ނަރުހުން ހުށަހެޅި ޕެޓިޝަނާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން: އައިޖީއެމްއެޗް

މެއި 14، 2020: އައިޖީއެމްއެޗް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗުގެ އީއާރުގައި މަސައްކަތްކުރާ ނަރުހުން މިދިޔަ މަހުގެ 15ވަނަ ދުވަހު ހުށަހެޅި ޕެޓިޝަނާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ޕެޓިޝަނާ ގުޅިގެން، އެ ޕެޓިޝަންގައި ސޮއިކުރި އެއްވެސް ނަރުހަކަށް ފިޔަވަޅު އަޅާފައި ނުވާނެ ކަމަށެވެ. އަދި، މި ދުވަސްވަރު ނަރުހުން އެކި ޑިޕާޓްމަންޓުތަކަށް ބަދަލު ކުރުމަށް ނިންމި ނިންމުމަކީ އެ ޕެޓިޝަނާ ގުޅުމެއް ހުރި ކަމެއް ނޫންކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އީއާރުގައި މަސައްކަތް ކުރާ ނަރުހުން ޕެޓިޝަން ހުށަހަޅާފައިވަނީ އެ ނަރުހުންނަށް އެ ޑިޕާޓްމަންޓުގެ އިންޗާޖުގެ ފަރާތުން އެ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުން އަންނަ ކަމަށް ބުނެއެވެ.

އެ ޕެޓިޝަން "ސަން"އަށް ވަނީ ލިބިފައެވެ. އީއާރުގައި މަސައްކަތްކުރާ 32 ދިވެހި ނަރުހަކު ސޮއިކޮށްފައިވާ ޕެޓިޝަންގައި ފާހަގަ ކޮށްފައިވާ މައްސަލަ ތަކުގެ ތެރޭގައި ބަލިވެ އުޅޭ މުވައްޒަފުން މަސައްކަތަށް ނުކުތުމަށް މަޖުބޫރުކުރުވުމާއި، އެ ތަނުގެ ހިންގުމުގައި ވެފައިވާ އިހުމާލުތަކުގެ އިތުރުން މުވައްޒަފުންނަށް އިހާނެތިކޮށް ހިތުން ފަދަ މައްސަލަތައް ފާހަގަ ކުރެވެއެވެ.

އެ ޕެޓިޝަންގައި ސޮއިކުރި ބައެއް ނަރުހުން "ސަން"އަށް ބުނީ، ޕެޓިޝަނާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް އައިޖީއެމްއެޗުން ބުނި ނަމަވެސް، އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

"ދޮޅުމަސް ދުވަސްވީ އަޅުގަނޑުމެން ޕެޓިޝަން ހުށަހެޅިތާ، އަދިވެސް މައްސަލައިގައި ކުރިއެރުމެއް ނުލިބޭ" ނަރުހަކު ބުންޏެވެ.

މި ދުވަސްވަރު އައިޖީއެމްއެޗުގެ އެކި ޑިޕާޓްމަންޓުތަކަށް ނަރުހުން ބަދަލުކުރުމާ އެ ޕެޓިޝަނާ އެއްވެސް ގުޅުމެެއް ނެތް ކަމަށް ބުނާ ވާހަކަ ވެސް އެ ނަރުހުން ދޮގުކުރިއެވެ.

"ޕެޓިޝަނާ ގުޅިގެން ނާސިން ޑިޕާޓްމަންޓުން އޮފިޝަލް އިންޗާޖުންނާ ބައްދަލުކޮށްފަ ބުނި އީއާރު ކުދިންނޭ ބަދަލު ކުރަން ބޭނުންވަނީ. އަދި، [އީއާރު ފިޔަވާ] އެހެން ޑިޕާޓްމަންޓުތަކުން ބަދަލު ކުރަން ނަގާފައި ތިބީ ވެސް ވަރަށް ޖޫނިއާ ކުދިން" ނަރުހަކު ކިޔައިދިނެވެ.

އެ ނަރުހުން ކިޔައިދިން ގޮތުގައި މީގެ ކުރިން ވެސް މިފަދަ ޕެޓިޝަންތަކާ ގުޅިގެން އަދަބެއްގެ ގޮތުން ނަރުހުން މަސައްކަތްކުރާ ޑިޕާޓްމަންޓު ބަދަލުކުރުމަކީ އާންމު ކަމެކެވެ.

comment ކޮމެންޓް