ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ކަނޑުމަތީގެ ދަތުރު ފަތުރު ---

މޫސުން ގޯސްވެ، ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާ (މެޓް) އޮފީހުން މިއަދު އާންމުކުރި މައުލޫމާތުގައި ވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް މިއަދު މެންދުރު 12:00 އިން ހަވީރު 16:00 އަށް ރީނދޫ ސަމާލުނެރެފައެވެ.

މެޓުން ބުނީ އެ ހިސާބުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭނެ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.

ރީނދޫ އެލާޓު މިއަދު ނެރެފައިވާއިރު މެޓު އޮފީހުން އިއްޔެ ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

ވިއްސާރައިގައި ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

އެ އިދާރާއިން ބުނީ ވައި ޖެހޭނީ އުތުުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށިގެންވާ ކަމަށެވެ. ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓު ހުންނާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މެޓުން ބުނީ ގަދަ ވިއްސާރައާއެކު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އުދަ އެރުން އެކަށީގެންވާ ކަމަށެވެ.

ހަމައެއާއެކު، މެޓް އޮފީހުން ބުނީ ހުރިހާ ފަރާތްތަކުން ވެސް ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

މި ފަހުން ވެސް ރާއްޖޭގެ ގިނަ ރަށްތަކަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއްވިއެވެ. އެގޮތުން ބައެއް ރަށްރަށުގެ ގެތަކަށް ފެންވަދެ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވިއެވެ.

comment ކޮމެންޓް