. އޭނާ ހިތްވަރުގެ ދެތިންބަހެއް ނައިރާއަށް ބަލައިލަމުން ބުނެލިއެވެ. ނައިރާ ރިއުމާގެ ގައިގައި ބައްދައިލިއެވެ.

ރިއުމާ ނުކުމެގެން ދިޔުމާއެކު ނައިރާ އަނެއްކާވެސް އެނދުގައި އޮށޯވެލިއެވެ. މޭމަތީގައި ފޯނު ބާއްވާލައިގެން އެތައް އިރަކު ވިސްނުމަކަށް ގެއްލިފައި ނައިރާ އޮތެވެ. އެހާ ދުވަސްކޮށްފައި މަންމަ ފެނުމުން ވާނެގޮތެއް ފަހަރެއްގައިވެސް އޭނާއަކަށް ނޭނގެއެވެ. އެހެންނަމަވެސް އޭނާއަށް ޔަޤީންވާ ކަމަކީ އަދިވެސް އެ ހިތުގައި މަންމައަށްޓަކައި އިންތިހާ ލޯބި ވާކަމެވެ. އަދިވެސް އެ މަންމަގެ ފިރުމުންތަކަށް އޭނާ އެދޭކަމެވެ. އެންމެ ފަހަރަކުވެސް މަންމަ އޭނާއަށް ދަރިފުޅާއޭ ކިޔާފައި ގޮވާލާނެނަމައެވެ. އެހިތުގައިވި ރިހުމަށް ކޮންމެވެސް ކަހަލަ ޝިފާއެއް ދޭނެ ނަމައެވެ. މަންމައާ މެދު އެ ހިތުގައި އުފެދިފައިވާ ޝަކުވާތައް ހުރީ އޭނާގެ ހިތުގައެވެ. ދުވަހަކުވެސް މީހެއް ކައިރީގައި އޭނާ އެ ހިތުގެ ޙާލު ބަޔާނެއް ނުކުރެއެވެ. މަންމައާ ދިމާވުމުން އެންމެ ފަހަރަކު ސުވާލުކޮށްލަން ނައިރާ ބޭނުންވެއެވެ. އޭނާއާ ދޭތެރޭ އެގޮތަށް ކަންތައްކުރަނީ ކީއްވެތޯ ސުވާލުކޮށްލަން ބޭނުމެވެ. ކުޑައިރު މަންމަ ވަރިކޮށްލާފައި ބައްޕަ ދިޔުމުން ބައްޕައާ މެދު ނައިރާގެ ހިތުގައި ކޮންމެވެސް ކަހަލަ ކިލަނބުކަމެއް އުފެދުނެވެ. އޭގެފަހުން ނައިރާ އުޅެމުން ދިޔައީ މަންމައާ އެކުނަމަވެސް، މަންމަގެ ފަރާތުން ނައިރާއަށް ލިބެމުން ދިޔަ އަޅާލުން އެކީ ކަހަލަ ގޮތަކަށް ހުއްޓުނެވެ. އޭރުވެސް އެންމެ ބޮޑަށް ނައިރާއަށް އެހީތެރިކަން ފޯރުކޮށްދިނީ ރިއުމާއެވެ. ނައިރާގެ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަވާވަމުން ދިޔައެވެ.

*****

ފެންވަރާ ރީތިވެެގެން މާކިން ކޮޓަރިން ނުކުތްްއިރު، މިޝްޔާ ވެސް ކޮޓަރިން ނުކުންނަނީއެވެ.

"މިޝޫ..." މާކިން މިޝްޔާއަށް ގޮވައިލުމަށްފަހު ހިނގާލާފައި އައިސް މިޝްޔާގެ ކައިރީގައި މަޑުކޮށްލިއެވެ. މިޝްޔާ މާކިން ބުނަން އުޅޭ ވާހަކައަކަށް ސަމާލުކަން ދިނެވެ.

"މިރޭ ދޮންބެއާ އެކީ ހޮސްޕިޓަލަށް ދާން އެބަޖެހޭ. ނާޒިލްއާއެކީ ސެޝަންއެއް އެބައިން." މާކިން އެހެން ބުނެލުމުން މިޝްޔާގެ މޫނުމައްޗަށް ވެރިވީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ. އެ އަސަރުތައް މާކިންއަށްވެސް މާނަ ކުރާނެ ގޮތެއް ނޭނގުނެވެ. އޭނާ މިޝްޔާގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ. މިޝްޔާގެ ފަރާތުން ޖަވާބެއް ނުލިބި ގިނައިރު ވާން ފެށުމުން މާކިން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ނުދާނަންތަ؟" މާކިންއަށް ސުވާލުކޮށްލެވުނެވެ. މިޝްޔާ ދެފަރާތަށް ބޫ ހޫރައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

އެހެންވީމަ އަށްގަޑިބަޔަށް ރެޑީވެގެން ހުންނާތި އިނގޭ. މިގަޑީގައި ބޭރަށް ގޮސްލަން އެބަ ޖެހޭ..." އެހެން ބުނުމަށްފަހު މިޝްޔާއަށް ހިނިތުންވުމެއް ހަދިޔާކޮށްލި މާކިން ސިޑިއާ ދިމާލަށް ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި އޭނާ ހުއްޓި މިޝްޔާއާ ދިމާލަށް އެނބުރިލިއެވެ. އެއަށްފަހު އަނބުރާ އައިސް އޭނާ މިޝްޔާގެ ކައިރީގައި މަޑުކޮށްލިއެވެ.

"ތަނަކަށް ދާންތަ ތިއުޅެނީ؟" މާކިން މިޝްޔާއަށް ބަލައިލަމުން ސުވާލުކޮށްލީ ޝައްކުގެ ނަޒަރަކުންނެވެ. މިޝްޔާ މިފަހަރުވެސް ދެފަރާތަށް ބޯ ހޫރައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. މިޝްޔާ އޭނާގެ އިސްތަށިގަނޑު އަތުން ރީތިކޮށްލި ވަގުތު މާކިންގެ ލޮލުގައި މިޝްޔާގެ އަތް އަޅައިގަތެވެ. އެއާއެކު އޭނާއަށް ކަމެއް ހަނދާންވިއެވެ. މިޝްޔާގެ އަތުގައި ހިފައްޓައިލަމުން އޭނާ ސުވާލުގެ ނަޒަރަކުން މިޝްޔާއަށް ބަލައިލުމާއެކު، މާކިން އެ ހޯދަނީ ކޮން ޖަވާބެއްކަން މިޝްޔާއަށް ވެސް ފަހުމްވިއެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގި އިސްޖަހައިލެވުނެވެ.

"ކޮބާ އެކެވެލި ކޮޅު މިޝޫ...؟" މާކިން މިޝްޔާއަށް ބަލައިލަމުން ސުވާލުކޮށްލިއެވެ. މިޝްޔާ ހަމަހިމޭންކަން އިޚްތިޔާކުރީ އޭނާއަށް ބުނާނެ އެއްޗެއް ނޭނގުމުންނެވެ. ހިންދިރުވައިލަމުން އޭނާ އިސްޖަހައިލީ މާކިން ރުޅި އަންނާނެކަން އޭނާއަށް އެނގޭތީއެވެ.

"މިޝޫ. އަހަރެން އެބަ ސުވާލެއް ކުރަމޭ..." މިޝްޔާ ހުރިގޮތުން ކޮންމެވެސް ވަރަކަށް ވެގެން އުޅޭ ގޮތެއް މާކިިންއަށް އެނގުނެވެ. އޭނާ ހަމަޖެހެން މަސައްކަތް ކުރިނަމަވެސް، ހިތްހަމަނުޖެހުމުގެ އަސަރު އެ އަޑުން ހާމަވަމުން ދިޔައެވެ.

"މިޝޫއަށް އެނގެއެއްނު އެއީ..." އެ ހިސާބަށް ބުނެފައި ދުރުބަލައިލަމުން މާކިން ދޫކޮށްލީ ފުން ނޭވާއެކެވެ. ނިތުގައި އަތް ޖައްސައިލަމުން އޭނާ މިޝްޔާއާ ދުރަށް ހިނގައިގަތެވެ. މާކިންއަށް ގޮވައިލަން އުޅުމަށްފަހުވެސް، މިޝްޔާ މަޑުޖެހުނެވެ. އޭނާ އުޅޭ ގޮތް ރަނގަޅަށް އެނގިހުރެވެސް މާކިން ދުވަހަކުވެސް ރުޅިއައިސްގެން ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެންނަމަވެސް، މިއަދު ފުރަތަމަ ފަހަރަށް މާކިން ރުޅިއައުމުން މިޝްޔާ ދެރަވިއެވެ. ކުރެވުނީ ކުށެއްކަން އޭނާއަށް އިޙްސާސްކުރެވުނެވެ. އެ ކެވެލިކޮޅު އޭނާ ވިއްކާލައިގެން ނުވާނެއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު