އާރަށު މައްސަލައިގެ ޗެއިން އޮފް ކަސްޓަޑީއެއްގައި 2026ގެ ތާރީޚް

ރައީސް ޔާމީން: އާރަށު މައްސަލައިގައި ޗެއިން އޮފް ކަސްޓަޑީއެއްގައި ނުބައި ތާރީހެއް ވަނީ ޖަހާފައި --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެއްކި ހޯދި ތާރީހެއްގެ ގޮތުގައި 2026 ޖަހާގައި އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ.

އާރަށު މައްސަލައިގައި ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އެ މައްސާލަގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

އެ މައްސަލަތަކާ ގުޅިގެން މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. މިއަދު ހެކިބަސް ނަގާފައިވަނީ ޑިޕޮސިޓް ސްލިޕްތަކާއި ސިޓީތަކުގެ ސޮއިގެ ސައްޙަކަން ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިވެރިއެއްގެ ހެކިބަހެވެ.

ހެކިބަސް ނެގުމުގެ ތެރޭގައި ރައީސް ޔާމީންގެ ދިފާއީ ވަކީލުން ވަނީ ދައުލަތުން ހުށަހެޅި ކިތާބީ ހެކީގެ ޗެއިން އޮފް ކަސްޓަޑީގައި ނުބައި ތާރީހެއް ޖަހާފައި އޮތް މައްސަލަ ފެންމަތިކޮށްފައެވެ.

އެގޮތުން ދައުލަތުން ހެއްކެއް ހޯދި ތާރީހުގެ ގޮތުގައި އެ ރިޕޯޓްގައި ފާހަގަކޮށްފައި އޮތީ 23 އޯގަސްޓް 2026 އެވެ. އަދި އެކަން ކުރިން ފާހަގެވެފައި ނެތް ނަމަވެސް އެއީ މައްސަލައެއް ކަމަށް އެ ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާ ވަނީ ބުނެފައެވެ.

ތާރީޚްގައި މައްސަލައެއް އޮތުމުން އެ ރިޕޯޓުގެ ސައްހަ ކަމާ މެދު ދިފާއީ ވަކީލުން ވަނީ ސުވާލު އުފައްދާފައެވެ. ނަމަވެސް ރޕޯޓް ތައްޔާރުކުރި ފުލުސް މީހާ ބުނެފައިވަނީ, ތާރީޚް ނުބައި ކޮށް ޖެހިފަ އޮތް ނަމަވެސް އޭނާ ތައްޔާރުކުރި އެ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ދައުލަތުން އިތުރަށް ހެކިވެރިއާ ސުވާލު ކުރަން ބޭނުންވި ނަމަވެސް ޝަރީއަތުން މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް އެ ފުރުސަތެއް ދައުލަތަށް ނުދެއްވައެވެ. ވިދާޅުވީ އާ ސުވާލުތަކެއް ދައުލަތަށް މި މަރުހަލާގައި ހެކިވެރިއާ ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެއެވެ. އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވާނެއެވެ.

މިއަދު ނެގި ހެކިބަހާއެކު އެ މައްސަލައިގައި މިހާތަނަށް ނަގާފައިވަނީ ހަތަރު ހެއްކެއްގެ ހެކި ބަހެވެ. މީގެ ކުރިން ހެކިބަސް ނަގާފައިވަނީ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ތިން ފުލުހުންގެއެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި ކުރީގެ ނައިބް ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުالله ޒިޔަތު ވެސް ހިމެނެއެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް