އެމްއެންޕީގެ ޓިކެޓް ލިބިއްޖެ ނަމަ ރިޔާސީ އިންތިހާބަށް ނިކުންނަން ނާޒިމް ހުރީ ތައްޔާރަށް

އެމްއެންޕީގެ ރައީސް ނާޒިމް: ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ވަނީ ފާޅު ކުރައްވާފައި ---

މޯލްޑިވްސް ނޭޝަނަލް ކޮންގްރެސް (އެމްއެންޕީ) ގެ ރިޔާސީ ޓިކެޓް ލިބިއްޖެ ނަމަ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ރައީސް ނާޒިމް 'ސަން' އަށް ވިދާޅުވީ އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރުމަކީ ކުރަމުން އަންނަ އުންމީދެއް ކަމަށާއި އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

"ޕާޓީގެ ޕްރައިމަރީގައި އަޅުގަނޑު ވާދަކޮށް ކާމިޔާބް ލިބިއްޖެ ނަމަ ރިޔާސީ އިންތިހާބަށް ނިކުންނާން," ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީން 'ތަބަބަކަށް' ލާފައި ވަކި މީހަކަށް ޓިކެޓް ނުދެއްވާނެކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބްގައި ވާދަ ކުރައްވާނެ ކެނޑިޑޭޓަކު ނިންމާނީ ޕާޓީގެ ކޮންގްރެސްގައި ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށެވެ.

އެގޮތުން އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ދާދި ފަހުން އުފެއްދި އެމްއެންޕީން ދެ ބައި އިލެކްޝަން ކާމިޔާބު ކޮށްފައެވެ. އެއީ ދެ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނެވެ. އަދި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަނުން އެ ޕާޓީގެ ކެނޑިޑޭޓަށް ނާކާމިޔާބް ލިބުނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. އެއީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްއާ ވާދަކޮށެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކަން ބޮޑު ގޮތެއްގައި މިހާތަނަށް ފާޅުކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އަދި ވާދަވެރި ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބްގައި ވާދަކުރާނެ ކަން މިހާރު އޮތީ އިއުލާން ކުރައްވާފައެވެ.

comment ކޮމެންޓް