އުރީދޫއިން ދޭ 5ޖީ ހިދުމަތް މާލޭ ސަރަހައްދަށް އެއްކޮށް ލިބޭ ވަރަށް އިތުރަށް ފުޅާކޮށްފިއެވެ.
އުރީދޫގެ 17ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ 2ޖީ ނެޓްވޯކެއްގެ ގޮތުގައި ރާއްޖޭގައި ފެށި އުރީދޫއިން މިއަދު 5ޖީގެ ޚިދުމަތް އިތުރަށް ފުޅާކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ދިވެހިންގެ ޚިދުމަތުގައި 17 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ގްރޭޓަރ މާލެއަށް އަޅުގަނޑުމެންގެ ފައިވްޖީ ނެޓްވޯކް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް 5ޖީގެ ހަލުވި ސްޕީޑްތަކާއެކު، ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތް ކަށަވަރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް," އޭނާ ވިދާޅުވިއެވެ.
މިއަދު އުރީދޫގެ 5ޖީ ނެޓްވޯކް އިތުރަށް ފުޅާ ކުރުމާއެކު، މާލެ، ވިލިމާލެ، ހުޅުމާލެ އަދި ހުޅުލެއަށް އެ ނެޓްވޯކުގެ 5ޖީ ކަވަރޭޖް ލިބޭނެއެވެ.
މީގެ އިތުރުން އުރީދޫގެ 5ޖީ މޯބައިލް ކަސްޓަމަރުންނަށް ވަނީ ހާއްސަ ޑޭޓާ ޕެކޭޖުތަކެއް ތައާރަފުކޮށްފައެވެ. އެގޮތުން ތައާރަފު ކުރި ޕެކޭޖުތަކަކީ:
- 5ޖީ އާޗާ ޕްރިޕެއިޑް (500 ރުފިޔާ): ދުވާލަކު 1 ޖީބީ, (ބޯނަސް 1 ޖީބީ ދުވާލަކަށް) 30 ދުވަހަށް
- 5ޖީ މަގޭ ޕްރިޕެއިޑް (500 ރުފިޔާ): 30 ޖީބީ، (ބޯނަސް 30 ޖީބީ) 30 ދުވަހަށް
- 5ޖީ އާޗާ ޕްރިޕެއިޑް (750 ރުފިޔާ): ދުވާލަކު 2 ޖީބީ، (ބޯނަސް 2 ޖީބީ ދުވާލަކަށް) 30 ދުވަހަށް
- 5ޖީ މަގޭ ޕްރިޕެއިޑް (750 ރުފިޔާ): 60 ޖީބީ، (ބޯނަސް 60 ޖީބީ) 30 ދުވަހަށް
އުރީދޫގެ އަހަރީ ދުވަހަށް ޚާއްސަކޮށް، 800 ރުފިޔާއިން މަތީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދެގުނަ ޑޭޓާގެ ބޯނަހެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އެއާ ފައިބާ ހިދުމަތް ތުރޮޓުލްއަކާ ނުލައި ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.
އުރީދޫއިން ރާއްޖެއަށް 5ޖީގެ ހިދުމަތް ތައާރަފުކުރީ 2020ވަނަ އަހަރު މާލެއަށެވެ.