އަތޮޅުތެރޭގައި މިނީ ބަހުގެ ޚިދުމަތް ފަށައިފި

އަތޮޅުތެރޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކާ އިއްޔެ އައޮޑޫއަށް ގެންދިޔަ މިނީ ބަސްތަކުގެ ތެރެއިން ބަހެއް -- ފޮޓޯ/ އެމްޓީސީސީ

އަންނަ މަހުގެ 14ވަނަ ދުވަހާ ހަމައަށް ހިލޭ ދަތުރުކޮށްދޭގޮތަށް އަތޮޅުތެރޭގައި މިނީ ބަހުގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

އެ ޚިދުމަތްދޭން ފަށާފައިވަނީ އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ލ. ގަން، ފޮނަދޫ އަދި ލ. އިސްދޫ އާއި ކަލައިދޫގައެވެ. މިއަދު އެ ޚިދުމަތް ދޭން ފެށިނަމަ ވެސް އަންނަ މަހުގެ 14ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނީ ރޫޓުތައް ތަޖުރިބާކުރުމުގެ މަސައްކަތެވެ. އެހެންކަމުން އެ މުއްދަތާހަމައަށް އަގު ނެގުމަކާ ނުލާ ރައްޔިތުންނަށް ދަތުރުކުރެވޭނެކަމަށް އެމްޓީސީސީން ބުންޏެވެ.

މީގެއިތުރުން ތިން އަހަރުން ދަށުގެ ކުދިންނަށާއި، ސްކޫލު ދަރިވަރުންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން 65 އަހަރުން މަތީގެ މީހުންނަށް ވެސް މިނީ ބަހުގެ ޚިދުމަތް ދޭން ހަމަޖެހިފައިވަނީ ހިލޭއެވެ.

ފެންވަރު ރަނގަޅު ކަނޑާއި އެގަމު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރައްޖެ ގުޅާލުމަށްޓަކައި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓު ލިންކު"ގެ ޚިދުމަތުގެ ތެރޭގައި އަރުޓީއެލް ފެރީ އަދި ބަހުގެ ޚިދުމަތް ދިނުން ހިމެނެއެވެ.

އެގޮތުން މި ޚިދުމަތް ދިނުމަށްޓަކައި ފެންވަރު ރަނގަޅު އައު 41 ބަސް ވަނީ ރައްޖެ ގެނެސްފައެވެ. އޭގެތެރެއިން ލ. އިސްދޫ އާއި ކަލައިދޫއަށް ދެ ބަސް، ލ. ގަން، ފޮނަދޫއަށް ހަތަރު ބަސް، ފުވައްމުލަކު ސިޓީއަށް ހަތަރު ބަސް އަދި އައްޑޫ ސިޓީއަށް 13 ބަސް ވަނީ ގެންގޮސްފައެވެ.

އެއާކޮންޑިޝަން ކޮށްފައިވާ މި ބަސްތަކަކީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.

comment ކޮމެންޓް