"މަރުގެ ލިސްޓުގައި ނަން އޮތީ ކިތައް ވަނައިގާކަމެއް އެކަކަށްވެސް ނޭގޭނެއެވެ. ބުއްދިވެރިންނަކީ އެކަން ދެނެ ތިބާ ހެއްދެވި ފަރާތަށް ދާން ދަތުރު ހަދައިގެން ތިބޭ މީހުންނެވެ."

***

"ނާކިއާ ރަގަޅުތަ؟" މެހެކް ކަންބޮޑުވީ ނާކިއާ ފަހަތަށް އަރިއަޅާލިތަން ފެނިފައެވެ. އޭނަ ދާދި އަވަހަށް ހަމަޖެހިލާފައި އަނެއްކާވެސް ކުޑަދޮރުން ބޭރަށް ބަލަންފެށީ ލޯ ބޮޑުކޮށްލަމުން ޝޮކެއްގައި ހުރެއެވެ.

"ނާކިއާ. އެއީއެއްނޫނޭ މި ބުނާ މީހާ.. އަހަރެން މިބުނީނު މީނާއެއްނޫނޭ...އެ އީވިލް މީހާ ކާރުގައި ކުރިން ގޮސްފި..." އެލީސާގެ އަޑު ނާކިއާގެ ކަންފަތާއި ހަމަޔަށް ފޯރިހެނެއް ހިޔެއްނުވެއެވެ. އޭނަ ގެ މޫނު ހުދުވެ ޝޮކެއްގައި ހުރީ އެސްފިޔަވެސް ޖަހައިލަން ނޭގިފައެވެ.

"ސާމީ....؟ އޭނަ މިތާ ކީއްކުރަނީހެއްޔެވެ؟"

"ދެންމެ ކީކޭ ބުނީ އެލީސާ؟"ނާކިއާގެ ނަޒަރު ދަތުރުކުރީ އެލީސާގެ މޫނަށެވެ." އެފިރިހެނުން ތިގެއަށް ދިޔައީ ކީއްކުރަންށޭ؟"

"އެނގެއެއްނު...އެ ލަފުޒު.."އެލީސާ ކުޑަކޮށް ޖެހިލުންވިއެވެ.

"ކޮން ލަފުޒެއްތަ؟" މެހެކް އުކުޅުގައި އަތް ވިއްދައިލިއެވެ.

"ކައިވެނި...." އެލީސާ އަޑުމަޑުކޮށްލިގޮތުން ހީވަނީ ސަޔާރާއަށް އަޑުއިވިދާނެތީ ބިރުން އުޅުނުހެނެވެ."އަލްވާ އުޅެނީ އެ ފިރިހެނާއާއި ކައިވެނިކުރަން. ސާފުކޮށް އިވުނު...."އެލީސާ ކުޑަދޮރުން ބޭރަށް އިޝާރާތްކޮށްލީ ސުފިޔާންއަށެވެ.

"އެއީ ސުފިޔާން..." މެހެކް ލޯ ބޮޑުކޮށްލިއެވެ. ހަގީގަތުގައިވެސް ސުފިޔާން އަލްވާގެ ކައިރިން އިންނަން އެހީހެއްޔެވެ؟ މެހެކްވެސް އެދެމީހުންގެ ގުޅުމެއް އޮންނަކަން ދަނެއެވެ. އެކަމަކު އެހާ އަވަހަށް ކައިވެންޏާއި ހަމަޔަށް ދާނެކަމަކަށް އޭނަ ހިތަށް ނާރައެވެ."ވާއު އެމޭޒިން. އަލްވާ ޔޫ ލަކީ ގާލް.."

މެހެކް އުފަލާއެކު ހަޅޭއްލަވައިގެންފާ އެ އުފާވެރިކަން ނެތިގެން ދިޔައީ ނާކިއާގެ މޫނުގެ ކުލަވަރު ފެނިފައެވެ.

"ކިހިނެއްވީތަ ނާކިއާ؟ ބަލިވީތަ؟ މޫނުމަތިން ހީވަނީ އެހާ ރަގަޅުނޫންހެން..."މެހެކް ކަންބޮޑުވިއެވެ.

"ސުބުހާނަﷲ." ނާކިއާ އަމިއްލަ ނަފުސަށް އިވޭވަރަށް ކިޔައިލަމުން ގޮނޑިއަށް ތިރިވިއެވެ. ދުނިޔެއަކީ ކުޑަ ކުޑަ ތަނެކެވެ. އޭނަގެ ފިރިމީހާވެސް މިއައީ އޭނަ ހުރި ގައުމަށެވެ. އަދި ކައިވެނި ކުރަން އެއުޅެނީ އޭނަގެ އެންމެ ގާތް އެކުވެރިއަކާއެވެ. ނާކިއާ ޖަޒުބާތުތައް ހަމަޔަކަށް އެޅުވުމުގައި ކާމިޔާބުކުރިލެއް އަވަހެވެ. އަދި އޭނަގެ ސަމާލުކަން އެލީސާއަށް ހުއްޓުނެވެ. އެލީސާ ބޭނުންވިވަރަށް ސަމާލުކަން ނުލިބުމުން ކުރިއަށްވުރެ އަޑުގަދަކޮށް ރޯންފެށިއެވެ.

"އެލީސާ. ކޮން އީވިލް މީހެއްތަ؟" ނާކިއާގެ އަޑު އެއްވަރަކަށް ހިފަހައްޓަން މަސައްކަތްކުރިއެވެ.

ނާކިއާއާއި މެހެކްއަށް އެލީސާގެ ވާހަކަ ކިޔައިދިނީ ނާކިއާގެ ސުވާލުންނެވެ. އޭނަގެ އުމުރުް ހަތަރު އަހަރުވެސް ނުވަނީސް އޭނަގެ ކްލާހުގައި އުޅުނު ކުއްޖަކު މަރައިލެވުނީއެވެ. އޭނަގެ ހަނދާނަށް އަންނަގޮތުން އެކުއްޖާއަކީ އެންމެންގެ ގަނާގެ ޝިކާރައަކަށްވެފައިވި ކުއްޖެކެވެ. ހުރިހާކުދިން ނުރުހޭ ކުއްޖެކެވެ. އެހާ ޅައިރުވެސް ސްކޫލަށް އެކަނިމާއެކަނި އަންނާތީ ޝައުގުވެރިވެގެން އެކުއްޖާ އުޅޭތަނެއް ބަލައިލަން އަދި އެކުއްޖާގެ މައިންބަފައިންނަކީ ކޮންބަޔެއްކަން ދެނެގަންނަން ފަހަތުން ދިޔައީއެވެ. އެދުވަހު ފާރަލަމުން ދަނިކޮށް މަޑުކޮށްލި ކާރަކުން ފޭބި މީހާގެ އަތުގެ ހަލުވިި ހަރަކާތާއެކު އެކުއްޖާގެ ގަޔަށް ބަޑިޖެހިއެވެ. އެއްވެސް ހަތިޔާރެއް އަދި ބަޑިއެއްގެ އަޑެއްވެސް ނީވުނެވެ. ހަޅޭކުގެ އަޑެއްވެސް ނީވުނެވެ. އެކުޑަކުއްޖާ ހުރިތަނަކަށް މަރުވެގެން ވެއްޓުނީއެވެ. ނިތްކުރީގައި އިން ކަޅުކުލައިގެ ލޯވަޅަކުން ހުއްޓުމެއްނެތި ލޭ އޮހެމުން ދިޔައެވެ. އެމަންޒަރު ފެނިފައި އެލީސާގެ ޚަބަރުހުސްވެގެން ހުރިތަނަށް ތިރިވިއެވެ. ހޭއެރުމާއެކު ކުޑަ ކުޑަ އެލީސާ ކުށްވެރިކުރީ އަމިއްލަ ނަފުސެވެ. ޝައިތާނީ ހަގީގަތުން އެއްކިބާވާންވެގެން އޭނަގެ ލޮލުން ކުރިކަމަކަށް ހެދުނީއެވެ.

"އެކުޑަކުއްޖާގެ ގަޔަށް ބަޑިޖެހި މީހާ....އަހަރެމެންގެ ގެއަށް އައީ.."

"ސުފިޔާންގެ ބައްޕަތަ؟" މެހެކް ނުރުހިފައި ސުވާލުކުރިއެވެ.

"ސާމީގެ ބައްޕަ....މިބުނީ ސުފިޔާންގެ ބައްޕައަކީ ޑޮކްޓަރެއްތަ؟" ނާކިއާ ސުވާލުކުރިއެވެ. އޭރު ނާކިއާގެ ހިތް ވަނީ އަވަސްވެފައެވެ. އެލީސާ ބޯ ޖަހައިލުމާއެކު ހަތަރެސްފައި ފިނިވެލިއެވެ.

"އެއީ ޑޮކްޓަރެކޭ ބުނި އަޑުއެހިން.." އެލީސާ އެއްބަސްވިއެވެ.

ވީއިރު ނާކިއާއަށް އޭނަ ނޯޅެއެވެ. އެއީ ހަމަ ސާމީއެވެ. ސާމީގެ ބައްޕައަކީވެސް ޑޮކްޓަރެކެވެ.

"އެލީސާއަށް އޮޅުނީކަމަށްވާނީ. ސުފިޔާންގެ ބައްޕައަކީ ޑޮކްޓަރެއް. އޭނަ އެކުޑަ ކުއްޖާއަށް ފަރުވާދިނީ ކަމަށްވާނީ. އެކަމަކު ސިކުނޑި ޅަކަމުން ނަގައިނުގަނެވުނީ ކަމަށް ވެދާނެއްނު......."މެހެކް ބުމަ ކައިރިކޮށްލައިގެން ބަލަން ހުރީ ޝައްކުގެ ނަޒަރަކުންނެވެ.

"އެއީ ތެދެއް. ޑޮކްޓަރެއް އެފަދަ ކަމެއްނުކުރާނެ އެލީސާ.." ނާކިއާ ލަސްލަހުން އެހެން ބުނެލިކަމުގައިވިޔަސް އޭނަގެ އަޑުގައިވެސް ޔަގީންކަމެއް ބުރަދަނެއް ނެތެވެ. ސިކުނޑިވެސްވީ އެހެން ދިމާލެއްގައެވެ. ސަޔާރާ ލޯ ހުޅުވައިލިތަން ފެނިފައި އެލީސާ ކަރުނަ ފޮހެލާފައި އަވަހަށް އެދިމާލަށް ދިޔައެވެ.

"އެކުއްޖާ ކިޔާ އެއްޗަކާ އަޅާނުލާ ނާކިއާ. އެލީސާ ވާހަކަ ހަދަހަދައިގެން ކިޔާނެ. އަލްވާ ބުނާގޮތުން އޭނަގެ ކޮއްކޮ އުޅެނީ އަމިއްލަ ޚިޔާލީ ދުނިޔެއެއްގައި..." އެލީސާ އޭނަގެ ބޮލަށް ވެއްދިހާ ޚިޔާލުތައް އެއްފަރާތްކޮށްލަމުން މެހެކް ހީލިއެވެ. އެކަމަކު ނާކިއާގެ ހިމޭންކަމާއި މޫނުމަތިން ފެންނަން ހުރި ބީރައްޓެހި ޝުއޫރުތަކުގެ ސަބަބުން ސުވާލު އުފެދި އޭނަ ނާކިއާގެ ގާތުގައި އިށީނެވެ."ނާކިއާ ކޮންކަމެއްތަ؟ އެހެން ދުވަހާއި ތަފާތުކޮށް ތިއުޅެނީ.."

"ސުފިޔާން....ނޫން. ސާމީ. އެއީ އަހަރެންގެ ކުރީގެ ފިރިމީހާ..." ނާކިއާގެ ހިމޭން ޖުމްލައާއެކު މެހެކް އަނގަމަތީގައި އަތް އަޅައިލަމުން އަޑެއް ލައްވައިލިއެވެ. ސިހުމާއި ޝޮކްގެ ސަބަބުން ގަނޑުވާގޮތްވިއެވެ.

"އަހަރެން މިދަނީ އަލްވާ ގާތަށް.."ނާކިއާ ކޮޅަށް ތެދުވުނެވެ.

***

އަލްވާ ބަނދަރާއި ހަމަޔަށް ދެވެންދެން ދުވުނެވެ. އޭނަ ފާލަމުގެ އެންމެ ކޮޅުގައިހުރިއިރު ވައިގެ ގޯނާތަކުން ބުރުގާއަށްވެސް ދެމެމުން ދިޔައެވެ. ނިމުމެއްނެތް ގޮތަކަށް ލޮލުކޮޅާއި ހަމަޔަށް ޮއބާފައިވާ ނޫކަނޑާއި ދިމާލަށް ނަޒަރު ހުރިއިރު ދެލޮލުގައި ވިދަމުން ދިޔައީ ކަރުނައެވެ.

އޭނަވަނީ ހާމިދުއާއި އަމީރާގެ އުފަން ދަރިފުޅު ރިވާ މަރާލާފައެވެ. އެމީހުންނަށް އެކަން އެނގިހުރެ އޭނަ ބަލާބޮޑުކުރީ ކީއްވެހެއްޔެވެ؟ ހާމިދުމެން އޭނަ ގެންގުޅުނީ ބަދަލުހިފަންކަމުގައި ބުނެ ޝައިތާނާ ވަސްވާސްލައިދިނެވެ. އެމީހުން އަބަދު އޭނަ ގޭގައި ބަންދުކޮށް ހަރުކަށި ގަވާއިދުތައް ހެދިއެވެ. ކަނޑުދެކެ އޭނަ އެވަރަށް ލޯބިވާއިރުވެސް ބަދަރަށް ދިޔުމަށް ނުރުހެއެވެ. އެލީސާ ސްކޫލް ދަތުރުތަކުގައި ދާއިރު އޭނައަށް އެކަންވެސް މަނަލެވެ. އެތައް މަނާކަމެއް އޭނައަށް އޮވެއެވެ. މިހާރު އެ އަރަތުގެ އެތިކޮޅުތައް ރާވާލެވިއްޖެއެވެ.

ހާމިދުމެން އޭނަދެކެ ނަފްރަތުކުރަނީ އެމީހުންގެ ދަރިފުޅު މަރައިލުމުންނެވެ. އެމީހުން ގެ ބަދަލު ހިފުމަކީ އެ ހަރުކަށިކަމެވެ. މާޔޫސްކުރުވާ ބަނަ ޚިޔާލުތަކުން އަލްވާގެ ސިކުނޑި ފުރައިލުމާއެކު އުފާވެރި އަދި ޕޮޒިޓިވް އެއްވެސް ކަހަލަ ހަނދާންތަކެއް އެވަގުތު އަލްވާގެ ވިސްނުމަކަށް ނައެވެ. ސުފިޔާންއާއި ބެހޭގޮތުން މާ ބޮޑު އެއްޗެއް ނޭގިހުރެ އެހާ އަވަސް އަރުވާލާފައި ކައިވެންޏަށް އެއްބަސްވުމުންވެސް ހުރިހާ ކަމެއް އަލްވާއަށް ވިސްނިއްޖެއެވެ. އެމީހުން ބޭނުންވަނީ އަލްްވާ އެއާއިލާ ދޫކޮށް ދިޔުމަށެވެ. މާޔޫސީ ޚިޔާލުތަކަކީ އެފަދަ އެއްޗެކެވެ. އެއީ ނުރައްކާތެރި އެއްޗެކެވެ. އަލްވާގެ މައިންބަފައިން ކޮށްދިންހާ ހެޔޮކަމަކާއި ވެދިން އިހުސާންތެރިކަން ހަނދާން ނައްތައިލެވުނެވެ. ހުރިހާ އުފާވެރި ހަނދާންތަކެއް އެނބުރިގެން ދިޔައީ ގޯސް ގޮތަކަށެވެ. އޭނައަށް އެ އަދަބު ހައްގުކަމަށްވެސް އަލްވާ ދެކުނެވެ. އޭނަ ކުރި ކަންތައްތަކަށްފަހު އުފާވެރި ދިރިއުޅުމެއް ހައްގެއް ނޫނެވެ. އޭނަވަނީ ކުށެއްނެތް ފުރާނައެއް ދުއްވާލާފައެވެ. އޭނައަކީ ކުޑަކުއްޖަކަށްވިޔަސް އެ ވަގުތުން ފެށިގެން އޭނަގެ ދިރިއުޅުންވެސް ހަލާކުވާން ޖެހޭނެއެވެ. އޭނަ ބަންދުކުރާ މަރުކަޒަކަށް ނުފޮނުވިކަމީވެސް އޭނަގެ މައިންބަފައިންގެ ހެޔޮކަމެވެ. އަލްވާއަށް ހައްގީ އެއަށްވުރެ ނުބައި ތަނެކެވެ. އޭނައަށް ހިޔާވަހިކަމެއް ހައްގެއް ނޫނެވެ. އަމިއްލަ ގެއެއް އަދި އާއިލާއެއް ލިބުމުގެ ހައްގެއްވެސް ނެތެވެ.

އަލްވާ ފުމެމުން ދިޔަ މަސްތަކަށް ބަލަން ހުރެ އަމިއްލަ ނަފުސަށް ހުކުމެއް އިއްވިއެވެ. އޭނަ މައިންބަފައިން ދޫކޮށް ދުރަށް ދާނީއެވެ. އަލްވަ ފެންނަ ކޮންމެ ފަހަރަކު އެދެމަފިރިން ޔަގީނުންވެސް އަމިއްލަ ދަރިފުޅު ރިވާގެ މަތިން ހަދާން ކުރާނެއެވެ. އެތަނުގައި އެންމެ ދުވަހަކަށްވެސް އޭނައަކަށް ނުހުރެވޭނެއެވެ. އެމީހުންގެ ހިތާމައާއި ތަދުތަކުގެ ސަބަބަކީ އޭނަކަން އެނގިހުރެއެވެ. އެމީހުންގެ ދިރިއުޅުމާއި އަބަދަށްޓަކާ ދުރަށްގޮސްގެން އޭނަ އެމީހުންގެ އެ ހިތާމަތަކުން މިންޖުކޮށްދޭނެއެވެ. އަލްވާ ގެއަށް ފޯރިއިރު އެލީސާ ނިދި ނަމަވެސް އޭނަގެ މައިންބަފައިން ތިބީ އޭނަގެ އިންތިޒާރުގައެވެ. ކަންބޮޑުވެފައެވެ.

އަމީރާ ވަގުތުން ހަޅޭއްލަވަން ފެށީ އަލްވާ ބަދަލުވެއްޖެއޭ ކިޔާފައެވެ. ކުރިން އަލްވާއަކީ ރޭގަނޑު އެގޮތަށް ބޭރަށް ދާ ކުއްޖެއް ނޫނޭ ކިޔާފައެވެ. ކޮންމެ ލަފުޒެއްގައިވެސް ކަންބޮޑުވުމާއި އަޅައިލާވަރު ފެނުނެވެ. އަލްވާއަށް އެކަމަކު އެ ލަފުޒުތައް އިވުނީ ނަފްރަތުކަމުގައެވެ. އަލްވާ ހުރީ ބަދަރުގައި ކަމަށް ބުނުމާއެކު މޫނަށް ހޫނު އެތިފަހަރެއް އެރިއެވެ. ވިސްނާނުލާ ހުރުމާއެކު އެ ކުއްލި ހަރަކާތުން އަލްވާ ފަހަތަށް ވިއްސައިގެން ދިޔައެވެ. އޭރު އޭނަގެ ކޯތާފަތަށް ރަތްކުލަ ވެރިވެއްޖެއެވެ.

"ކިތައްފަހަރު ބުނާނީ އަލްވާ ހާމިދު......ބަނދަރަށް ދިޔުން މަނާއޭ..." އަމީރާ ރޮއިގަތްއިރު ލޯ ކަރުނުން ފުރުނެވެ. އެމީހުން ދެކުނީ އަލްވާ އެގޮތަށް ދިޔައީ ކައިވެންޏާއި ގަބޫލުނުވުމުން ކަމަށެވެ. އެމީހުން އަލްވާ ކައިވެނި ކުރަން ފަހަރެއްގައިވެސް މަޖުބޫރެއް ނުކުރާނެއެވެ. އެމީހުން ހީކުރީ ސުފިޔާންއާއިމެދު އަލްވާގެ އަމަލު ހުރިގޮތުން އެ ހުށަހެޅުމާއިމެދު އުފާވާނެ ކަމަށެވެ.

"އަޅުގަނޑަކީ އަލްވާ ހާމިދެއްނޫން..." އަލްވާ ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރަމުން އަތް މުށްކަވައިލިއެވެ. އެމީހުންގެ ހިތްތައް މަޑުކުރަން ރުއިމުގެ ފައިދާއެއްނެތެވެ. އެމީހުންގެ ފަރާތުން ހަމްދަރުދީ ހޯދުމަކީ ރަގަޅުކަމެއްނޫނެވެ. އޭނައަކީ ގާތިލެކެވެ.

"ތިބުނީ ކީކޭ އަލްވާ؟" ހާމިދު ބުމަ ކައިރިކޮށްލިއެވެ." ކިހިނެއްވެފައި ތިހިރީ؟ މި ކައިވެނީގެ ހުށަހެޅުމުގެ ސަބަބުންތަ؟"

"މިގެއިން ދާން ޖެހޭނެ ދުވަހަކަށް ކުރެވޭ އިންތިޒާރު ބުނާކަށް ވެސް ނޭގޭ..." އަލްވާ ރޮއިގެންފާ ދުއްވައިގަތްގޮތަށް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. ހާމިދުއާއި އަމީރާއަށް އެކަކު އަނެކަކަށް ބަލައިލެވުނީ ގަނޑުވެފައިތިބެއެވެ. އެމީހުންގެ ލޯބިލޯބި ދަރިފުޅަށް އެވީ ކިހިނެއްހެއްޔެވެ؟ އަމީރާ އަލްވާގެ ފަހަތުން ދާން އުޅުމުން ހާމިދު ހުއްޓުވިއެވެ. ހާމިދު ބުނީ ފުރާވަރު ކުދިންގެ އަމަލު ހުންނަގޮތް ކަމަށެވެ. ރަގަޅަށް ނިދައިލެވުމުން ތަބީއަތު ހަމަޖެހޭނެކަމުގައެވެ.

***

ފަޖުރުލުމާއެކު ނާކިއާ ފަތިސް ނަމާދުކުރުމަށްފަހު އަލްވާ ހޭލާ ހުންނާނެކަމުގެ އުއްމީދުގައި އެގެއަށް ދާން އަވަސްވެގަތެވެ.

"އެކުއްޖާ އިއްޔެ މޫޑު ސަކަރާތްވެގެން ދޮރު ތަޅުލައިގެން އޮތީ. ފަތިސްނަމާދަށް ހޭލާނެ. ނާކިއާ ޓަކިދިނީމަ ދޮރު ހުޅުވާތޯ ބަލައިލަބަލަ..." އަމީރާ އަލްވާގެ ކޮޓަރިއާއި ހަމަޔަށް ދިޔައެވެ. އެތައް ފަހަރު ޓަކިދީ އަލްވާއަށް ގޮވުމުންވެސް ޚަބަރެއްނުވިއެވެ.

"އަލްވާ. އިއްޔެވެސް މެހެކް އެތައް އިރެއްވާންދެން އިންތިޒާރުކުރި. ހަމަ ތިއެޓިޓިއުޑް ދައްކައިގެން ހުންނާނީ؟ ހަމަ މިހަރު ދޮރު ހުޅުވާ...." އަމީރާ ގަދައަޑުން އެންގިއެވެ. އެންމެފަހުން އަމީރާ ގޭގެ ތަޅުދަނޑިފަތި ހިފައިގެން އައިސް ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. އަލްވާ އެކޮޓަރިއަކު ނެތެވެ. ކުޑަދޮރު ހުރީ ހުޅުވާފައެވެ. އަމީރާގެ ހިތް ފުންމައިލިހެން ހީވީ ވީގޮތް ވިސްނުމުންނެވެ. އަލްވާ އެގެއިން ދިޔައީއެވެ. އެންމެ ކުރިން އަމީރާ ބަލައިލީ އަލަމާރިއެވެ. ހީކުރިގޮތަށްވިއެވެ. އަލްވާ ހެދުންތައް ޕެކްކޮށްލައިގެން އެގެއިން ހިގައްޖެއެވެ.

"ސުބުހާނަﷲ. އެކުއްޖަ އެކުރީ ކީއްތަ؟"އަމީރާއަށް މޭގައި އަތް އަޅައިލެވުނެވެ. އަދި އަލްވާގެ އެނދުގައި އިށީދެވުނެވެ. އޭރު އޭނަގެ މޫނުމަތިން ފެނުނީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެވެ. ނާކިއާވެސް ހުރީ ބުނާނެ އެއްޗެއް ނޭގި ކަންބޮޑުވެފައެވެ."ކީއްވެ؟ އަލްވާ އެގޮތަށް ދިޔައީ ކިހިނެއްވެގެން؟" ނާކިއާ ވާހަކަދައްކަމުންގޮސް މޭޒުމަތީގައި އޮތް ކަރުދާސްކޮޅެއް ފެނި އެނެގީ ޖުމްލަ މެދުކަނޑައިލާފައެވެ.

"އަމީރާ އާންޓީ. އަޅުގަނޑަށް ހީވަނީ އާންޓީއަށް އޮތް ނޯޓެއްހެން.." ނާކިއާ މަޑުމަޑުން އެ ކަރުދާސްގަނޑު ނިއުޅުވާލައިފިއެވެ.

"ލޯބިވާ ހާމިދު އަދި އަމީރާ. އަޅުގަނޑު ރިވާއަށް އެހެދިގޮތަށްފަހުވެސް ހިތްފަސޭހަ ހަޔާތެއް ހޯދަދިނީމެވެ. ތިހާ ހިތްހެޔޮ އާއިލާއަކާއި އެކީ އުޅުނަ ދިނުމަކީ ރަގަޅުކަމެއްނޫނެވެ. ވަރަށް ބޮޑަށް މާފަށް އެދެމެވެ. އަޅުގަނޑާއި އެކަށީގެންވާފަދަ ދިރިއުޅުމެއް ހޯދަން ދަނީއެވެ. މަރުވާންދެން އުފަލެއް މަޖަލެއްނެތް ހަޔާތެކެވެ. މާފުކޮށްދެއްވާށެވެ. މިހުރިހާ އަހަރުތަކުގައި ދެވުނު ތަދަށްޓަކާ ވަރަށް ބޮޑަށް ސޮރީއެވެ."

އަމީރާއަށް ރޮއިގަނެވުނެވެ. ދަރިއަކު ގެއްލިގެން މަޔަކު ރޯނެފަދަ ރުއިމެކެވެ.

***

ފާއިތުވެގެން ދިޔަ ދުވަސްތަކުގައި ނަވޫދު ނަމާދުތައް ގާއިމުކުރިއެވެ. އެންމެ ފަތިސްނަމާދެއްވެސް ވައްޓާނުލާ ގަޑިއަށް ހޭލިއެވެ. އޭނަވެސް ކުރިން ވީ ޖާހިލުން ގެ ތެރޭގައެވެ. މާމަ ނަމާދަށް ގޮވުމުން ފަސްމިނިޓަށް ނިދާފައި ހޭލާނީއޭ ކިޔާފައި އޭނަ އަށް ނިދެނީއެވެ. ދެން ހޭލެވޭއިރު ހުންނަނީ އިރުއަރާބޮޑުވެފައެވެ. އޭރު އޭނަގެ ކަންނެތްކަމުގެ ހައްދެއްނެތެވެ. އެފަދަ ދުވަސްތަކުގައި ނަވޫދު އޭނަގެ ހިތަށް ތަސައްލީ ގެނެސްދެނީ އޭނައަކީ ނިދިގަދަ މީހެއްކަމަށް ހިތަށް ވިސްނާދީގެންނެވެ. އެއީ ބަހަނާއަކަށް ވާނެކަމުގައި އޭނަ ދެކުނެވެ. ނޫނެކެވެ. އެއީ ގަބޫލުކުރެވޭނެ އުޒުރެއް ނޫނެވެ. މިހާރު ނަވޫދުއަށް އެކަން އެނގިއްޖެއެވެ. ނަމާދަށްވުރެ ނިންޖަށް އިސްކަން މީހުންދެނީ ނިދިގަދަކަމުގެ ބަހަނާ ދައްކާފައެވެ. ސޫރަތުލް އަލް އާލާގެ ސޯޅަވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވަނީ "އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި،ދެމިހުރުން ބޮޑުވެގެންވާ ހާލުގައިވެސް، ތި ޔަބައި މީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ." އަދި އިބްރާހީމް ސޫރަތުގެ ތިންވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވަނީއެއުރެންނީ ،އާޚިރަތަށްވުރެ ބޮޑަށް ދުނިޔޭގެ ދިރިއުޅުމަށް ލޯބި ކުރާ މީހުންނެވެ. އަދި ﷲ ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އެ މަގުގުދުވުމަށް އެދޭ މީހުންނެވެ. "

ނަވޫދުވެސް އޭނަ އިސްކަން ދޭ ޖެހޭ ކަންތައް ތަރުތީބުކުރުމަށްފަހު ނަމާދު ގަވާއިދުން ކުރަން ފެށިއެވެ. އެހެން އެއްވެސް ކަމަކަށްވުރެ ނަމާދު ފަސްކުރުމެއްނެތި އެންމެ ނަމާދެއްވެސް ވައްޓާނުލާ ކުރަން ފެށުމުން އޭނައަކީ މަޑުމައިތިރި ރުޅިމަޑު މީހަކަށްވިއެވެ. އަދި އަމިއްލަ ނަފުސް ހަމަޔަކަށް އެޅުނެވެ. އެއަށްވުރެ ޅައިރު ފުދޭވަރަކަށް އަޑު ހަރު ހަލަނި އަދި ލިބޭ ކޮންމެ ފުރުސަތެއްގައި ކޮއްކޮއަށް ޖެއްސުންކޮށް އުޅުނަސް މިހާރު އޭނަ މަޑުމައިތިރިވެފައި އެކަނި ހުންނަން ލޯބިކުރެއެވެ. ދުނިޔޭގެ ކަންތައްތަކާއިހެދި އުޅޭވަރު ކުޑަވިއެވެ. ލިބޭ ހުސްވަގުތު އޭނަ ހޭދަކުރަނީ ރަސޫލުންނާއި ނަބިއްޔުންއަދި ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ސަހާބީންނާއި ސަލަފީންގެ ގެ ވާހަކަތައް ކިޔުމުގައެވެ. ތިމާ އަމިއްލައަށް އެންމެ ފުރިހަމަކަމުގައި ނަވޫދުއަކަށް އިހުސާސެއް ނުވެއެވެ. އޭނަ އެހެންވެ ތަފްސީރާއި ހަދީސް ފޮތްތައް ކިޔަވާ ލިބޭ އިލްމުތައް ކޮއްކޮ ނަމްރާއާއި ހިއްސާކުރެއެވެ.

އެދެމީހުންގެ އޮމާން ދިރިއުޅުން ހަލަބޮލިކޮށްލީ ނަމްރާ އެ އަނގަގަދަ ކުއްޖާއާއެކު ގަތުލު ކޭސްއެއްގެ މައްސަލަ އަށް ވަންނަން ނިންމުމުންނެވެ.

ނަވޫދު ރޭޑިއޯއިން އަޑުއަހަމުން ދިޔަ ޚަބަރުގައި ރިޕޯޓަރު ދައްކަމުން ދިޔައީ ޖަރުމަނުގައި ހިނގި މަރުގެ ހާދިސާއެކެވެ. ވޯޓްލުމުގެ ކުރިން އަރަމުން އައި ސިޔާސީ މީހަކު މަރައިލެވުނީއެވެ. ގާތިލަކީ ފަނަރައަހަރުގެ ކުއްޖެކެވެ. އެއީ ކޮންކުއްޖެއްކަން އަދި ކޮން އާއިލާއެއްގެ މެމްބަރެއްކަން އަދި އޮޅުން ފިލާގޮތެއްނުވެއެވެ.

"އަނެއްކާވެސް ޔަތީމްކުއްޖެއްތަ؟" ނަވޫދު ވިސްނައިލިއެވެ. މިހާ ޅަ ކުދިން މަތީ މަގާމުގައި ތިބި މީހުން މަރައިލަނީ ކީއްވެހެއްޔެވެ؟ ޚަބަރުގައި އޮތީ ހަމައެކަނި އެ ވާހަކައެއް ނޫނެވެ.ފާއިތުވެގެން ދިޔަ އަހަރުތަކުގައި އެފަދަ އިތުރު ކޭސްތައް ފެނިފައިވެއެވެ. އެކުދިން ލައްވާ އެ މަސައްކަތްކުރުވަނީ ބޮޑެތި މީހުންނެވެ. ޚަބަރުން އެނގުނު އެއްޗަކުން ނަވޫދު ގޮނޑީގައި ހަށިގަނޑު ސީދާކޮށްލިއެވެ. ޔަތީމުޚާނާގެ ނަން ދަންނަތަނެއްހެން ހީވީއެވެ. އާއެކެވެ. އެއީ އަލްވާއާއި އެހެން މީހުން މިފަހުން ޒިޔާރަތްކުރި ތަނުގެ ނަމެވެ.

ދޮރުގައި ޓަކި ދޭން ފެށުމުން ނަވޫދު ހިނގައިގަތެވެ. މިހާ ހެދުނާ މިގެއަށް އައީ ކާކުހެއްޔެވެ؟

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު