އެމެރިކާގެ ކޮންގްރެސްގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނެންސީ ޕެލޯސީ، އޭޝިއާ ޕެސިފިކް ގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ޓައިވާނަށް ވަޑައިގަތުމަށް ނިންމެވި ނިންމެވުން ބަދަލުކުރައްވައި އޭނާގެ ދަތުރުފުޅުގެ މަންޒިލެއްގެ ގޮތުގައި މިހާރު ޓައިވާން ނެތްކަން ވަނީ ހާމަކުރައްވާފައެވެ.
ޕެލޯސީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އޭނާ އޭޝިއާ ޕެސިފިކް ސަރަހައްދަށް ކުރައްވާ ދަތުރުފުޅުގައި ހިމެނެނީ ސިންގަޕޫރު، މެލޭޝިއާ، ދެކުނު ކޮރެއާ އަދި ޖަޕާން ކަމުގައެވެ. ޓައިވާނުގެ ނަން އެޖެންޑާގައި ނެތެވެ.
ޕެލޯސީގެ މިދަތުރުފުޅުގެ ބޭނުމަކީ އޭޝިއާ ޕެސިފިކް ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަރަހައްދަށް އެމެރިކާ ދޭ ސަމާލުކަމާއި އަހަންމިއްޔަތު އެދެސަރަހައްދުގައިވާ އެމެރިކާގެ ބައިވެރިންނާ އަދި ރަހްމަތްތެރިންނަށް ކަށަވަރުކޮށްދިނުންކަން އޭނާ ބަޔާނުގައިވެއެވެ.

ނެންސީ ޕެލޯސީ
ޕެލޯސީގެ ދަތުރުފުޅުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެންބަރުންގެ ގޮތުގައި ހިމެނޭ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ހުރިހާ މެންބަރުންނާއި ހައުސްގެ ޚާރިޖީ ކަންކަމާބެހޭ ސަބްކޮމިޓީއާއި އަސްކަރީ ކަންކަމާބެހޭ ސަބްކޮމިޓީއާއި އަދި ޖާސޫސީކަންކަމާބެހޭ ސަބްކޮމިޓީގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާކަން އެބަޔާނުގައި ވެއެވެ.
ޕެލޯސީގެ ދަތުރުފުޅުގައި ކުރިން ޓައިވާން ހިމެނިއެވެ. މިކަންވަނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ކަށަވަރުވެސް ކޮށްދީފައެވެ. ނަމަވެސް ޓައިވާނަކީ ޗައިނާގެ ބައެއްގެ ކަމުގައި ޗައިނާ ދެކޭތީއާއި އެމެރިކާ ގަބޫލުކުރާ ވަން ޗައިނާ ޕޮލިސީގެ ދަށުން ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ޚުދު އެމެރިކާވެސް ގަބޫލުކުރާތީ ޗައިނާވަނީ މިމައްސަލާގައި އެމެރިކާއަށް ހަރުކަށި އިންޒާރެއް ދީފައެވެ.
މިއިންޒާރުގައި ޗައިނާ ސަރުކާރުންވަނީ ޗައިނާގެ ސަރަހައްދީ ރޮނގުގެ ތެރޭގައި އެމެރިކާއަށް ހިތުހުރި ކުޅިއެއް ކުޅުމުގެ ފުރުސަތު ނުދޭނެކަމުގެ އިންޒާރު ދީފައެވެ. ޕެލޯސީ ރަސްމީ ދަތުރުފުޅެއްގައި ޓައިވާނަށް ވަޑައިގަތުމަކީ ޗައިނާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުންކަމަށާ އެކަމުގެ ނަތީޖާ ވަރަށް ހިތިވާނެކަމުގެ އިންޒާރުވެސް ޗައިނާގެ މަސްއޫލުވެރިން އެމެރިކާއަށްވަނީ ދީފައެވެ.
އަނެއްކޮޅުން ޗައިނާ ސިފައިންގެ ކޮމަންޑަރަކުވަނީ ޕެލޯސީގެ ދަތުރުފުޅާ ދިމާކޮށް ޓައިވާންގެ ކައިރިއަށް ޗައިނާ ކަނޑުގެ ސިފައިންގެ މަނަވަރާއި ސަބްމެރިންފަދަ ބަރުހަތިޔާރުތައް ފޮނުވާނެކަމުގެ އިންޒާރުވެސް ދީފައެވެ.
އެއަށްފަހު އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ޗައިނާގެ ރައީސް ޝީޖިންޕިން އާ ދެމެދު ފޯނުންކުރެއްވި މަޝްވަރާތަކެއްގައި ޝީވަނީ ޕެލޯސީގެ ޓައިވާން ދަތުރުފުޅަކީ އަލިފާނާ ކުޅުންކަމަށް ސިފަކުރައްވައި އަލިފާނާ ކުޅެންއުޅެފިނަމަ އެއަލިފާނުގައި އެމެރިކާ އަނދައިގެންދާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ.
ޕެލޯސީގެ ދަތުރުފުޅު މިއަދު ފެއްޓެވުމުގެ ކުރިން ނެރުއްވި ބަޔާނުގައި އޭނާ ވަޑައިގަންނަވާ ގައުމުތަކުގެ ލިސްޓުގައި ޓައިވާން ނެތުމަކީ ޗައިނާގެ މިހަރުކަށި އިންޒާރާމެދު އެމެރިކާ ބިރުހީވެ މިއިންޒާރަށް އެމެރިކާ ދީލާލިކަން ހާމަވާކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓައިވާންއަކީ 1949 ވަނަ އަހަރު ޗައިނާގެ ކޮމިއުނިސްޓުން އެގައުމަށް އިންގިލާބު ގެނެސް ވެރިކަން ފޮރޮޅާލުމުގެ ކުރިން ޗައިނާގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން އެމެރިކާގެ އެހީގައި ފިއްލަވައިގެން ވަޑައިގެންނެވި ޗައިނާގެ ޖަޒީރާއެކެވެ. އޭރުއްސުރެ ޓައިވާން ގައި އޮންނަނީ ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި ވަކި ވެރިކަމެކެވެ.

ޓައިވާންގެ ވެރިރަށް ތައިޕޭ
ޗައިނާގެ ނަމަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއެވެ. ޓައިވާނުގައި ވަކި ވެރިކަމެއް އޮތްނަމަވެސް ޗައިނާއިން ވަކިވެ ވަކި ދައުލަތެއްގެ ގޮތުގައި މިނިވަންކަން އިއުލާނުކޮށްފައެއް ނުވެއެވެ. ޗައިނާ ބުނާގޮތުން ޓައިވާނުގައި ވަކި ސަރުކާރެއް އޮތަސް ވަކި ދައުލަތެއްގެ ގޮތުގައި މިނިވަންކަން އިއުލާނު ނުކުރާނަމަ އަޅައެއް ނުލާނެއެވެ.
ނަމަވެސް ވަކި ދައުލަތެއްގެ ގޮތުގައި މިނިވަންކަން އިއުލާނުކޮށްފިނަމަ ބާރުގެ ބޭނުންކޮށްގެން ޓައިވާން އަލުން ޗައިނާގެ ފުލް ކޮންޓްރޯލްގެ ދަށަށް ގެންނާނެކަމުގެ އިންޒާރު ޗައިނާވަނީ ދީފައެވެ.
އެމެރިކާ ކުރިން އިއުތިރާފުވީ ޗައިނާގެ ބަދަލުގައި ޓައިވާނަށެވެ. ނަމަވެސް ކުޑަކުޑަ ޓައިވާނަށް އެއޮއްބޮޑު ޗައިނާ ތަމްސީލު ނުކުރެވޭނެކަން އެންމެފަހުން އެމެރިކާ ގަބޫލުކޮށް 1971 ވަނަ އަހަރު އެމެރިކާވަނީ އެސިޔާސަތު ބަދަލުކޮށް ޓައިވާންގެ ބަދަލުގައި ޗައިނާގެ ކޮމިއުނިސްޓް ވެރިކަން ގަބޫލުކޮށް އެ ވެރިކަމަށް އިއުތިރާފް ވެފައެވެ.
މީގެމާނައަކީ ޓައިވާންއަކީ ޗައިނާގެ ބައެއްކަމަށް އެމެރިކާ ގަބޫލުކުރުމެވެ. ނަމަވެސް ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވާކަން ހާމަކުރެއްވީ ޗައިނާ ހުރިހާ ގޮތަކުންވެސް ބާރުގަދަވެ އެމެރިކާއަށްވުރެ ބޮޑަށް ޗައިނާ ކުރިއަރައި ބާރުގަދަވަމުންދާ ކަމުގެ އިހްސާސްކުރެވޭތީ އެކަން ހަޖަމު ނުކުރެވި ޗައިނާއަށް ޖެއްސުން ކުރުމުގެ ބޭނުމުގައެވެ.
ޗައިނާގެ ކުރިއެރުން އެމެރިކާއަށް ހަޖަމު ނުވިނަމަވެސް ޓައިވާނުގެ މައްސަލާގައި ޗައިނާއާ ޖެހިގަތުމަކީ އެމެރިކާއަށް މަސްލަހަތު އޮތްކަމެއް ނޫންކަން އެމެރިކާ ދަނެއެވެ. އަދި ޗައިނާއާ އިގްތިސާދީ ގޮތުންވެސް އަދި އަސްކަރީ ގޮތުންވެސް ކުރިމަތިލައި ހަނގުރާމަކޮށްގެން ކާމިޔާބު ހޯދުަމކީ އެމެރިކާއަށް ކުރެވޭނެކަމެއް ނޫންކަންވެސް އެމެރިކާ ވަރަށް ރަނގަނޅަށް ދަނެއެވެ.
އެހެންކަމުން ޓައިވާންފަދަ ޗައިނާގެ މިނިވަންކަމާއި ސިޔާދަތަށް ހައްސާސް މައްސަލައެއްގައި ޗައިނާ ދޫނުދޭނެކަމާއި އެކަމުގައި އެންމެފަހުގެ ވަސީލަތެއްގެ ގޮތުގައި ބާރުގެ ބޭނުންކުރަންވެސް ޗައިނާ ފަސްނުޖެހޭނެކަން އެންމެފަހުން އެމެރިކާ މިވަނީ ގަބޫލުކޮށްފައެވެ. ޕެލޯސީގެ ދަރުފުޅުގައި އެންމެ ފަހުވަގުތު ޓައިވާން ނުހިމެނީ މިސަބަބުތަކާ ގުޅިގެންނެވެ.
ޕެލޯސީ މިހާރު ވަނީ އޭޝިއާ ޕެސެފިކްގެ ދަތުރުފުޅު ފައްޓަވާފައެވެ. އޭނަގެ ދަތުރުފުޅުގެ އެޖެންޑާގައި ޓައިވާން ނުހިމެނުނު ކަމުގައި ވިޔަސް ޓައިވާނަށް ވަޑައިނުގަންނަވާނެ ކަމަށް ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ. ޗައިނާ ސަރުކާރުން ވަނީ ޕެލޯސީގެ ދަތުރުފުޅާ ގުޅިގެން އެ ގައުމުގެ ސިފައިންގެ ލަޝްކަރުތައް ތައްޔާރީ ހާލަތެއްގައި ތިބުމަށް ގޮވާލާފައެވެ.