ގޯއްޗާއި ފްލެޓަށް ކުރިމަތިލާ ފަރާތްތަކަށް ސިޓީ ކައުންސިލުން ފޯމު ފުރައިދޭން ފަށައިފި

ގޯތި އަދި ފްލެޓަށް ކުރިމަތިލާ ފަރާތްތަކަށް މާލެ ސިޓީ ކައުންސިލުން ފޯމު ފުރައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދެނީ--- ފޮޓޯ/ ސިޓީ ކައުންސިލް

ގޯތި އަދި ފްލެޓަށް ކުރިމަތިލާ ފަރާތްތަކަށް ފޯމު ފުރައިދޭން މާލެ ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ފޯމުލުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ފުރުމުގައި އެހީތެރިވުމަށް ނިންމާފައި ވަނީ ފޯމު ފުރުމުގައި ދަތިތަކާއި ކުރިމަތިވާ ފަރާތްތަކަށް ވީހާވެސް ބޮޑަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

ފޯމު ފުރައިދިނުމަށް މޭޒުތައް ބެހެއްޓިފައި ހުންނާނީ ކައުންސިލުގެ އާންމު ޚިދުމަތާ ބެހޭ ބައިގެ (ތައިސޭކޮށި) އާއި ކައުންސިލުގެ މާފަންނު އޮފީހުގައި ކަމަށް ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ 26 އަށް އެ ދެތަނުގައި ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ފެށިގެން މެންދުރު 02:00 އާ ދެމެދު އަދި ރޭގަނޑު 08:00 އިން 10:00 އާ ހަމަޔަށް ފޯމު ފުރުމާއި ހުށައެޅުމަށް އެހީތެރިކަން ފޯރުކޮށް ދެމުންގެންދާނެ ކަމަށެވެ.

ސަރުކާރުން މާލޭ ސަރަހައްދަށް ޚާއްސަ ކުރެވޭ ގޯތި އަދި ފްލެޓްތަކަށް ފޯމް ހުށަހެޅުމަށް ރައްޔިތުންނަށް އެހީތެރިވެދިނުމަށް 'ހިންގާލާ' ގެ ނަމުގައި އެމްޑީޕީން ވެސް ވަނީ ހަރަކާތެއް ފަށާފައެވެ.

އެޕާޓީން ބުނީ އެ ހަރަކާތަކީ އެމްޑީޕީގެ އެންމެ އިސް އެއް ސިޔާސަތު ކަމުގައިވާ، ރައްޔިތުން ގެދޮރުވެރި ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ސަރުކާރުން މާލޭ ސަރަހައްދަށް ހާއްސަ ކުރެވޭ ގޯތި އަދި ފްލެޓްތަކަށް ފޯމް ހުށަހެޅުމަށް ރައްޔިތުންނަށް އެހީތެރިވެދިނުމަށް ކުރިއަށްގެންދާ ޚާއްސަ ސެޝަންތަކެއް ކަމަށެވެ.

އެ ހަރަކާތް ކުރިއަށް ގެންދަން ފަށާފައިވަނީ ފާއިތު ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކޮންމެ ރެއެއްގެ 20:00 އިން 22:30 އަށް ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ދަނޑިކޮށި ޖަގަހައިގައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން މާލޭގެ ރަށްވެހިންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗާއި ފްލެޓަށް އެދި، އެކަމަށް ޚާއްސަ ކޮށްފައިވާ "ގެދޮރުވެރިން ޕޯޓަލް"އަށް މިހާރު ވެސް 3،000 އަށް ވުރެން ގިނަ ފޯމް ވަނީ ހުށަހަޅާފައެވެ.

ގޯއްޗަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް ލިބޭ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަ ފޫޓެވެ. އެޕްލިކޭޝަނުގައި ބައިވެރިވާ މީހުންގެ އަދަދަށް ބަލާ ގޯތީގެ ސައިޒު ބޮޑުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އެންމެ ބޮޑު ސައިޒެއްކަމަށް ކަނޑައަޅާފައިވަނީ 4000 އަކަފޫޓެވެ.

comment ކޮމެންޓް