ވާރޭގައި ވީ ހިޔަނިތައް 6

"ނަމާދުނުކޮށް ކުރާ އެއްވެސް އަމަލެއް ﷲގެ ހަޟުރަތުގައި ހެޔޮ އަމަލެއްގެ ގޮތުގައި ގަބޫލުކުރެވިގެންނުވެއެވެ."

***

"ފެންވަރާ ރެސްޓްކޮށްލަނީ ދެން ކާން އަންނަނީ އިނގޭ..." ރޯޒަލީ ބަންގާޅުކުދިންނާއި ވާހަކަދައްކާ ބަހުރުވައިން ބުނެލިއެވެ.

"އޯކޭ މަންމާ.."ހައިސަމްގެ ބަހުރުވަ ވުމުން ޚަލީސީ ދިވެހިދަސްކުރަން ފަށާފައިވުމުން މަދު ލަފުޒުތަކެއް ދަސްވެފައިވިއެވެ.

"މަންތްލީ ކިހާވަރަކަށް ޑޮލަރު؟" ޚަލީސީ އެހިއެވެ.

"ޑޮލަރުން ނޭގޭ. ކެއުމާއިއެއްކޮށް ދިހަހާސް ރަގަޅުވާނެ.."

ޚަލީސީގެ އަނގަ ހުޅުވުނެވެ. މައިދައިތައަކީ މިހާ ބޮޑު ބަޚީލެއްކަމަށް އޭނަ ހިޔެއްނުކުރެއެވެ. އެހެނެއްނޫނެވެ. ބަޚީލެކޭ ބުނުމަކީ މައިދައިތައަށް ކުރެވޭ މަލާމާތެކެވެ. ފައިސާއަކީ ރޯޒަލީއަށް މުހިއްމު އެއްޗަކީއެވެ. ދަރިންނަށް ކިޔެއްވުމާއި ގޭގެ ޚަރަދަށްޓަކާ އެވަރުވެސް މަދީއެވެ. ޚަލީސީ އޭނަ ފެންވަރަން ބޭނުންކުރާ ސާމާނު ނަގާ ރީތިވާމޭޒުމަތީގައި ބަހައްޓަން ފެށިތަނާ ރޯޒަލީ އޭނަގެ ކަންފަތަށް ހީލިކާވަރަށް ކައިރިވެލާފައި ބުނި އެއްޗަކުން ސިހުނެވެ." އަހަރެންގެ ޝަރުތެއް އެބައޮތް. މަގޭ ފިރިހެން ދަރިންނާއި ވާހަކަދައްކައިގެން ނުވާނެ. ފެންނަ ހިސާބަށް އައިސްގެންނުވާނެ. ހައިސަމްއާއި ރާހިލްއަކީ މަގޭ ދެލޮލުގެ ނޫރު. އެދެބެން ފަރަންޖީއަކާއި ދެވަން މަގޭ ހިތާއި ހަށިވެސް ނުރުހޭ. އަޑުއިވިއްޖެތަ؟"

"އެކްސްކިއުޒް މީ؟" ޚަލީސީއަށް މިފަހަރު މައިދައިތަ ކީ އެއްވެސް އެއްޗެއް ދޭހައެއްނުވިއެވެ.

"އޭނ؟ކީކޭ؟ ކިޔާ އެއްޗެއް އެނގެނީއެއްވެސް ނޫން. އެކަމަކު ރާހިލް ވެއްޖެވިއްޔާ މި ހަންޑި ދެލޯ ހުރި މަންޖެ ވަންނާނެ ތަނެއް ނެތޭ ކިޔާފައި މިގޭގައި ބަހައްޓަން... އެމާ....އެމާ..."

ރޯޒަލީ އެމާއަށް ގެނެސްގެން އޭނަގެ ވާހަކަތައް ތަރުޖަމާކުރުވިއެވެ.

ޚަލީސީގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ޖަހާލައިފިއެވެ. ހައިސަމްގެ ހުއްދަނެތި މިގެއަށް އާދެވުނުކަމުގެ މޮޔަހީވިއެވެ. މައިދައިތައަކީ ހީކުރިވަރަށްވުރެ ހަރުކަށި އުސޫލްތައް ގެންގުޅޭ މީހެކެވެ. ހައިސަމް ފަދަ ޒުވާނަކު މަންމަދެކެ ބިރުގަންނަ ސަބަބު އެނގުނީ އެ މަންމަ ހަމަ ލޮލުން ފެނި މުއާމަލާތުކުރެވުމުންނެވެ. ރޯޒަލީގެ މޫނުމަތިންވެސް ފެންނަނީ ޖެހިލުންކުޑަ ކަމާއި ހިތްވަރުގަދަކަމެވެ. އިނގިރޭސިބަސް ނޭގުނުކަމުގައި ވިޔަސް ފުދޭވަރަކަށް އިލްމުލިބި ތަންދޮރު ފިލާފައިވާ އަންހެނެކެވެ. ރޯޒަލީގެ މުޅި ދިރިއުޅުން ވަގުފުކޮށްފައިވަނީ ދަރިންނަށްޓަކައެވެ. ވީއިރު ޚަލީސީވެސް އެކަން ދަންނަން ޖެހޭނެއެވެ. ނަމަވެސް ހައިސަމްއާއި އޭނަގެ ކައިވެންޏަށްފަހު އެކަން ސިއްރުކުރުމުގެ މާނައެއް އޭނައަކަށް ނުފެނެއެވެ. ޑޮކްޓަރަކަށް ނުވިޔަސް އޭނައަކީ ގޯސް އަންހެންކުއްޖެއް ނޫނެވެ.

ޚަލީސީ ފެންވަރާ ނިމުމަށްފަހު ދަބަސްތެރެއިން ނެގި ކުޑަ ފަށެއް ކަރުގައި އެޅިއެވެ. ކުޑަ ސަލީބެއް ޖެހި އެފަށް ރަމްޒުކޮށްދެނީ އޭނަގެ ދީނެވެ. މަންމަ އެ ހަދިޔާދިނީ ކްރިސްމަސް ދުވަހުއެވެ. ދޭތެރެއަކުން އޭނަ އެފަށް އަޅަނީ ހައިސަމް ނެތްވަގުތު ބަލާފައެވެ.ޚަލީސީއަކީ އޭނަގެ ދީނަށް ލޯބިކުރާ އަންހެންކުއްޖަކަށްވިޔަސް ހައިސަމްއާއި އެފަދަ އެއްވެސް ވާހަކައެއް ހިއްސާނުކުރަނީ އެލޯތްބަށް ދީނުގެ ހިޔަނި އެޅިޔަ ނުދޭންވެގެންނެވެ. ހައިސަމް އެހާވަރުން ދީނާއި ހެދި ނޫޅުނަސް މައިދައިތަގެ ޅީދަރިއަކު މުސްލިމަކަށް ވާން ޝަރުތުކޮށްފައިވާކަން އެނގުމުން އޭނަ ހުރީ ބޭރުފުށުން ދީނަށް ވަންނާން ޖެހުނަސް ހެޔޮކަމަށް ނިންމައިގެންނެވެ.

***

ހަޒަލް ސޫފީ ކާރުން ބޭލުމާއެކު އަތުނުވެ ކުދި ފިޔަވަޅުތަކެއްގައި ދުއްވައިގަތްތަނާ ޚަލީސީއަށްވެސް ނުކުމެވުނެވެ. ހަޒަލް ޚަލީސީގެ ގައިގާ ކުޑަކޮށް ބައްދާލާފައި ތައާރަފުވެލިގޮތަށް ދެކުދިން އަނގަ ތަޅަންފެށިގޮތުން އެތައް ޒަމާނެއްވާންދެން ދެނެފަރިތަ ދެމިތުރުންނެކޭ ތަފާތެއްނެތެވެ. ރީދޫކުލައިގެ ޓޮޕްކޮޅަކާއެކު ޖެކެޓެއްލައިގެން ހުދު ޖިންސެއްލައިގެން ހުރި ޚަލީސީ ވަރަށް ލޯތްބެވެ. މޫނުމަތީގައި ހިތްހެޔޮގޮތެއް ހުއްޓެވެ. ދެއްކުންތެރިކަމެއްނެތެވެ. ހަޒަލްހުރީ ކަޅާއި ހުދުކުލައިގެ އަތްދިގު ހެދުމަކާއި ޖިންސެއްލައިގެން އެކުލައިގެ ބުރުގާއެއް އަޅައިގެންނެވެ. ޚަލީސީ އާއި ހަޒަލް ގަސްތަކުގެ ތެރޭގައި ހިނގަމުން ދިޔައިރުއެކި ވާހަކަތައް ދެއްކިއެވެ. ހަޒަލް ބުނީ ދަރިފުޅުގެ ބައްޕައަކީ ދިވެއްސެއްކަމުގައެވެ. ސޫފީގެ ސިފަތައް އެގޮތަށް ހުންނަން ޖެހޭ ސަބަބެއް އޭނައަކަށްވެސް ނޭގޭކަމުގައި ބުނެލިއެވެ. މަންމައަށް ނާންގާ ފިރިމީހާއާއި ދަރިފުޅު ގޮވައިގެން އައުމުން މަންމަގެ ނުރުހުމާއި ކުރިމަތިލާން ޖެހުނުކަމަށާއި ފިރިމީހާއަށް އެގޭގައި ހުންނަން ނުކެރިގެން އެކަނިވެރިކޮށް އުޅޭ މާމަގެ ގާތުގައި މަޑުކޮށްލީކަމުގައި ބުނެލީވެސް ހީލަމުންނެވެ. ހަޒަލް ގަބޫލުކުރަނީ ހުރިހާކަމެއް ރަގަޅުވާނެކަމުގައެވެ. މަންމަގެ ހިތް ކައިދަންއަށް ލެނބޭނެކަމުގައެވެ.

"އަހަންނަށްވެސް ހަމަ ތި ލަނޑު ލިބިފައެއްނު މިހިރީ. ސޭމްވެސް ގަބޫލެއްނޫން މިދުވަސްކޮޅު މިގެއަށް އަންނަން. އެކަމަކު އެނބުރި ގައުމަށް ދިޔުމަކީ ފަސޭހަކަމެއްނޫން. ބަހަނާއެއް ދައްކައިގެން މިގޭގައި ހުންނަން މިޖެހުނީ.."

"ޑޯންޓް ވޮރީ. ހުރިހާކަމެއް ރަގަޅުވާނެ އިންޝާﷲ.."

"މަންމަ ބުނި ހައިސަމްމެން ފެންނަ ހިސާބަށް ނުކުމެގެން ނުވާނެޔޯ."

"މަންމަ ގޭގައި ނޫޅެނީތަ؟"

"އެމާ ބުނި މަންމަގެ އެކުވެރިއަކު ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތީމަ އެހެން ރައްޓެއްސަކާއެކު ވިޒިޓްކުރަން ދިޔައީއޭ. އެހެންވެ މިނުކުތީ. އަދިވެސް ހައިސަމް ނާދޭ............"ޚަލީސީ ގަޑިއަށް ބަލައިލިއެވެ.

"ޑިއުޓީ ނިމިގެން ކޮފީއަކަށް ދިޔައީކަމަށްވާނީ. ނޫނީ އޮންކޯލް ވީމަ އިމަޖެންސީއަކަށް އެޓެންޑްކުރަންވެސް ޖެހިދާނެ. ޑޮކްޓަރަކަށް ވުމަކީ ބައެއްފަހަރު އަންހެންކުދިންނަށް ފަސޭހަކަމެއްނޫނޭ ހިތަށް އަރާ. މަންމައަކަށް ވުމަށްފަހު ދަރިފުޅާއި ދުރުގައި އުޅެންޖެހުނީމަ ދަރިފުޅުގެ ތަރުބިއްޔަތަށް އަސަރުކޮށްފާނެ..އަހަރެންވެސް ޑިއުޓީއަށް ނިކުންނަން ފެށީމަ އެހެން ކުއްޖަކަށް ސޫފީ ބެލޭނެ ބާވައޭ ހިތަށް އަރާ. އެހާ ހަލަނި..އޯމައިގޯޑް. އަނެއްކާ ރޭގަނޑަށް ވިއްސާރަ ވިލާތައް ނަގާލައިފި ދޯ...." އަނދިރިކަން ގަދަވާން ފެށުމުން އުދަރެހާއި ދިމާލަށް ބަލައިލަމުން ހަޒަލް ސޫފީ އުރާލައިފިއެވެ."ދަރިފުޅު ވަރަށް ސަކަރާތްޖެހިއްޖެ. ދެން މަންމަ ކައިރިއަށް އާދޭ ބޭބީ..މަންމަ ބޭނުން ހަގްއެއް......"

ސޫފީ ހަޒަލްގެ ކަނދުރާގައި ބައްދައިގަތެވެ.

"ހަމަ އެންޖެލިކް ފޭސްއެއް...އެހާ މައުސޫމް...." ޚަލީސީ އެފަން އިސްތަށިކޮޅާއި ކުޅެލިއެވެ."އެކަމަކު ހަޒަލް އާއި ވައްތަރެއްނޫން.....ހެހެ.."

"ކައިދަންއާއި ވައްތަރެއްވެސް ނޫން. އެކަމަކު އެހެން މީހުންނަށް ފާހަގަނުކުރެވޭ ސިފައެއް ދެބަފައިންގެ އެބަހުރި.."ހަޒަލް ބާރު ހިނިގަނޑެއް ޖަހައިލަމުން ސޫފީގެ ކުޑަ ނޭފަތުގައި ހިފައިލިއެވެ."އެހެރީ މިރުހެއްހެން ރަތްވެފައި.ހޫމް. ޚަލީސީ. އެކަމަކު މިބުނީ ދެބަފައިންގެ ވައްތަރު ސިފައަކީ ނޭފަތް ރަތްވާ ވާހަކައެއްނޫން އިނގޭ. އެއީ ހަމަ ބޮޑު ސިއްރެއް އިނގޭ. ވަރަށް ރެއާ އާއްމުކޮށް މީހުންގެ ނުހުންނަ ކަހަލަ ސިފައެއް ކައިދަންއާއި ސޫފީގެ އެބަހުރި. އެހެންނޫންނަމަ މަވެސް ހީކުރާނީ ދަރިފުޅު އޮޅުނީކަމަށް. ކައިދަންގެ ދަރިއެއްކަން ޔަގީންކުރެވުނީ އެ ސިފަ ހުރީމަ. އެހެން މީހަކަށް ފާހަގަވާންދެން މަވެސް ނުބުނަން ކަމަށް މިހުންނަނީ. ޚަލީސީ. ހިނގާ ކޮފީއެއް ބޯލަން. ކައިދަންގެ މަންމަ ދިން ހޫނު ބަޖިޔާ އެބަހުރި. ވިއްސާރަ ދުވަހަކަށް އެންމެ ޕާފެކްޓް ޓްރީޓަކީ ހޫނުކޮފީއާއި ބަޖިޔާ...."

ހަޒަލްއާއި ޚަލީސީގެ ވާހަކަތައް ހުހެއްނުވެއެވެ.

ހަޒަލް އެމާއަށްވެސް ގޮވާ ގެނެސް އެންމެން އެކީގައި ކޮފީ ތައްޔާރުކުރަންފެށިއެވެ. ތިން ތަށި ކޮފީ ހަދައިގެން ބަޖިޔާއާއި ގުޅަ އަދި ބިސްކޯދާއެކު ކައިގެން ސިޓިން ރޫމަށް އައިސް ވާހަކަދައްކާލަން ތިބީ ދޮރުވެސް ހުޅުވައިގެންނެވެ. ފަޒާ ފުރާލާފައިވީ އެތައް މިލިއަން ބޮޑެތި ވާރޭ ތިކިތަކުންނެވެ. ސޫފީ ކުއްލި ސިހުމަކާއެކު ހަޒަލްގެ ފައިގާ ބައްދައިގަތްގޮތަށް އިނގިލިން ބޭރަށް އިޝާރާތްކުރިއެވެ.

"ދަރިފުޅު ކޯންޗެއްތަ؟" ހަޒަލް ސޫފީ އުނގުގައި ބޭންދިއެވެ.

"ހަން......ޑި....ހަންޑި.."

"އަސްތަޣުފިރުﷲ..........."ހަޒަލް ބިރުން އަވަދި ނުވީ ކިރިޔާއެވެ.

"ހަޒަލް ކީއްވެ ތިހާ ހާސްވީ؟" ޚަލީސީ އެހިއެވެ.

"ސޫފީއަށް އެ ލަފުޒު ކިޔަން އެނގުނީމަ. ރޭ ފުރަތަމަ ފަހަރަށް ޕާޕާ ކިޔަން ފަށާފައި މިއަދު ކައިދަންގެ މާމަގެ ގޭގައި ހުރެގެން މަންމިވެސް ކި. ދެން ހިތަށް އެރި ލަފުޒުތައް އެއްކޮށް ކިޔަންފެށީ. ބައެއް ލަފުޒުތައް އެނގޭ. އެކަމަކު ގިނައިން ހަމަ ބޭބީ ބަހުރުވައިން މާނަ ދޭހަނުވާ އެއްޗެހި ކިޔަނީ. އެކަމަކު އެހެން ކިޔަން ސޫފީއަށް ދަސްކޮށްދޭނީ ކާކު؟ ބޭރަށް އިނގިލި ދިއްކޮށްފައި އެލަފުޒުކިޔަންވީ ސަބަބެއްނޭގުނު. ދުވަހަކު އަހަރެމެން ކިޔާދިން އެއްޗެއް ނޫން. އެ ލަފުޒު.....ސުބުހާނަﷲ. ހަމަރަގަޅަށް ބިރުގަނެއްޖެ. މިގޭގައި ކޮންކަމެއް މިއުޅެނީ؟" ހަޒަލް އަވަހަށް ގޮސް ދޮރު ލައްޕާލައިފިއެވެ.

"ކޮން ލަފުޒެއްތަ؟" ޚަލީސީ އަހައިލިއެވެ.

"ހަންޑި....ގޯސްޓްގެ ދިވެހި ލަފުޒަކީ ހަންޑި....." އެމާވެސް އިނީ ލޯ ބޮޑުކޮށްލައިގެންނެވެ. ސޫފީ ހަޒަލްގެ އުނގުގައި މޫނު ފޮރުވައިގެން އޮތްގޮތުން އެކުއްޖާ ސިހިފައިވާވަރު އެންމެނަށް އެނގުނެވެ.

"ކޮންމެވެސް މީހަކު ދަސްކޮށްނުދީ އެހެން ކިޔަން އެނގޭނެކަމަކަށް ގަބޫލެއްނުކުރަން....." ޚަލީސީ އެފަދަ ރޫހާނީ ކަންތައް ގަބޫލުނުކުރާ މީހެއްކަމުންވަގުތުން ސައިންސް އަދި ސައިކޮލޮޖީގެ އަލީގައި ޖިންނިފަދަ ތަކެތި ނުވާކަމާއި އިންސާނާގެ ސިކުނޑިއަށް ފެންނަ ތަކެތިކަމުގައި ބުނެ ދަލީލުތައް ދައްކަން ފެށީ ވަރުގަދަކޮށެވެ. ދީނީ އިލްމު އެހާ ލިބިފައި ނެތުމާއެކުވެސް ހަޒަލްއަށް އެވާހަކަ ގަބޫލުކުރަން ފަސޭހައެއްނުވިއެވެ. ގުރުއާނުގައި "ޖިންނި" ސޫރަތެއްވާކަމުން އިތުރު ޝައްކަކާއި ނުލާ ގަބޫލުކުރަން ޖެހޭކަމަށް އޭނަ ދެކުނެވެ. ނަމަވެސް އޭރުން ޚަލީސީއާއި ދީނީ ބަހުސަކަށް ދާން ޖެހިދާނެއެވެ.

"ސޫފީ ދަރިފުޅު. ހިނގާ ކާޓޫނު ބަލައިލަން..."

"މަންމި.....އެހެރީ....."

"ދަރިފުޅު ކޯންޗެއްތަ؟" ހަޒަލް ސޫފީގެ މޫނުގައި ހިފާފައި ބޮސްދިނެވެ."އެއީ ވާރޭ. ރެއިން..ދަރިފުޅު. މީހެއް ނެތް...."

"ހަން......ޑި.."

"ނޯ..ނޯ ނޯ.......އެހެން ނުކިޔާ ޕަމްޕްކިން.." ހަޒަލް ސޫފީ އުރާލައިގެން ގޭތެރެއަށް ދާން ހިނގައިގަތެވެ. ފަހަތުން ޚަލީސީއާއި އެމާވެސް އައެވެ. އެންމެ ކުރިން ޖެހުނީ އެމާގެ ކޮޓަރިއެވެ. ދޮރު ހުޅުވާފައި ހުރިއިރު ބޮކި ނުދިއްލާ އޮތުމުން އަނދިރިކަން ވެރިވެފައިވަނިކޮށް ސޫފީ އެދިމާލަށް އިނގިލި ދިއްކޮށްފައި "ހަންޑި" ކިޔުމުން އެމާގެ މެޔަށް ފެންއެއްޗެއް އޮއްސައިލިހެން ހީވިއެވެ. ސޫފީއަށް މީހަކު ނުފެންނަނަމަ އެހެން ކިޔަން އެނގޭނެކަމަކަށް އޭނަވެސް ނުދެކުނެވެ. އެބުނާ ހަންޑިއެއް އޭނަގެ ކޮޓަރިއަށް ވަދެ ފިލާހުރީހެއްޔެވެ؟ ހަޒަލް މިސްރާބު ޖެހީ ކޮޓަރިއާއި ދިމާލަށެވެ. އެމާއަށް ކޮޓަރިއަށް ވަންނަން ނުކެރުމުން ހަޒަލްގެ ފަހަތުން ހިނގައިގަތެވެ.

***

ޚަލީސީ ހައިސަމްއަށް ގުޅުމާއެކު ފޯނުނެގިއެވެ.

" ހާދަ ވިއްސާރައޭ. ކޮންތާކު ތިހިރީ ސޭމް؟"

"ޑިއުޓީގައި. އާނ ވިއްސާރަ. އެހެންވެކަން ނޭގޭ ދެތިން އެކްސިޑެންޓް ކޭސް އަށް އެޓެންޑް ކުރަންޖެހުނު.ވަރަށް ބިޒީ.އަދި އެއް ވާހަކަ. މާދަން އަންނަންދެން ތިތަނުގައި މަޑުކޮށްލައްޗޭ.މިއަދުވެސް ކޯލްޑިއުޓީވީމަ ނުދެވުނީ........."

"ވެލް.."

"އައިމް ސޮރީ ލަވް. ކުޑަކޮށް ކެތްކޮށްލަންޖެހޭނެ. ޕޭޝަންސްއަކީ ވަރަށް ލޯބި ސިފައެއް. އެއީ އަހަރެންގެ ވައިފްގެ އެންމެ ރީތި ސިފަ.."

"ހިތަށް ތަދުވެއްޖެ..."

"އެއީ ކީއްވެ؟ތައުރީފުކުރީމަ އުފާވާންވީމަ ތަދުވީ؟ އަހަރެން ތަނެއް އެބަ ހޯދަން އިގޭ. އެޕާޓްމެންޓެއް. އުޅެން އެންމެ އެކަށީގެންވާ ހިތްފަސޭހަ އަދި އެންމެ ގަޔާވާ ބީޗްކައިރިން.... ޑިސަޕޮއިންޓްނުވާނެކަން ޔަގީން..މިރޭ ކޮންކަމެއް އޮތީ؟ އަބަދު ސުޕަނެޗުރަލް ބަލަނިކޮށް ގޯސްޓެއް ފަހަތު އަޅުވަފާނެ އިނގޭ..ކައިފިންތަ؟ ކޯނޗެއް ކެއީ؟ ފުރުޓް ކާތި..................."

"އޯކޭ އޯކޭ..ނޭޗާ ކޯލްސް...."

އެމާ އަންނަތަން ފެނިފައި ޚަލީސީ އަވަހަށް ފޯނު ކަނޑާލައިފިއެވެ. އެމާގެ އަޑުއިވިއްޖެއްޔާ އޭނަ ހުރީ މިގޭގައިކަން ހައިސަމްއަށް އެނގި މައްސަލަޖެހިދާނެއެވެ. އޭނަ ބޭނުންވަނީ ސަޕްރައިޒެއް ދޭށެވެ. ހައިސަމްއަށް އޭނަދެކެ ރުޅިއާދެވޭނީ ކިހިނެއްހެއްޔެވެ؟އެކަމަކު ކެތްތެރިކަމުގެ ރީތި ސިފަ ހުރިކަމަށް ބުނެ ތައުރީފުކޮށް އޭނަ ގޯނިފުލަށް ލައިގެން އުޅެނިކޮށް މިހެންވާން އޭނަވެސް ބޭނުމެއްނޫނެވެ. އެނބުރިދާންވީކަން ނޭގެއެވެ. ދެފިކުރެއްގައި ހުރެފައި

***

ޚަލީސީއާއި އެމާ ވަރަށް ފޯރިއާއެކު ސުޕަނެޗުރަލް ބަލަން ތިބީ ޚަލީސީއަށް ލިބުނު ކޮޓަރީގައެވެ. ފިނިކަމުން ރަޖާވެސް ގައިމަތީ އަޅައިގެން ހެޑްބޯޑަށް ލެނގިލައިގެން ތިބެ އެ ސީރީޒް ބަލަމުން ދިޔައިރު ބައެއްފަހަރު އެމާގެ ގައިން ހީބިހިނަގައެވެ. ބިރުން ހަޅޭއްލަވައިގަނެވެއެވެ. ސިހިފައި ވަށައިގެން ބަލައިލެވެއެވެ. ވައި ބާރުކަމުން ފުރާޅު ހިއްލައިލާ އަޑާއިއެކު ދޮރުތަކުގައި ވައި އަޅުވާ އަޑުވެސް ކަންފަތަށް އިވެނީ ބިރުވެރި ރާގަކަށެވެ. ސީރީޒް ނިމިގެން ފޮނި ނިންޖަކަށް ގެނބުނުތަނާހެން އެމާއަށް ހޭލެވުނެވެ. އޭރު ކުޑަދޮރުގެ ފޮތިގަނޑު ކެހިފައިހުރުމުން ވާރޭވެހޭ މަންޒަރުފެނެއެވެ. އޭނަ ގެ ސިކުނޑި ހޭލާއޮތަސް ހަށިގަނޑު ހަރަކާތެއް ނުކުރެވުނެވެ. ހަޅޭއްލަވަން ކީއްކުރަން އަނގައިން ބުނެވޭނެގޮތެއްވެސް ނުވިއެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ވާރޭގެ ތެރޭ ކަޅު ހިޔަންޏެއްހެން ހުރި އެއްޗެކެވެ. އޭތ ނާމާންގޮތަކަށް ހިނިއައިސްފައިހުރެ އޭނައަށް ބަލަމުން ދިޔައެވެ. އެމާ ޝަހާދަތް ކިޔަން އުޅުނެވެ.

"އަހަރެން މަރުވަނީ.. މިފަހަރު ސަލާމަތެއްނުވާނެ..."

"ސޫފީއަށް ފެނުނީ މީތިހެއްޔެވެ؟އަހަރެން މިއޮތީ ޕެރެލައިޒްވެފަތަ؟"އެމާގެ ބިރުވެރިކަން ބިރުގެ އެންމެ މަތީ ދަރަޖައަށް ދިޔައެވެ. ސިކުނޑި ހޭލާއޮތްއިރު ހަށިގަނޑު މަރުވެފައެވެ. މަރުގެ ނާމާން އަނގައިގެ ތެރެއަށް އޭނަ ވެއްޓެން އުޅޭފަދަ ބިރުވެރި އިހުސާސެއްކުރެވުނެވެ.

ކޮންމެވެސް މީހަކު ދޮރު ހުޅުވައިލުމާއެކު އޭނަގެ ހަށިގަނޑުގެ ހަރަކާތްތައް އަލުން އިއާދަވިއެވެ. ދެފައި ހަރަކާތްކުރެވުނުލެއް ނިކަން އަވަހެވެ. އޭނައާއި ދިމާލަށް އަންނަނީ މަންމައެވެ. އޭނަގެ ނަޒަރު އެނދަށް ހުއްޓުނެވެ. ޚަލީސީ ބާލީހުގައި ބައްދާލައިގެން އަމާން ނިންޖެއްގައި އޮތެވެ.

"އެމާ..އަވަހަށް ނިދަން ކޮޓަރިއަށްދޭ..މި ކޮޓަރިއަށް ނުވަންނާތި..."

އެމާ ގެ ހިތް އޭރުވެސް ހަމަޔަކަށް ނޭޅެއެވެ. ހަތަރެސްފައި ގަނޑުފެންގަނޑެއްފަދައެވެ. ހުންވައްތަރުވެސް ވެލައިފިއެވެ. އޭނަ އެނދުން ފުންމާލާފައިމަންމަގެ ފަހަތުން ހިނގައިގަތްއިރު ހިތުގައި ސުވާލުތަކެއްވެސް އުފެދުނެވެ. އެކޮޓަރިއަށް ވަނުން މަންމަ މަނާކުރާ ސަބަބަކީ ކޮބާހެއްޔެވެ؟ އެއީ ގެއަށް އަންނަ މެހުމާނުންނަށްޓަކާ މަންމަ ޚާއްސަކޮށްފައި ހުންނަ ކޮޓަރިއެކެވެ. އެއީ ނާމާން ތަނެއްކަން މަންމަ ދަންނަނީހެއްޔެވެ؟ނާމާން ތަނެއްގައި މެހުމާނުން ބައިތިއްބަނީ ކީއްވެހެއްޔެވެ؟

"އެއީ ކާފަރެއް. އެކޮޓަރީގައި ޝައިތާނުންނާއި އެއްޗެހި އުޅޭނެ. ޒިކުރުނުކުރާ ތަނެއްގައި ހުރިހާ ނުބައިކަމެއް އުޅޭނެ.އެހެންވެ މަންމަ އެމާ ހޯދަން އައީ...."

"މަންމާ...ޚަލީސީއަކީ ވަރަށް ރަގަޅުކުއްޖެއް." އެމާ ތުންފަތުގައި ދަތްއަޅައިލަމުން އިސްޖެހިއެވެ. މަންމަ ބުނި ފަދައިން އެކޮޓަރީގައި އޮވެ ނިދުމުން އެފެނުނު ޝައިތާނީ މަންޒަރުތައް އޭނަގެ ހިތް އިތުރަށް ބިރުގަންނަވާލައިފިއެވެ. ޖިންނި ޝައިތާނުންދެކެ ގަންނަބިރު ދެގުނަ އިތުރުކޮށްފިއެވެ. އޭނަގެ ލޮލަށް އަދިވެސް ސިފަވަނީ އެ ނާމާން ހުނުމެވެ.

"ކާފަރުންގެ ތެރޭގައިވެސް އަޚުލާގު ރަގަޅުމީހުން އުޅެދާނެ. ރަގަޅަސް އެމީހުން އަޅުކަންކުރަނީ ޝައިތާނާ ރުހޭގޮތަށް. އެކަހަލަ މީހުންނާއި ޝައިތާނާ ދޯޅުވާނެ. އެމާ އެކޮޓަރިއަށް ދާނެކަމެއްނެތް. އޭނަގެ ހިތް ރީއްޗެއްނުވާނެ. ފުރާނަވެސް....."

"މަންމަ ކޮޓަރީގައި މިރޭ އޮވެވިދާނެތަ؟"

"އާނ.މަންމަވެސް ފައިގާ ރިއްސާތީ. ބޭސްކޮޅެއް ލާފައި މަސާޖްކޮށްލަދޭންވާނެ އިނގޭ............."

އެމާ ފޫހިވާގޮތްވިއެވެ. ދުނިޔެއިން އެންމެ ފޫހި މަސައްކަތެވެ.އަދި ޚާއްސަކޮށް ދަންވަރު ތަންމަތީގައި އަރާމުނިންޖެއްގައި ތިބެންވީއިރު މަސައްކަތަކު އިންނަންވީމަ ރުޅިގަދަވެ ދަތްކޮޅު ފައިބަފާނެއެވެ. ނަމަވެސް މަންމަ ރުއްސަން ކޮންމެހެންވެސް ޖެހޭވިއްޔާއެވެ.

***

ހޮސްޕިޓަލުގެ ޑޮކްޓަރސް ލައުންޖްއަށް ވަދެ ހައިސަމް ސްވިޗަށް ފިތައިލުމުން ލޮލަށް ފިނިކަން ގެނެސްދޭފަދަ އޮރެންޖް އައްޔެއްގެ މަޑު އަލި ފެތުރުނެވެ. އޭނަ އޮށޯވެލީ ކުޑަދޮރުކައިރީގައި ހުރި ސޯފާސެޓްގައެވެ.ވެހެމުންދާ ވާރޭގެ ނާނާއިން ހައިސަމްގެ ލޯ ބަރުވާންފެށިއެވެ. ކޮންމެވެސް މީހަކު އޭނަގެ ގާތުގައި އޮށޯވެލިކަމުގެ އިހުސާސްވިއެވެ. ލޯ ނުހުޅުވާއޮވެ އަތް ދިއްކޮށްލުމުން އަތްލެވުނީ މީހެއްގެ ގައިގައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު