ޗައިނާއަށް ޖެއްސުންކުރުމަށްޓަކައި ޕެލޯސީ ތައިވާނަށް ވަޑައިގެންފާނެ ކަމަށް ބެލެވެން ފަށައިފި

ނެންސީ ޕެލޯސީ

ވޮޝިންޓަން (2 އޮގަސްޓް 2022) : އެމެރިކާގެ ކޮންގްރެސްގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނެންސީ ޕެލޯސީ، އޭޝިއާ ޕެސިފިކްގެ ބައެއް ގައުމުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ އެޖެންޑާގައި ތައިވާނަށް ވަޑައިގަތުން ނުހިމެނުނު ނަމަވެސް އޭނާ ތައިވާނަށް ވަޑައިގަންނަވާނެ ކަމަށް ރޮއިޓާސް އިން ބުނެފިއެވެ.

ޕެލޯސީއާ ވަރަށް ގާތް މަސްދަރަކާ ހަވާލާދީ ރޮއިޓާސް ބުނާގޮތުން އޭޝިއާ ޕެސިފިކް ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ޕެލޯސީ ނެރުއްވި ބަޔާނުގައި ތައިވާނަށް ޒިޔާރަތް ކުރުން ހިމެނިފައިނުވިނަމަވެސް އޭނާ ހުންނެވީ ތައިވާނަށް ޒިޔާރަތް ކުރައްވާގޮތަށެވެ.

ޗައިނާ އަދި ތައިވާން

ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ޕެލޯސީ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އޭނާ އޭޝިއާ ޕެސިފިކް ސަރަހައްދަށް ކުރައްވާ ދަތުރުފުޅުގައި ހިމެނެނީ ސިންގަޕޫރު، މެލޭޝިއާ، ދެކުނު ކޮރެއާ އަދި ޖަޕާން ކަމުގައެވެ. ޓައިވާނުގެ ނަމެއް ނެތެވެ. އަދި ދަތުރުފުޅު ފެއްޓެވުމުގެ ގޮތުން ކުރެއްވި ޓްވީޓްގައިވެސް ޕެލޯސީ ވިދާޅުވެފައިވަނީ އޭނާ ވަޑައިގަންނަވަނީ ސިންގަޕޫރު، މެލޭޝިއާ، ދެކުނު ކޮރެއާ އަދި ޖަޕާނަށް ކަމުގައެވެ. އެޓްވީޓްގައިވެސް ޓައިވާންގެ ނަމެއް ނެތެވެ.

މިދަތުރުފުޅުގައި ޕެލޯސީ ތައިވާނަށް ވަޑައިގަންނަވާނެ ކަމަށް ރޮއިޓާސްއިން ބުނެފައިވާއިރު ތައިވާންގެ ނޫސްތަކުންވެސްވަނީ ޕެލޯސީ އަންގާރަދުވަހު (މިއަދު) ޓައިވާނަށް ވަޑައިގަންނަވާނެކަމަށާ އަދި ވެރިރަށް ތައިޕޭ ގައި ރޭވެސް ކުރައްވާނެ ކަމަށް ބުނެފައެެވެ. އަދި ބުދަދުވަހު ޕެލޯސީ ތައިވާނުން ފުރާވަޑައިގަންނަވާނީ އެގައުމުގެ ޕާލަމެންޓަށް ޒިޔާރަތް ކުރެއްވުމަށްފަހުގައި ކަމަށްވެސް ތައިވާންގެ ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.

ނަމަވެސް، ތައިވާންގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ޕެލޯސީ ވަޑައިގަންނަވާކަން ރަސްމީ ސިފައެއްގައި އެނގިފައިނެތް ކަމަށާ މިކަމާބެހޭގޮތުން ބުނާނެ އެއްޗެއްވެސް ނެތްކަމުގައެވެ.

ޕެލޯސީ ތައިވާނަށް ވަޑައިގަންނަވާނެކަން ނުވަތަ ނޫންކަން ޕެލޯސީވެސް އަދި އޭނާގެ ދަތުރުފުޅުގެ ކަންކަން އިންތިޒާމު ކުރުމުގައި އުޅުއްވާ އެމެރިކާ ސަރުކާރުގެ ޑިޕްލޮމޭޓުންނާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އިދާރީ މަސްއޫލުވެރިންވެސް ހާމަކުރައްވާފައެއް ނުވެއެވެ. އެއިން އެއްވެސް ބޭފުޅަކު މިކަމާބެހޭގޮތުން ވާހަކައެއް ނުދައްކަވައެވެ. އެހެންކަމުން ޕެލޯސީގެ ބޭނުމަކީ ޗައިނާގެ ވެރިން ހާސްކަމުގައި ނޫނީ ވާނުވާ ނޭންގުމުގައި އެބޭފުޅުން ބޭތިއްބުން ކަމަށް ވަނީ ބެލެވިފައެވެ.

އެމެރިކާވެސް ގަބޫލުކުރާ ގޮތުގައި ތައިވާނަކީ ޗައިނާގެ ބައެކެވެ. އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންތަކާބެހޭ ކޯޑިނޭޓަރު (ވިލަރެސްވެރިޔާ) ޖޯން ކާބީ ވިދާޅުވިގޮތުގައި ޕެލޯސީ ތައިވާނަށް ޒިޔާރަތް ކުރެއްވިނަމަވެސް އެމެރިކާ ގަބޫލުކުރާ ވަންޗައިނާ ޕޮލިސީ (ތައިވާންއަކީ ޗައިނާގެ ބައެއްކަމުގެ ޕޮލިސީ) އަށް ބަދަލެއް ނާންނާނެއެވެ.

ޗައިނާއާއި ތައިވާން

ނަމަވެސް ޗައިނާ ދެކޭގޮތުގައި ޕެލޯސީ ފަދަ އެމެރިކާގެ އިސް މަސްއޫލުވެރިއަކު ތައިވާނަށް ޒިޔާރަތް ކުރެއްވުމަކީ އެމެރިކާ ގަބޫލުކުރާ ވަންޗައިނާ ޕޮލިސީ އާ މުޅިން ފުށުއަރާކަމެކެވެ. ސަބަބަކީ ޗައިނާގެ ރަސްމީ ހުއްދަ އަކާނުލައި އެމެރިކާގެ އިސް މަސްއޫލުވެރިއަކު (ކޮންގްރެސްގެ ވެރިޔާ) ރަސްމީ ދަތުރުފުޅެއްގައި ޗައިނާގެ ސަރަހައްދަކަށް ޒިޔާރަތް ކުރެއްވުމަކީ ޗައިނާގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަދެގަތުން ކަމަށް ވާތީއެވެ. އަދި އެއީ ޖެއްސުމުގެ އަމަލަކަށް ވާނެކަމަށާ މިފަދަ ކަމެއް ކޮށްފިނަމަ ނަތީޖާ ވަރަށް ގޯސްވާނެކަމުގެ އިންޒާރުވެސް ޗައިނާވަނީ ދީފައެވެ.

ޕެލޯސީ ތައިވާނަށް ވަޑައިގަންނަވާނެކަން ނުވަތަ ނޫންކަން ކަށަވަރު ނުވާއިރު ޗައިނާވަނީ ޕެލޯސީ ތައިވާނަށް ވަޑައިގަންނަވާތަން ބަލަން ޗައިނާގެ އަސްކަރިއްޔާ ނޯންނާނެ ކަމަށް ބުނެ ޗައިނާވަނީ އިންޒާރު ދީފައެވެ. އިންޒާރު ދިނުމަށްފަހު ޗައިނާގެ ސިފައިންވަނީ ތައިވާން ކަނޑުއޮޅިއަށް އަސްކަރީ އެތަށް މަނަވަރެއް ޖަމާކޮށްފައެވެ. މީގެއިތުރުން ޗައިނާގެ ފައިޓާޖެޓްތައްވެސްވަނީ ތައިވާންގެ ކައިރިން އާދަޔާ ޚިލާފަށް ގިނައިން އުދުހޭން ފަށާފައެވެ.

ތައިވާން އާއި ޗައިނާގެ މައި ބައްރާ ދެމެދުގެ ދުރުމިނަކީ ގާތްގަނޑަކަށް އެއްހާސް ތިންސަތޭކަ މޭލެވެ. ރިޕޯޓްތައް ބުނާގޮތުން ނެންސީ ޕެލޯސީއަކީ ޗައިނާ ދެކެ ވަރަށް ރުޅިއަންނަ ބޭކަނބަލެކެވެ. އެހެންކަމުން ޗައިނާއަށް ޖެއްސުން ކުރުމުގެ ގޮތުންނާ އަދި ޗައިނާ ރުޅިއަރުވާލުމުގެ ގޮތުން އޭނާ ތައިވާނަށް ޒިޔާރަތް ކުރެއްވުމަކީ ފަހަރުގައި ކުރައްވަފާނެ ކަމެކެވެ. އެއީ ކުރިޔަށް އޮތް ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި އެމެރިކާގެ އާންމުންގެ ތާއީދު ހޯދުމުގެ ބޭނުމުގައެވެ.

ނަމަވެސް ޗައިނާ ރުޅިއަރުވާލައިފިނަމަ ޗައިނާ މިހާރަށްވުރެބޮޑަށް ރަޝިއާއަށް އެހީވާނެތީއާއި އަދި ޗައިނާ ރުޅިއެރުވުމުން އަދުގެ ބައިނަލްއަގްވާނީ މަސްރަހުގައި އެމެރިކާއަށް ލިބޭނީ ފައިދާއަށްވުރެ ބޮޑަށް ގެއްލުންކަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ޕެލޯސީއަށް ބާރުއަޅަނީ ތައިވާނަށް ވަޑައިނުގަތުންކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ކޮންގްރެސް އަކީ އެމެރިކާގެ ތިން ބާރުގެ ތެރެއިން ވަކި ބާރަކަށްވާތީ ޕެލޯސީއަށް އަމުރުކުރުމުގެ އިޚްތިޔާރެއް އެމެރިކާގެ ސަރުކާރަކަށް ނޯންނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު