ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ނިންމައިފި

ކުރީގެ ރައީސް ޔާމީން މިއަދު ގައުމާ މުހާތަބުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަމަށް އެ ޕާޓީގެ ސެނެޓުން ނިންމިއިފިއެވެ.

ޕީޕީއެމާ ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕީޕީއެމްގެ ސެނެޓުގެ ނިންމުމާ އެއްގޮތަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ރައީސް ޔާމީން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާ ގުޅޭގޮތުން މީގެކުރިން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ސީދާ ޖަވާބެއް އެމަނިކުފާނު ދެއްވާފައިނުވެއެވެ.

ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން މީގެކުރިން ވިދާޅުވެފައި ވަނީ އަންނަ އަހަރު ބާއްވާ އިންތިޚާބަށް ވިސްނުމުގެ ކުރިން ޝައުގުވެރިކަމާއެކު އިސްކަންދެއްވާ އިތުރު ކަންކަން އެބަހުރި ކަމަށެވެ.

ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދޭން ނިންމާފައިވާއިރު، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ. އެއީ ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ކުންފުންޏަކާ ހަވާލުކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާ އަކާއި ރ. ފުއްގިރީގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައުވާ ދެ ދައުވާއެކެވެ.

އެ ރަށުގެ މުއާމަލާތާ ގުޅިގެން ވެސް އުފުލާފައި ވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ހުށަހެޅުމުގެ ދައުވާއެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު އެމަނިކުފާނުގެ ކިބައިން އުނިވާނެއެވެ.

އާރަށުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާގެ ހުކުމް އިއްވުން މިހާރު ތާވަލްކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހަށެވެ.

comment ކޮމެންޓް