ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 66 މިލިއަން ރުފިޔާގެ ފައިދާ

"އެމްއެންޔޫ ފަހި ފުރުސަތު" ޖޮބް ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީގެ ފައިދާ ޓެކުހަށް ކެނޑުމަށްފަހު، 66 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

އެމްޓީސީސީގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އޭޕްރީލް މަހާއި ޖޫން މަހާ ދެމެދު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 593 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނީ 550 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

ޓެކުހަށް ކެނޑުމަށްފަހު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 64 މިލިއަން ރުފިޔާގެ ފައިދާއާ އެކު، އެ ކުންފުންޏަށް އަހަރުގެ މިހާތަނަށް 130 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައެވެ.

އެމްޓީސީސީގެ ވިޔަފާރީގެ ވަކިވަކި ބައިތަކަށް ބަލައިލާއިރު، ހުރިހާ ވިޔަފާރިއަކަށް ވެސް މިދިޔަ ކުއާޓަރުގައި ވަނި ފައިދާވެފައެވެ. އެގޮތުން، ފައިދާ ލިބިފައިވާ ގޮތަކީ:

  • އާންމު ވިޔަފާރި: 19.8 މިލިއަން
  • ކޮންޓްރެކްޓިން: 27.4 މިލިއަން
  • ބިން ހިއްކުން: 16.2 މިލިއަން
  • ދަތުރުފަތުރު: 561،00ރ.
  • އެހެނިހެން: 2.1 މިލިއަން

އެ ކުންފުނީގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން ވަނީ 1.95 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 44 އިންސައްތައިގެ ކުރިއެރުމެކެވެ.

comment ކޮމެންޓް