ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކޮށްދޭން އެމްޑީޕީގެ މެމްބަރުން އެދެން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ވަކިކޮށްދޭން އެމްޑީޕީގެ މެމްބަރުން އެދެން ފަށައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު, ހިތަދޫ ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް "ސަން"އަށް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތް ވާހަކަ، އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ވަރަށް ގިނަ މެމްބަރުން ދައްކަވަމުން އެބަ ގެންދަވާ ކަމަށެވެ.

"ޕީޖީ ގުރޫޕުގެ ވަރަށް ގިނަ މެމްބަރުން ވިދާޅުވަނީ މަޖިލީހުގެ ރައީސްކަން ކުރައްވަން ނަޝީދުގެ އިތުބާރެއް، ތިމަންނަމެންނަކަށް ނެތް ކަމަށް. އެހެންވީމަ އެބޭފުޅުން ބޭނުންވޭ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ވައްދަން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މެމްބަރުން އެދިވަޑައިގަތުމުން ޕީޖީ ގުރޫޕުގެ ޖަލްސާއެއް ބާއްވައިގެން، އެ ޖަލްސާއިން ފާސްވެއްޖެ ނަމަ އެ މައްސަލަ މަޖިލީހަށް ފޮނުވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 65 އެވެ. އޭގެ ތެރެއިން މެޖޯރިޓީ އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ފެކްޝަނަށެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމުގެ މަސައްކަތް ފަށަން އެމްޑީޕީގެ މެންބަރުން އެދެން ފެށީ ރައީސް ޞާލިޙް، އަންހެން ކުއްޖަކާއެކު ޒިނޭ ކުރާތަން ފެންނަ ހަތަރު ފޮޓޯ، ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ވަގުތެއްގައެވެ.

ނަޝީދު އެ ވިދާޅުވާ ފޮޓޯތައް ހާމަކުރަން އެތައް ބަޔަކު އެދިފައިވިޔަސް އެމަނިކުފާނަށް އެ ވިދާޅުވާ ފޮޓޯތައް ނުދެއްކުނެވެ. އަދި އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅަން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ އެމަނިކުފާނު އަރިހު އެދިވަޑައިގެންފައެވެ. ނަމަވެސް އެކަން ވެސް ރައީސް ނަޝީދު ނުކުރެއްވިއެވެ.

ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނާއި، ރައީސް ޞާލިހާ އޮތް ގުޅުން ދުވަހަކު ވެސް ނުކެޑޭނެކަމަށެވެ. އަދި ވިދާޅުވީ ދެ ބޭފުޅުންނަށް އެކީގައި ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރެވޭނެކަމާމެދަކު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

މި ދެބޭފުޅުންގެ މެދުގައި މިފަހަރު މައްސަލަ ޖެހުނީ، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު ރައީސް ނަޝީދުގެ ކޮއްކޮ، އަހްމަދު ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާއްމުވުމުން، އެ މަސައްލައިގެ ތަހުގީގަށް އޭނާ ހައްޔަރު ކުރުމާ ގުޅިގެންނެވެ.

މި މައްސަލައިގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް "ސަން"އަށް ވިދާޅުވީ އިސްލާމީ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކިބައިގައި މިހާރު ނެތް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދުގެ ކޮއްކޮ ހައްޔަރުކުރުމުން އޭނާގެ ދިފާއުގައި ނުކުންނަވަން ބޭނުން ކަމުގައި ވާނަމަ، ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނަވައިގެން "އެގޮތަށް" ނުކުމެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

comment ކޮމެންޓް