އިންޑިއާގެ މަޝްރޫއުތައް ނިންމުމަށް އިތުރު 100 މިލިއަން ޑޮލަރުގެ ލޯނެއް

ރައީސް ޞާލިޙު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީ --- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ނިންމުމަށް އިތުރު 100 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.

މޯދީގެ ދައުވަތުފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި މިއަދު ނިއު ދިއްލީގެ ހައިދްރަބާދު ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި ތިލަމާލޭ ބްރިޖުގެ ބިންގާވަނީ އަޅުއްވާފައެވެ.

ހަމައެއާއެކު، ދެ ގައުމުގެ ދެމެދުގައި ހަ އެމްއޯޔޫއެއްގައި ސޮއިކުރައްވާފައިވެއެވެ.

އެ އެމްއޯޔޫތަކުގައި ސޮއިކުރެއްވުމަށްފަހު ރައީސް ޞާލިހާއި މޯދީ ދެއްވި ޖޮއިންޓު ސްޓޭޓުމެންޓެއްގައި ވާހަކަދައްކަވަމުން މޯދީ ވިދާޅުވީ، ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުމާއި މިހާރު ކުރިއަށް ގެންދެވޭ މަޝްރޫއުތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ އިތުރު ޖޯޝެއް ގެނުވައިފިކަމަށެވެ.

އެ ރަސްމިއްޔާތުގެ ކުރިން ރައީސް ޞާލިހުއާ ބައްދަލުކުރައްވާ އެކި ކަންކަމާއި ގުޅިގެން މަޝްވަރާ ކުރެވުނު ކަމަށާއި އޭގެ ތެރޭގައި އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން މާލޭ ސަރަހައްދުގައި އަޅަން ފަށާފައިވާ 4،000 ހައުސިން ޔުނިޓުގެ މަސައްކަތްތަކާއި މާލޭ ސަރަހައްދުގައި 2،000 ސޯޝަލް ހައުސިން ޔުނިޓު އެޅުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމުން ހިމެނޭ ކަމަށް މޯދީ ވިދާޅުވިއެވެ.

މީގެ އިތުރުން މޯދީ ވިދާޅުވީ އިންޑިއާ ކަނޑުގެ ހަމަޖެހުމަކީ ރާއްޖެ އާއި އިންޑިއާގެ ސަލާމަތަށް ވެސް އެހާމެ މުހިންމު ކަމެއް ކަމަށާއި އިންޑިއާ ކަނޑުގައި ހިންގާ ޑްރަގް ޓްރެފިކިންނާއި ޓެރަރިޒަމްގެ އަމަލުތަކާއި އަދި އެހެންވެސް ކުށްތައް ހުއްޓުވުމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރާއްޖެ އާ އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ދެ ގައުމާއި ދެ ގައުމުގެ ރައްޔިތުންގެ މަސްލަހަތު އަދި ސަރަހައްދުގެ މަސްލަހަތަށް އިސްކަންދޭ ގުޅުމެއްގެ ގޮތުގައި މޯދީ ސިފަކުރެއްވިއެވެ.

ޒާމާނުންސުރެވެސް އިންޑިއާ އަކީ ރާއްޖެއަށް ބޭނުން ޖެހޭ ކޮންމެ ވަގުތެއްގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ގައުމެއް ކަމަށާއި ކުރިއަށް އޮތް ތާނގައިވެސް އެކަން އެގޮތަށް ދަމަހައްޓާނެކަމުގެ ޔަގީންކަން މޯދީ ވަނީ ރައީސް ޞާލިހުއަށް ދެއްވާފައެވެ.

comment ކޮމެންޓް