ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދިނީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް، އެހެން ޕާޓީތަކުން ފާޑުކިޔާކަށް ނުޖެހޭނެ: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދިނީ އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެކަމާ އެހެން ޕާޓީތަކުން ފާޑުކިޔާކަށް ނުޖެހޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ޕާޓީގެ ސެނެޓުން ވަނީ ރޭ ނިންމާފައެވެ. އަދި ރޭ ބޭއްވި ސެނެޓު ބައްދަލުވުމުގައި ސެނެޓުގެ ނިންމުމާ އެއްގޮތަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ރައީސް ޔާމީން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ނަމަވެސް ޕްރައިމެރީއަކާ ނުލާ ރިޔާސީ ޓިކެޓް ސީދާ ރައީސް ޔާމީނަށް ދިނުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އެކަމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އަދުރޭ މިއަދު "ސަން"އަށް ވިދާޅުވީ ޕާޓީގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ދިނީ ޕީޕީއެމްގެ އަސާސީ ގަވައިދާ އެއްގޮތައް ކަމަށެވެ.

"ފާާޑު ނުކިޔާނެ ކަމެއް ނޯންނާނެ އެއްކަމެއްވެސް. ޕީޕީއެމްގެ އަސާސީ ގަވައިދުގަ ބުނެފަ އޮންނާނެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފަ ހުރި ބޭފުޅަކު އަނެއްކާވެސް ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލާން ބޭނުންވެއްޖެނަމަ އެ ފުރުސަތު އޮންނާނެ ކަމަށް. ޕްރައިމެރީ އެއް ބާއްވަން ނުޖެހޭނެކަން،" އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އަމަލުކުރުމުގެ ބާރު އެ ޕާޓީއަކަށް އޮންނަން ޖެހޭނެ ކަމަށާއި އެކަމާ އެހެން ޕާޓީތަކުން ފާޑު ކިޔާކަށް ނުޖެހޭނެ ކަމަށެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނީ ޕްރައިމެރީއެއް ބާއްވައިގެންނެވެ. ނަމަވެސް ރައީސް ކަމަށް އިންތިހާބުވެ ފަސް އަހަރުގެ މުއްދަތެއް ފުރިހަމަ ކޮށްފައިވާނަމަ ގާާނޫނު އަސާސީއާ އެއްގޮތަށް ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވުމަށް ޕާޓީގެ
ޓިކެޓުގައި ވާދަކުރަން އެދޭނަމަ، އެ މެންބަރަކަށް ރިޔާސީ ޕްރައިމަރީއަކަށް ނުގޮސް ޕާޓީގެ ޓިކެޓު ދެވިދާނެ ކަމަށްވެސް އެ ޕާޓީގެ އަސާސީ ގަވައިދުގައިވެއެވެ.

ނަމަވެސް ޕާޓީގެ މުސްތަޝާރާ ވާދަކޮށް ޕާޓީގެ ޓިކެޓު ހޯދުމަށް އިތުރު މެމްބަރަކު ނުވަތަ މެންބަރުންތަކެއް ޝައުޤުވެރިކަން ފާޅުކޮށްފައިވާނަމަ، އެމެމްބަރަކު ނުވަތަ މެމްބަރުންނަށް ޕްރައިމަރީއަކަށް ގޮސް ޕާޓީގެ މުސްތަޝާރާ ވާދަކޮށްގެން ޓިކެޓު ހޯދުމުގެ ފުރުޞަތު ދޭން ފެނޭތޯ، އެ ރިޔާސީ އިންތިޚާބުގެ ތާރީޚާ އެންމެ ކައިރިކޮށް ބޭއްވޭ ޕާޓީގެ ޤައުމީ ޖަލްސާއެއްގައި މަންދޫބުންގެ ވޯޓަކުން ނިންމަން ވާނެ ކަމަށް އެ ގަވައިދުގައިވެއެވެ.

ހަމައެއާއެކު، އެގޮތަށް މެންބަރުންނަށް ފެންނަ ނަމަ، ޕްރައިމެރީއެއް ބާއްވަން ޖެހޭނެކަމަށް ވެސް ޕީޕީއެމްގެ އަސާސީ ގަވައިދުގައިވެއެވެ.

ރައީސް ޔާމީނުގެ ރަނިން މޭޓަކަށް ވާދަކުރާނެ ބޭފުޅެއް ކަނޑައެޅުމާ ބެހޭގޮތުން އަދުރޭއާ ސުވާލުކޮށްލުމުން އޭނާ ވިދާޅުވީ، އެ ނިންމުން ނިންމާނީ ރައީސް ޔާމީން ކަމަށެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން އަމިއްލަފުޅަށް އެމަނިކުފާނުގެ ރަނިން މޭޓްގެ ގޮތުގައި ޕީޕީއެމް އިން ވާދަކުރާނެ ބޭފުޅެއް ކަނޑައެޅުމުގެ ފުރުސަތު ދީފައިވާކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދޭން ނިންމާފައިވާއިރު، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ.

އެއީ ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ކުންފުންޏަކާ ހަވާލުކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާ އަކާއި ރ. ފުއްގިރީގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައުވާ ދެ ދައުވާއެކެވެ.

އެ ރަށުގެ މުއާމަލާތާ ގުޅިގެން ވެސް އުފުލާފައި ވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ހުށަހެޅުމުގެ ދައުވާއެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު އެމަނިކުފާނުގެ ކިބައިން އުނިވާނެއެވެ.

އާރަށުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާގެ ހުކުމް އިއްވުން މިހާރު ތާވަލްކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހަށެވެ.

comment ކޮމެންޓް