ގޮތަބަޔަ އެނބުރި ގައުމަށް ވަޑައިގަތުމާ ދެކޮޅުކަން ރަނިލް ހާމަކުރައްވައިފި

ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ

ކޮލަންބޯ (1 އޮގަސްޓް 2022) : ސްރީލަންކާގެ ރައްޔިތުން އުތުރި އަރައި ރިޔާސީ ގަނޑުވަރާއި ރިޔާސީ އޮފީސް އެމީހުންގެ ބާރުގެ ދަށަށް ގެނައުމާގުޅިގެން ގައުމު ދޫކުރައްވައި ފިއްލަވައިގެން ސިންގަޕޫރަށް ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ މިދަނޑިވަޅުގައި އެނބުރި ގައުމަށް ވަޑައިގަތުން ބުއްދިވެރި ނޫންކަމަށް އެގައުމުގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ "ވޯލް ސްޓްރީޓް ޖާނަލް" އަށް ދެއްވި ބަސްދީގަތުމުގައި ރަނިލް ވިދާޅުވީ ގޮތަބަޔަ އެނބުރި ސްރީލަންކާއަށް ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް އޭނާއަށް ލިބިފައިނުވާކަމަށާ ނަމަވެސް ގޮތަބަޔަ އެނބުރި ގައުމަށް ވަޑައިގަންނަވަން އުޅުއްވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމުގައެވެ.

ރަނިލް ވިދާޅުވިގޮތުގައި މިދަނޑިވަޅު ސްރީލަންކާގެ ހާލަތު އޮތްގޮތުންނާ އަދި ރައްޔިތުންގެ ގިނަ ބައެއްގެ އިހުސާސްތައް ހުރިގޮތުން ގޮތަބަޔަ އެނބުރި ގައުމަށް ވަޑައިގަތުމަކީ ސްރީލަންކާގެ ސިޔާސީ މަސްރަހު އިތުރަށް ހަލަބޮލިވެ ހަމަނުޖެހުންތަކަށް މަގުފަހިވެގެންދާނެ ކަމެކެވެ. މިމޭރުމުން ވާހަކަދައްކަވަމުން މިއީ ގޮތަބަޔަ އެނބުރި ގައުމަށް ވަޑައިގަންނަވަން ރަނގަޅު ވަގުތު ނޫން ކަމަށް ރަނިލް ވިދާޅުވިއެވެ.

ސްރީލަންކާގެ ރައްޔިތުން ގޮތަބަޔަގެ ވެރިކަމާދެކޮޅަށް މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހު އުތުރި އަރައި ރިޔާސީ ގަނޑުވަރާއި ރިޔާސީ އޮފީސް އެ މީހުންގެ ބާރުގެ ދަށަށް ގެނައުމާގުޅިގެން އޭނާ ވަނީ ސިފައިންގެ އެހީގައި އެތަނުން ފިއްލަވައިގެން އަސްކަރީ މަރުކަޒެއްގައި ސިފައިންގެ ހިމާޔަތުގައި ދުވަސްކޮޅަކު ހުންނަވާފައެވެ.

އެއަށްފަހު ސްރީލަންކާގެ ސިފައިންގެ އެހީގައި ރައްޔިތުންނަށް ފިއްލަވައިގެން ޖުލައި މަހުގެ 13 ވަނަ ދުވަހު ގޮތަބަޔަ ކުއްލިގޮތަކަށް ދަންވަރުގެ ވަގުތެއްގައި އަސްކަރީ މަތިންދާބޯޓެއްގައި ގައުމު ދޫކުރައްވައި ވަޑައިގެންނެވީ ދިވެހިރާއްޖެއަށެވެ.

ދިވެހިރާއްޖޭގައި އެއް ދުވަހު މަޑުކުރެއްވުމަށްފަހު ޖުލައިމަހުގެ 14 ވަނަ ދުވަހު ވަޑައިގެންނެވީ ސިންގަޕޫރަށެވެ. މަގާމުން އިސްތިއުފާ ދެއްވީ ސިންގަޕޫރަށް ވަޑައިގެންނެވިތާ ހައެއްކަ ދުވަހުގެ ތެރޭގައެވެ. ގޮތަބަޔަ އިސްތިއުފާ ދެއްވުމާއެކު ސްރީލަންކާގެ ޕާލަމެންޓުން ވަނީ އެ ގައުމުގެ ރައީސްކަމަށް ގޮތަބަޔަގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ބޮޑުވަޒީރަކަށް ހުންނެވި ރަނިލް ވިކްރަމަސިންހަ އިންތިޚާބުކޮށްފައެވެ.

ސިންގަޕޫރުން ވަނީ ގޮތަބަޔައަށް ސިޔާސީ ހިމާޔަތް ނުދޭނެކަމަށް ބުނެފައެވެ. ނަމަވެސް ސިންގަޕޫރުން ވަނީ އޭނާއަށް ކުރިން ދިން 14 ދުވަހުގެ ވިސާ ހަމަވުމުން 14 ދުވަހުގެ އިތުުރު ވިސާއެއް ދީފައެވެ. ސިންގަޕޫރުން އެންމެފަހުން ދިން 14 ދުވަހުގެ ވިސާގެ މުއްދަތު އިތުރުކޮށް ނުދީފިނަމަ ގޮތަބަޔައަށް ޖެހިވަޑައިގަންނަވާނީ ސިންގަޕޫރު ދޫކުރައްވައި އެހެން ގައުމަކަށް ވަޑައިގަންނަވާށެވެ.

ރައްޔިތުންގެ އުތުރިއެރުމާ ގުޅިގެން ގޮތަބަޔަ އެންމެ ފުރަތަމަވެސް ގައުމު ދޫކުރައްވައި ވަޑައިގަންނަވާނެކަމަށް ބެލެވިފައިއޮތީ ގަލްފުގެ އަރަބި ގައުމެއްކަމަށްވާ ޔޫއޭއީގެ ވިޔަފާރި ސިޓީ ކަމަށްވާ ދުބާއި އަށެވެ. ދުބާއި އަކީ ގައުމުތަކުން ފިއްލަވާ ވެރިން ދިރިއުޅުއްވުމަށް މަޝްހޫރު ސިޓީއެކެވެ.

ދުބާއީއަށް ފިއްލަވައިގެން އެ ސިޓީގައި ދިރިއުޅުއްވާ މިފަދަ ވެރިންގެ ތެރޭގައި ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރުވޭޒް މުޝައްރަފް، ތައިލެންޑްގެ ކުރީގެ ދެބޮޑުވަޒީރުން ކަމަށްވާ ތަކްސިން ޝިނަވަތްރާ އާއި އޭނާގެ އަންހެންކޮއްކޮ ޔަންގްލަކް ޝިނަވަތްރާ ހިމެނެއެވެ. އަދި ކޮރަޕްޝަނުގެ މައްސަލާގައި މަގާމުން އިސްތިއުފާދެއްވި ސްޕޭންގެ ކުރީގެ ރަސްގެފާނު ޚުވާންކާލޮސް އާއި އޭނާގެ އާއިލާގެ ބައެއް ބޭފުޅުން ވެސް ދިރިއުޅުއްވަނީ ދުބާއީ ގައެވެ.

ސްރީލަންކާގެ ކެބިނެޓްގެ ތަރުޖަމާނު ޑރ. ބަންޑޫލާ ގުނަވަރުދަނާ މިދިޔަ ހަފުތާގައި ވަނީ ގޮތަބަޔަ އަލުން އެނބުރި ސްރީލަންކާއަށް ވަޑައިގަންނަވަން ގަސްދު ކުރައްވާކަމަށް ވިދާޅުވެފައެވެ. ގޮތަބަޔަ އަލުން އެނބުރި ސްރީލަންކާއަށް ވަޑައިގަންނަވަން ގަސްދުކުރެއްވީ ދުބާއީގައި ހުންނަވާގޮތަށް ޔޫއޭއީގެ ސަރުކާރުން އޭނާއަށް ހިމާޔަތް ނުދިނުމުންކަމުގެ ނުރަސްމީ ޚަބަރުތަކެއް ފެތުރުނެވެ. ނަމަވެސް އެކަމުގެ ހަގީގަތް ސާފުވެފައެއް ނުވެއެވެ.

ދުބާއީގައި ރަޖަޕަކްސަގެ އާއިލާގެ ގެދޮރާއި އެ ނޫން ވެސް ހަރުމުދާ ހުރިކަމަށްވެއެވެ. ވޯލް ސްޓްރީޓް ޖާނަލް ބުނާގޮތުން މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު ސްރީލަންކާގެ ރައީސްކަމާ ރަނިލް ހަވާލުވެ ވަޑައިގެންނެވި ފަހުން ރަނިލް ވަނީ ގޮތަބަޔަ އާ ފޯނުން ގުޅުއްވައި ސްރީލަންކާގެ ރަސްމީ ބައެއް ކަންކަމާ ބެހޭގޮތުން އޭނާ އާ މަޝްވަރާ ކުރައްވާފައެވެ.

ރަނިލްއަކީ ވެސް ސްރީލަންކާގެ ރައްޔިތުންގެ ތާއީދު ނެތް ބޭފުޅެކެވެ. ރަނިލްއަކީ އެތައް ފަހަރަކު ސްރީލަންކާގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެއް ނަމަވެސް އޭނާގެ ބޮޑުވަޒީރުކަމުގައި ކޮރަޕްޝަންގެ އަމަލުތައް ފުޅާދާއިރާއެއްގައި ހިންގާފައިވާ ކަމުގެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރެވިފައިވެއެވެ. އަދި ސްރީލަންކާ މިހާރު ވެއްޓިފައިވާ އަނދަވަޅަށް ވައްޓާލުުމުގައިވެސް އޭނާގެ ދައުރު ވަރަށް ބޮޑުކަމަށް އާންމުން ދެކެއެވެ.

އެހެންކަމުން މިހާރުވެސް ރަނިލްއާ ދެކޮޅަށް ސްރީލަންކާގެ އާންމުން މުޒާހަރާކުރެއެވެ. އޭނާގެ އިސްތިއުފާއަށް ގޮވަމުން ގެންދެއެވެ. ރަނިލްގެ ވެރިކަން މިހާނާޒުކު ހާލަތެއްގައި އޮއްވައި މިދަނޑިވަޅުގައި ގޮތަބަޔަ އެނބުރި ގައުމަށް ވަޑައިގަތުމަކީ ރަނިލްއަށާއި އޭނާގެ ސަރުކާރުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއަށް ވެސް ރައްޔިތުންގެ އިތުރު ފިއްތުންތަކެއް އަންނާނެ ކަމެއް ކަމަށް ރަނިލް ދެކެވަޑައިގަންނަވައެވެ.

ނަމަވެސް ސްރީލަންކާގެ އިގްތިސާދީ ހާލަތު ރަނގަނޅުވެ ރައްޔިތުންނަށް ފަސޭހައިން ކާބޯތަކެއްޗާއި އާންމު ޚިދުމަތްތައް ލިބި ދިރިއުޅުމުގެ ހާލަތު ރަނގަޅުވުމުން ސްރީލަންކާގެ ވެރިންނަށް މިހާރު ކުރިމަތިވެފައިވާ ފިއްތުންތައް ކުޑަ ވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

comment ކޮމެންޓް