ކޮވިޑު ޖެހިގެން އެޑްމިޓް ކުރާ ކުޑަކުދިންގެ އަދަދު މަދުވެއްޖެ

އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑު ޖެހިގެން އެޑްމިޓް ކުރާ ކުޑަކުދިންގެ އަދަދު މިހާރު މަދުވެއްޖެ ކަމަށް، އައިޖީއެމްއެޗްގެ ޑރ. އަޙްމަދު ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ޑރ. ފައިސަލް މި މަހުގެ 20 ވަނަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވަނީ ކުޑަކުދިންނަށް ކޮވިޑު ޖެހޭ މިންވަރު އިތުރުވެ ކޮވިޑަށް ފައްސިވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ކުޑަކުދިން ބާއްވާ ފަންގިފިލާ ފުރިފައިވާ ކަމަށް ވިދާޅުވެފަވެ.

އެ ޓުވީޓުގައި ކޮވިޑަށް ފައްސިވާ ކުދިންގެ އަދަދު އިތުރުވާނަމަ ހުޅުމާލޭ ފެސިލީޓީއަށް ފޮނުވަން ޖެހިދާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި އެކަމަށް ސަމާލުވެ ރައްކޭތެރިވެ ތިބުމަށް އިލްތިމާސްކޮށްފައިވެއެވެ.

އެކަމާ ގުޅިގެން މިހާރުގެ ހާލަތު ހޯދާލުމަށް ގުޅާލުމުން ޑރ. ފައިސަލް މިއަދު "ސަން"އަށް ވިދާޅުވީ މިހާރު ކޮވިޑު ޖެހިގެން އެޑްމިޓް ކުރާ ކުޑަކުދިންގެ އަދަދު މަދުކަމަށެވެ.

އޭގެ އެއް ސަބަބަކަށް ޗުއްޓީއަށް ގިނަ ކުދިން މާލެއިން ބޭރަށް ގޮސްފައިވުން ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

" ހޮސްޕިޓަލްގެ ރޫމްތައް މަދުވާނެ. އެހެންވެ ހާއްސަކުރެވިފައިވާ ތަނަކީ ފެސިލިޓީތައް ވީމަ އިތުރުވަންޏާ އޭރު އޮތް ގޮތަކީ ފެސިލިޓީއަށް ފޮނުވުން. އޭރު އޮތީ އެކޮށް ފުރިފަ. މިހާރު ރަނގަޅު،" ޑރ. ފައިސަލް ވިދާޅުވިއެވެ.

ކުޑަކުދިންނަށް ކޮވިޑު ޖެހޭ މިންވަރު އިތުރުވެ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ގިނަ ކުދިންތަކެއް އެޑްމިޓުކުރިއިރު ޖުމުލަ ހަތްވަރަކަށް ކުދިން އޮތް ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ނަމަވެސް މިހާރު އެޑްމިޓްކޮށްފައި އޮތީ ތިން ކުދިން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް ކޮވިޑު ޖެހޭ މިންވަރު މިދޭތެރެއިން ވަނީ މައްޗަށް ގޮއްސައެވެ.

އޭގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. ކޮވިޑަށް މީހުން ޕޮޒިޓިވްވާ އަދަދު މިހާރު ވަނީ ދަށަށް ގޮސްފައެވެ.

comment ކޮމެންޓް