ވާރޭގައި ވީ ހިޔަނިތައް 5

"ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސް ކުރެއްވިއެވެ."ރަމަޟާން މަހުގެ ރޯދައަށްފަހު އެންމެ ހެޔޮވެގެންވާ ރޯދައަކީ ﷲގެ މައްސަރުކަމުގައިވާ މުހައްރަމް މަހުގެ ރޯދައެވެ. އަދި ފަރުޟު ނަމާދުތަކަށްފަހު އެންމެ ހެޔޮވެގެންވާ ނަމާދަކީ ރޭގެ އަޅުކަމެވެ.

***

އެވަގުތު ހައިސަމްއަށް ހީވީ މީހަކު އޭނަގެ އިސްތަށިގަނޑުގައި އަތް ލިހެންނެވެ. ސިހިފައި އެނބުރި ބަލައިލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހައިސަމް އިރުގަނޑެއްވާންދެން ވާރޭ ވެހޭ މަންޒަރު ބަލަން ހުރެފައި ދޮރު މަޑުމަޑުން ލައްޕާލައިފިއެވެ. ފޯނު ރިންގުވުން ހުއްޓައިނުލިކަމުގައި ވިޔަސް އަލުން ބަލައިލަން ބޭނުމެއްނުވިއެވެ. އޭނަގެ ނިންމުން ޚަލީސީއަށް ސާފުވާވަރަށް ބުނެދެވިއްޖެއެވެ. އިތުރު ވާހަކަދައްކާވަރަށްވުރެ ތަބީއަތުވަނީ ގޯސްވެފައެވެ.

***

އެމާ ހައިރާންކަމާއެކު ސޫފީގެ މޫނަށް ބަލަން ހުއްޓެވެ. އެމާވެސް ހުރީ ހަޒަލް އެފަދަ ގޮތަކަށް އާއިލާއަށް ހަދިޔާއެއް ގެނެސްދޭނެކަމުގެ އުއްމީދެއްގައެއްނޫނެވެ. އެހާ ބަސްއަހާ މަންމަގެ ރަންދަރިފުޅު އެފަދަގޮތަކަށް އެންމެން ސިއްސުވައިލާނެކަމަކަށް އޭނަވެސް ހިޔެއްނުކުރެއެވެ.

"ދޮންތާ، މިއީ ބުދެއްނު. މިވަރުގެ ލޯބިކަމެއް ދުވަހަކު ނުދެކެން..އިސްތަށީގެ ބަދަލުގައި ރަން ފަށުވި....ދޮންތާގެ ހަޒްބެންޑަކީ ޔޫރަޕް މީހަކީތަ؟" އެމާ ހައިރާންކަމާއެކު ސޫފީގެ މޫނަށް ބަލަހައްޓައިގެން ހުރީ އަޖައިބެއްފެނިގެން ހުރިހެންނެވެ. ކުޑަކޮށް އަނގަ ހުޅުވިި ދެލޯބޮޑުވެފައެވެ. އެމާގެ ހިތުގައި މަސްހުނި އިހުސާސްތަކެއް ހިނގައިގެންފިއެވެ. އޭނަ މިހާ ދޮންނުވީ ކީއްވެހެއްޔެވެ؟ އޭނައަށް މި ކުލައިގެ އިސްތަށިގަނޑެއް ނުލިބުނީ ކީއްވެހެއްޔެވެ؟ އޭނަވެސް ބޭނުންވަނީ މި ކުލަތަކެވެ. ތުންފަތުގައި ލިޕްސްޓިކް ނުޖައްސާވެސް ފިނިފެންމަލުގައި ހުންނަ ރީތިކުލަ ހުރުމެވެ.

ހަޒަލް މަޖާވެލާފައި ބުނީ ދަރިފުޅު އޮޅުނީކަމަށް ވެދާނެކަމުގައެވެ. އެމާ ވަގުތުން އެބަސް ގަބޫލުކުރިއެވެ. ސަމާސާއާއި ހަގީގަތް ވަކިކުރަން ބައެއްފަހަރު އެމާއަށް ދަތިކަމަކަށްވެއެވެ.

ހަޒަލް ކުޝަން މޭގައި ޖައްސާ ބާރުކޮށްލައިގެން އެނދުގެ ހެޑްބޯޑަށް ލެނގިލައިގެން އިނެވެ." މިހާ ލޯބި ގިފްޓަކާއިގެން އައީމަ މަންމަވެސް އުފަލެއްނުވި. އެޓްލީސްޓް އެމާއަށް ރަގަޅުވީމަ ހިތަށް ކުޑަ ހަމަޖެހުމެއް ލިބިއްޖެ. ސޫފީީ މިރަށަށް އައީމަ ފުރަތަމަ ފަހަރަށް ވާހަކަދައްކަން ފެށީ. ޕާޕާއޭ ކިޔަން ދަސްކޮށްފި. އެވެސް ބްލެސިންއެއް. އިރާދަކުރެއްވިއްޔާ އަދި މަންމަވެސް މާފުދޭނެ އަދި ދަރިފުޅުދެކެ މަންމަގެ ހިތުގައި ލޯބި ލައްވާނެ. މިރޭވެސް ސޫފީ މަންމަގާތަށް ދާންވެގެން ވަރަށް އުޅުނު. އެކަމަކު......"

"އަހަރެންވެސް މިހިރީ ޝޮކެއްގައި. މެރީކޮށްފައި ނުބުނެ ސަޕްރައިޒެއް ވިއްޔަ ދިނީ. އެކަމަކު އެއަށްވުރެ ބޮޑު ޝޮކަކީ މިވަރުގެ ކުއްޖެއް ގެނައިކަން. އާ ޔޫ ޝުއާ؟ މިއީ ހަމަ ދޮންތަގެ ދަރިއެއް؟ އެޑޮޕްޓްކުރީދޯ....." އެމާ ގަބޫލުކުރަން ތައްޔާރެއްނޫނެވެ. އެމާ ސޫފީގެ ސިފަތަކާއިމެދު ވިސްނިވަރަކަށް ހިތުގައި ޝައްކާއި ވަހުމް ހިނގައިގަތެވެ.

ކޮޓަރީގެ ބޭރުން ބިއްލޫރިއެއްޗެއް ތެޅުނު އަޑާއިއެކު އެމާ ސިހިފައި ހަޅޭއްލަވައިގަތެވެ. އެނދުމައްޗަށް ޖެހިގަތްގޮތުން ހަޒަލްއާއި ދެމީހުންގެ ބޯ ޖެހުނެވެ. ސޫފީވެސް އުދަގޫވެގެން ކަހަލަ ގޮތަކަށް ފުރޮޅިލައިފިއެވެ.

"ޝްޝް އެމާ...ކޮއްކޮ ހޭލަފާނެ."

"އަޑު އިވުނުތަ؟"

"އާނ. އެއްޗެއް ތެޅުނީ . ވައިގަދަކަމުން ބިންމަތީގައި އެއްޗެހި ހަރުލާނެތަ؟ ދޮންތަމެންނަަށް މިއާދެވުނީ ބޮޑު ތޫފާނެއް ހިފައިގެން ދޯ. ކޮބާ ކޯންޗެއް ކާން ހުރީ؟" ހަޒަލް ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލީ ހަގީގަތުގައި ކޮޓަރީގެ ބޭރުން ތެޅުނު އެއްޗެއް ބަލައިލަންވެގެންނެވެ. ހަޒަލްވެސް ހައިރާންވީ އެއްވެސް މީހެއްގެ ހިލަމެއްނުވުމުންނެވެ. އެމާ ފަހަތުން އައިސް ބޯ ދިއްކޮށްލިއެވެ.

"ލައިލާ އަކީ ޖެޓެއް ކަހަލަކުއްޖެއްނު. އޭނަގެ ހައިޕާސޮނިކް ސްޕީޑްގައި ހުރިހާ ފުޅިތޮށިތައް އެއްފަހަރާ ކަހާލައިގެންގޮސް ޑަސްބިނަށް ލީ ކަމަށްވާނީ. އެމާ ތިހާ ބިރުގަންނަނީ ރާހިލް ފާޑު ފާޑުގެ ފްލޯކު ވާހަކަތައް ހަދަހަދައިގެން ކިޔާ ހިތް ބިރުގަންނަވާފައި ހުރީމަ ދޯ. ކަންބޮޑުނުވޭ. އެއީ ރާހިލްގެ ސިކުނޑީގައި އުޅޭ މީހުން. މިގެއަކު އެބުނާކަހަލަ އެއްވެސް އެއްޗެއް ނޫޅޭ..." ހަޒަލް އެމާގެ ކޮނޑަށް އަތް ވައްޓާލައިގެން ހިނގައިގަތީ ބަދިގެއާއި ދިމާލަށެވެ. ހަޒަލް ހުރީ ފިނި ދުވަހަކާއި އެކަށީގެންވާފަދަ ބޯ އަތްދިގު ހެދުމަކާއި ހަރުވާޅެއްލައިގެން ހުޅިއެއް ޖަހައިގެންނެވެ. މޭކަޕެއްނެތަސް އަޅައިގަންނަ ގޮތެއް ހުރި މީހުންނާއި ގުޅޭ އަންހެންކުއްޖެކެވެ.

ދެމީހުން ކާން ބަދިގެއަށްވަންއިރު ލައިލާވެސް ފެންނާކަށް ނެތެވެ.

"ލައިލާއަކީ މިގޭގައި އުޅޭ ޖިންނި ކުއްޖާއޭވެސް ރާހިލް ބުނެއެއްނު....."

"ދޮންތާ.....އެހެން ވާހަކައެއް ދައްކަބަލަ..އައިމް ސްކެއާޑް. ކޮބާ ދޮންބެ؟ދޮންބެއަށް ގުޅާބަލަ........" ކާކޮޓަރިތެރެއަށް ވަދެފައި އެމާ ބޮކި ދިއްލަން އަތް ދިއްކޮށްލާފައި ހުއްޓުން އެރީ ކުޑަދޮރަށް ހިޔަންޏެއް އެޅުނުތަން ފެނިފައެވެ. އެމާ ހަޒަލްގެ އަތުގައި ހިފާ ދަމައިގެންފާ ދުއްވައިގަންނަން އުޅުމުން ހަޒަލް ނުވެއްޓުނީ ކުޑަދޮރުގައި ހިފެހެއްޓުނުކަމުންނެވެ. އެދިމާލުން އައިސް ދޮރު ހުޅުވަލީ ހައިސަމްއެވެ.

"ކިހިނެއްވަނީ؟ ރެސްލިން މެޗެއްތަ؟" ހައިސަމްގެ އިސްތަށިގަނޑުގައި ކޮންމެވެސް ވަރަކަށް ފެންތިކި ވިދާ ބަބުޅައެވެ.

"އެމާ ދޮންބެ ނައިސްގެން ހަމަ ތަސްބީހައެއް ކިޔަނިކޮށް ޑެވިލްހެން ތި ދައްކައިލީ.އަނެއްކާ ހައިސަމްގެ ސިފަ ޖެހިގެން އައި ޖިންނިއެއްތަ؟" ހަޒަލް ވާހަކަދައްކަމުންގޮސް މޭޒުމަތީގައި ހުރި ތަށިތަކުގެ މަތި ހިއްލަންފެށިއެވެ." ސުބުހާނަﷲ. މަ މީ ހާދަ ނުލަފާ ދަރިއެކޭ. މަންމަ މިހާވަރުން ކައްކައިގެން މަރުހަބާ ކިޔަން ހުއްޓާ މަންމަގެ ދުވަސް ޚަރާބުކޮށްލެވުނީ....މަށަށްސަންތި މަރިބަޔު ކިޔަސް މާ ރަގަޅުވާނެ "

އެމާ ތަށްޓެއް ދޮންނަން ސިންކުދޮށަށް ދިޔަގޮތަށް ސްޕޮންޖް ކޮޅު ކާއްތަން ހުރިއިރު ލަދުން މަރުވަނީއެވެ. އެހެން މީހުން ފެނުނީމަ އޭނަ އެހާ ކަންބޮޑުވަނީ ކީއްވެހެއްޔެވެ؟ އޭނަގެ ބޭބެމެން އޭނައަށްވުރެ ހަޒަލް ދެކެ ލޯބިވާކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ. ޚާއްސަކޮށް ހައިސަމްއެވެ. ހައިސަމް ހަޒަލްއަށް ބަލައިލަނީވެސް ޚާއްސަ ނަޒަރަކުންނެވެ. އަމަލާއި ބަހުންވެސް ހަޒަލްދެކެ ލޯބިވާކަން ސާފުކޮށް އެނގެއެވެ. އެއްވެސް މީހަކު އޭނަދެކެ ލޯބިނުވަނީ ކީއްވެހެއްޔެވެ؟

"އެމާ..ކޮފީއެއް ހަދާދީފާނަންތަ؟" ހައިސަމް ގޮނޑިއެއް ދަމާލައިގެން އިށީނެވެ.

"އަދިވެސް ރުޅިތަ؟" ހަޒަލް ޑެވިލްޑް ޗިކަންކޮޅެއް އަނގަޔަށް ލިއެވެ.

"ރުޅިއައީއެއްނޫން. އެކަމަކު މަންމައާއިމެދު ވިސްނަންވާނެ. ހަޒަލް ހުރިހާ އުސޫލުތަކެއް މުގުރާލާފައި ތިހިރީ މަންމަ ހިތުން ނުފިލާވަރުގެ ޝޮކެއްދީފައެއްނު. ދެން އެކަން ނުވާކަމަކަށް ނެހެދޭނެ. މަންމަ ވިސްނާގޮތް ތަފާތު ދޯ. ހެދުނު ޑިއުޓީއަށް ދާން ފްރެޝްވެލާނީ ރަގަޅަށް ނިދައިލީމަ. ގުޑް ނައިޓް..." ހައިސަމް އެމާ މޭޒުމަތީގައި ބެހެއްޓި ކޮފީ މަގު ހިފައިގެން ދާން ހިނގައިގަތުމުން ހަޒަލް ތުން ފިތާލައިގެން އިރުގަނޑެއްވާންދެން މަޑުން ހުއްޓެވެ. ހައިސަމްވެސް މަންމަގެ ހިތާމައިގާ ބައިވެރިވެގެން އޭނަދެކެ ހިތްހަމަނުޖެހިފައި ހުރިކަން އިހުސާސްވިއެވެ.

ކާން ތިބެފައި އެމާ ބުނީ އޭނަ ނިދާނީ ހަޒަލްގެ ކޮޓަރީގައި ކަމަށެވެ. ހަޒަލް ވަގުތުން އެއްބަސްވިއެވެ. މިހާ ވިއްސާރަ ރެއެއްގައި އެކަނި އޮންނަންވުމުން އޭނަގެ ހިތުގައި ބަޔާން ނުކުރެވޭފަދަ ބިރުވެރިކަމަކާއި ވަސްވާސްތައް ހިނގައިގެންފިއެވެ. ރާހިލް ކިޔާދީފައި ހުރި ވާހަކަތައް ހިތަށް ސޫރަވަނީއެވެ. ޖިންނި ޝައިތާނުން މިފަދަ ވިއްސާރަ ކަޅުފޮއި ރޭތަކުގައި ރަށުތެރޭގައި ރަސްކަންކުރާނެއެވެ. ޚާއްސަކޮށް ފަޅުތަންތާގައެވެ. އޭނަގެ ގޭގެ ވައިގެން އޮންނަނީ ފަޅު ސަރަހައްދުތަކެވެ. އެހާ އަނދިރި ނާމާން ހިސާބެކެވެ. ފަޅު ގޯތިތަކެވެ. މާ ގިނައިރުތަކެއްނުވެ ސޫފީގެ ދެފަރާތުގައި ދެބެން ޖައްސައިލީ ރަޖާގެ ހިމާޔަތުގައި ނިދީގެ ފޮނިކަން ލިބިގަތުމަށެވެ.

***

ކާރު މަޑުކޮށްލުމާއެކު ޚަލީސީ ދަބަސްދަމަމުން އެތެރެއަށް ދާން ހިނގައިގަތްއިރު ތުންފަތްމަތީގައި ހިނިތުންވުމެއްވިއެވެ. ހައިސަމް ފޯނަށް ޖަވާބު ނުދިނަސް އެޑްރެސް އެނގިފައި އޮތުމުން އެގެ ހޯދުން މާބޮޑުކަމަކަށް ނުވިއެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިންގަނޑުގައި ކުދި ކޯރުތައް ހެދި ޗަކަވެފައިވާއިރު ގަސްތައް ތެމި ވަކިން ފެހިކޮށް ދައްކައެވެ. ކުލަކުލައިގެ މާތައް ފަޚުރުވެރިކަމާއެކު އޭނަގެ އިސްތިގުބާލުގައި ތިބިފަދައެވެ. ރޯޒަލީ ސިޓިން ރޫމަށް ނުކުތީ ހަޒަލް ދަރިފުޅާއިގެން ކައިދަންގެ މާމައާއި ބައްދަލުކުރަން އެގެއަށް ދިޔަކަން އެމާގެ ފަރާތުން އެނގުމުންނެވެ.

ހުޅުވާފައި ހުރި ދޮރުމައްޗަށް ބިދޭސީ އަންހެންކުއްޖަކު އެރިތަން ފެނިފައި ރޯޒަލީގެ ބުމަ ކައިރިވިއެވެ.

"ކާކު؟"

"އަޅުގަނޑަކީ ޚަލީސީ. މިގެއިން ކޮޓަރިއެއް ކުއްޔަށް ދުވަސްކޮޅަކަށް ލިބިދާނެތޯ؟" ޚަލީސީ ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ. ރޯޒަލީއަށް އެކިޔާ އެއްޗެއް ނޭގުމުން ދެން ޖެހުނީ އިޝާރާތުން ވާހަކަދައްކާށެވެ. އަތުން އެތައް ވައްތަރެއް ޖައްސައިގެންވެސް ނޭގުމުން ރާހިލްއަށް ގުޅާފައި ޚަލީސީގެ އަތަށް ފޯނު ދިނެވެ. ރާހިލް އޭނަގެ މަންމައާއި ދެމެދު ތަރުޖަމާނަކަށްވެގެން އެންމެފަހުން ރޯޒަލީއަށް ބާރު އެޅީ ޚަލީސީ އެގޭގައި ބެހެއްޓުމަށެވެ. އޭނައާއި ކައިވެނިކޮށްފައި ފިރިހެންކުއްޖާ ފިލުމުން ވަންނާނެ ތަނެއް ނޭގިފައި ހުރުމާއެކު ފުރަންދެން އެގޭގައި ބެހެއްޓުމަކީ އިންސާނިއްޔަތަށްޓަކާ ކޮންމެހެން ކުރަން ޖެހޭނެކަމެއްކަމަށް ރާހިލް މަންމައަށް ވިސްނާދިނެވެ. ރޯޒަލީ ހުރީ ހައިސަމްފަދަ ޒުވާން ފިރިހެންދަރިއަކު ހުރިތަނެއްގައި މިއުމުރުގެ އަންހެންކުއްޖަކު ބަހައްޓަންވުމުން ފިކުރު ބޮޑުވެފައެވެ. އެންމެ ބޮޑު މައްސަލައަކީ ޚަލީސީ ކިޔާ އެއްޗެއް ދޭހަނުވާކަމެވެ. މީހަކާއި އިނދެގެން ހުރި އަންހެންކުއްޖަކަށް ވިކަމީ ހިތަށް ކުޑަ ހަމަޖެހުމެއް ގެނުވިކަމެކެވެ.

ޚަލީސީ ގޮވައިގެންގޮސް ކޮރިޑޯގެ އެންމެ ކޮޅުގައި ހުރި މިއިން ޒަމާނެއްގައިވެސް ބޭނުންނުކުރާ ކޮޓަރިއެއް ހުޅުވާލުމާއެކު ޚަލީސީއަށް ދެތިން ކިބިހި އެއްފަހަރާ އެޅުނެވެ. ހިރަފުހުގެ އަސަރާއެކު "ފަންގަސް"ގެ ތަތްމުޑުވަސް އެތަނުގައި ހިފާލާފައިވިއެވެ. އާސާރީ ގެއަކަށްވެފައި ދާރުލްއާސާރަށް ލާވަރުގެ މުސްކުޅި ފަރުނީޗަރުތައް ހުރިނަމަވެސް މި ކޮޓަރީގައި ހުރީ ޒަމާނީ ބެޑްރޫމްސެޓެކެވެ. ހުރިހާ އެއްޗެއްވަނީ ކަޅާއި ހުދުންނެވެ.

"ތެންކިއު މަންމާ..." ޚަލީސީ ހިނިތުންވެލިއެވެ.

"ފެންވަރާ ރެސްޓްކޮށްލަނީ ދެން ކާން އަންނަނީ އިނގޭ..." ރޯޒަލީ ބަންގާޅުކުދިންނާއި ވާހަކަދައްކާ ބަހުރުވައިން ބުނެލިއެވެ.

"އޯކޭ މަންމާ.."ހައިސަމްގެ ބަހުރުވަ ވުމުން ޚަލީސީ ދިވެހިދަސްކުރަން ފަށާފައިވުމުން މަދު ލަފުޒުތަކެއް ދަސްވެފައިވިއެވެ.

"މަންތްލީ ކިހާވަރަކަށް ޑޮލަރު؟" ޚަލީސީ އެހިއެވެ.

"ޑޮލަރުން ނޭގޭ. ކެއުމާއިއެއްކޮށް ދިހަހާސް ރަގަޅުވާނެ.."

ޚަލީސީގެ އަނގަ ހުޅުވުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު