ސިޓީން ފާރަލަމުންދިޔަ ކުކުރެލާ ހޯދުމާ ގާތަށް ޗެލްސީން ޖެހިލައިފި

މާކް ކުކުރެލާ ---

މެންޗެސްޓާ ސިޓީ އެ ޓީމަށް ގެނައުމަށް މަސައްކަތްކުރަމުންދިޔަ ބްރައީޓެންގެ މާކް ކުކުރެލާ ހޯދުމާ ގާތަށް ޗެލްސީން ޖެހިލައިފިއެވެ.

މީގެ ކުރިން މެންޗެސްޓާ ސިޓީން ވަނީ އޭނާ ހޯދުމަށް 30 މިލިއަން ޔޫރޯގެ ބިޑެއް ބްރައިޓަންއަށް ހުށަހަޅާފައެވެ. ނަމަވެސް އެ ޓީމުން ވަނީ އެ ބިޑަށް ނޫނެކޭ ބުނެފައެވެ.

ބްރައިޓަން އިން ކުކުރެލާއަށް ހުށަހަޅާފައިވާ އަގަކީ 50 މިލިއަން ޔޫރޯއެވެ. އެއަގަށް ކުކުރެލާ ގަންނަން ސިޓީން ބޭނުމެއް ނުވާކަމަށް ސްކައި ސްޕޯޓްސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

އިތުރަށް އެ ނޫހުން ބުނެފައިވަނީ އެ އަގަށް ޗެލްސީއަށް ކުކުރެލާ ގެނައުމަށް އެ ޓީމު ތައްޔާރަށް އޮތްކަމަށެވެ. ޗެލްސީން މިހާރު ބްރައިޓަންއާއެކު އެއްބަސްވުމަކަށް އައުމަށް މަސައްކަތްކުރާކަމަށާއި ކުކުރެލާ ޗެލްސީއާ ގުޅުމަށް ތައްޔާރަށް ހުރިކަމަށް ވެސް ސްކައި ސްޕޯޓްސްއިން ބުނެފައިވެއެވެ.

ސިޓީގެ ވައަތު ފަޅިން ފަހަތަށް ކުޅޭ ކުޅުންތެރިޔާ ޒިންޗެންކޯ އާސެނަލްއަށް ބަދަލުވުމުން އެ މަގާމު ފޫބެއްދުމަށް ސިޓީން ބޭނުންވީ ކުކުރެލާ ގެނައުމަށެވެ.

ބްރައިޓަން އަށް ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ މާކް ކުކުރެލާ އަކީ ބާސެލޯނާގެ ޔޫތު އެކެޑަމީން ތަމްރީނުވެ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅެންފެށި ކުޅުންތެރިއެކެވެ.

މިދިޔަ އަހަރު ބްރައިޓަންއާ ގުޅި ކުކުރެލާ ވަނީ އެ ޓީމަށް 35 މެޗު ކުޅެދީ ގޯލެއް ވެސް ޖަހައިދީފައެވެ. އަދި ނިމިދިޔަ ސީޒަންގައި އެ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ ވެސް ކުކުރެލާއެވެ.

ޗެލްސީން އަންނަ ސީޒަނަށް އެ ޓީމު ވަރުގަދަކުރުމަށް އެ ޓީމުން ވަނީ ގިނަ ކުޅުންތެރިންތަކެއް ގެނައުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން ބާސެލޯނާގެ އޮސްމާނޭ ޑެމްބެލޭއާއި، ލީޑްސްގެ ރަފީނިއާގެ އިތުރުން ބަޔާންއަށް ކުޅުނު ރޮބާޓް ލެވެންޑޯސްކީ ހިމެނެއެވެ. އެ ހުރިހާ ކުޅުންތެރިންގެ ސޮއި ފަހުވަގުތު ބާސެލޯނާއިން ވަނީ ހޯދާފައެވެ. އަދި ދާދިފަހުން ސެވިއްޔާގެ ޖޫލްސް ކުންޑޭގެ ސޮއި ހޯދުމަށް ގާތްވެފައިވަނިކޮށް ބާސެލޯނާއިން ވަނީ ކުންޑޭގެ ސޮއި ވެސް ހޯދަައިފައެވެ.

comment ކޮމެންޓް