އެންމެ ފަހު ދުވަހާއި ޖެހެންދެންވެސް ގާސިމާއި ނާޒިމް ތިބޭނީ ޣައްދާރުންގެ ގޮތުގައި: ރައީސް ޔާމީން

ރައީސް ޔާމީން ވަހަކަ ދައްކަވަނީ--- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މަރު ދުވަހާއި ޖެހެންދެންވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ލީޑަރު މުޙައްމަދު ނާޒިމް ތިބޭނީ ޣައްދާރުންގެ ގޮތުގައި ކަމަށް ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އިނގިރޭސި ބަހުން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އަދާލަތު ޕާޓީގެ ޝައިހުން މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފަރާތުން ހިމާޔަތް ހޯދާފައި ކަމަށެވެ.

އެ ޓުވީޓުގައި ރައީސް ޔާމީން ވަނީ ގާސިމާއި ނާޒިމްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ގައުމު މިހާރު ވެއްޓިފައިވާ ހާލަތަށް ދޫކޮށްލުމަށްފަހު ގައުމަށް ވާ ގޮތެއްވާން ދޫކޮށްލައިގެން ދުރުގައި ބަލަން ހުރުމުން އެކަމުން މިންޖުވެވިދާނެ ކަމަށް ހީކުރަނީތޯ ރައީސް ޔާމީން ވަނީ ސުވާލުކުރައްވާފައެވެ.

"މިހާރު ގައުމު ވައްޓާލާފައިވާ ހާލަތުން ދުރަށް ޖެހި އަދި ކަންވާ ގޮތް ދުރުން ބަލަން ހުރެ ކަމާ ނުބެހޭ ބައެއްކަން ދައްކަން އުޅުނީމަ އެކަމުން މިންޖުވެވޭނެ ކަމަށް ހީކުރަނީ؟ މަރު ދުވަހާ ޖެހެންދެނެވެސް ވާނީ ހަމަ ޣައްދާރުންނަށް،" އެމަނިކުފާނުގެ ޓުވީޓުގައިވެއެވެ.

ރައީސް ޔާމީންގެ އެ ޓުވީޓަށް ރައްދު ދެއްވައި ނާޒިމް ވަނީ ޓުވީޓެއް ކުރައްވާފައެވެ.

އެގޮތުން ނާޒިމް މިއަދު ކުރެއްވި ޓުވީޓުގައި ވަނީ ރާއްޖެ މިހާތަނަށް ދުށް އެންމެ ބޮޑު ޣައްދާރަކީ ރައީސް ޔާމީން ކަމަށެވެ.

ރައީސް ޔާމީންގެ މުޅި ވެރިކަން ހޭދަކުރީ ވައްކަންކުރުމާއި މަކަރާއި ހީލަތުގައި ކަމަށް އޭނާގެ ޓުވީޓުގައިވެއެވެ.

"ޔާމީންގެ ވެރިކަމުގައި އޮތީ އިދިކޮޅު ފަރާތްތައް ޖަލަށް ލުން. ސަރުކާރު މުއައްސަސާތައް ބަލިކަށި ކޮށްލުން،" ނަޒީމްގެ ޓުވީޓުގައިވެއެވެ.

މީގެ އިތުރުން ނާޒިމް ވަނީ ވެރިކަމުގައި އެ ހުރިހާ ކަމެއް ކުރެއްވުމަށްފަހު އަދިވެސް ގައުމު ދެކެ ލޯބިވާ ގައުމީ ބަޠަލެއްގެ ގޮތުގައި ދައުވާކުރަނީތޯ ރައީސް ޔާމީނަށް ސުވާލު ކުރައްވާފައެވެ.

ގާސިމާއި ނާޒިމަކީ އާންމުކޮށް ރައީސް ޔާމީނާއި ދެކޮޅު އަދި އެކި ކަންކަމުގައި ސަރުކާރަށް ތާއީދުކުރާ ދެ ޕާޓީގެ ލީޑަރުންނެވެ. އަދި ހާއްސަކޮށް ގާސިމް ފާހަގަކޮށްލެވެނީ މިހާރު އޮތް ކޯލިޝަން ސަރުކާރު ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅާގެ ގޮތުގައެވެ.

މިހާރު ސަރުކާރު ކޯލިޝަން ގައިވެސް ހިއްސާވާ އެއް ޕާޓީއަކީ އެމަނިކުފާނުގެ ލީޑަޝިޕްގެ ދަށުގައިވާ ޖޭޕީއެެވެ.

ދާދި ފަހުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ޖޭޕީ އަދި ގާސިމަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެފައެވެ.

އެގޮތުން މިހާރު އޮތް ކޯލިޝަން ސަރުކާރު ގެނައުމަށް އެހީވި އެއްވެސް ޕާޓީއަކާ ކޯލިޝަން ނުހަދާނެ ކަމަށާއި ގާސިމް އަކީ ޕީޕީއެމް އަދި ރައީސް ޔާމީން ވެރިކަމަށް އައުމަށް އެންމެ ބޮޑު ހުރަސްތަކެއް އަޅާ އެކަކު ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް