އިންޑިއާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓް ކުރުމަށް ދައުވަތު ދީފި

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓް ކުރުމަށް ދައުވަތުދެއްވައި، ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.

ރައީސް، މިހެން ވިދާޅުވީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ކޮވިޑުގެ ބަލިމަޑުކަމަށްފަހު ރާއްޖޭން މިހާރު ގެންދަނީ މުހިންމު ބޮޑެތި ބަދަލުތަކެއް ގެންނަމުންކަން ފާހަގަ ކުރައްވާފައެވެ.

ރައީސް، ވިދާޅުވީ ސަރުކާރުން އަމާޒުހިފާފައި ވަނީ ވިލުންތެރި، ތިމާވެށްޓާ ރަޙްމަތްތެރި އަދި ސިންދަފާތު އިގުތިސާދެއް ބިނާކުރުމަށް ކަމަށާއި، އެހެންކަމުން އިގުތިސާދުގެ ތެރެއިން ތަފާތު އިންވެސްޓްމަންޓްތަކަށް ގިނަ ފުރުސަތުތަކެއް ރާއްޖޭގައި ހުޅުވިފައި އޮންނާނެކަމުގައެވެ.

އެމަނިކުފާނު ވަނީ ކޮވިޑުގެ ބަލިމަޑުކަމާއެކު ރާއްޖެއަށް ކުރިމަތިވި ދަތިކަމުން އަރައިގަނެ، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް ވެސް ކޮވިޑު ބަލިމަޑުކަމުގެ ކުރީގައި އޮތް މިންވަރަށް ރުޖޫއަ ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ އެމަނިކުފާނު ވަނީ އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް މަންޒިލުކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ރައީސް، ވަނީ ރާއްޖެއިން ދެމެހެއްޓެނިވި ތަރައްގީއަށް ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި، އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރަމުންގެންދާ މަސައްކަތްތައް ވެސް ފާހަގަކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި، ތިމާވެށި ހިމާޔަތްކޮށް ގުދުރަތީ މާހައުލުގެ މުއްސަނދިކަން ދެމެހެއްޓުމަކީ ޒަމާނުއްސުރެ ރާއްޖޭގެ މީހުން ދިރިއުޅެމުންދިޔަ ގުދުރަތީ މާހައުލާ ގުޅިފައިވާ ޖަޒީރާވަންތަ ދިރިއުޅުން އެގޮތުގައި ކުރިޔަށްގެންދިއުމަށް ވެސް ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުމަށް އިޝާރާތްކުރައްވައި ރައީސް، ވިދާޅުވީ، އިންޑިއާއަކީ އަބަދު ވެސް ބަރޯސާވެވޭ ރާއްޖޭގެ މުހިންމު ބައިވެރިއެއް ކަމުގައެވެ. އެގޮތުން މޯލްޑިވްސް-އިންޑިއާ ޕާރޓްނާޝިޕަކީ ދެ ގައުމުގައި ހުރި ތަފާތު ވަސީލަތްތަކާއި ދެ ގައުމުގެ ސައިޒުގެ ގޮތުން ދެ ޤައުމުގެ ކުރިއެރުމަށް ވެސް ފައިދާކުރަނިވި ނަމޫނާ ޕާރޓްނާޝިޕެއްކަން ރައީސް، ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަަމުން ގެންދަވާނީ، އިންޑިއާއާއެކު ގާތް ރަޙްމަތްތެރި ގުޅުމެއް ބޭއްވުމަށްކަން ފާހަގަކުރައްވާފައެވެ.

އިންޑިއާ–މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ވާހަކަފުޅު ދައްކަވާފައި މިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް