އެ ހިތި މާޒީ ކަފުންކޮށްފައި ވަޅުލެއްވިއްޖެ ކަމުގައި މިހުރިހާ ދުވަހު ނާޒިލް ހުރީ ހީކޮށްގެންނެވެ. އެހެންނަމަވެސް، މިއަދު އެއީ ކުށް ހީއެއްކަމުގައި އޭނާއަށް ޔަޤީން ވެއްޖެއެވެ. އެ ހިތި އަސަރާ ޖަޒުބާތުތައް އަދިވެސް އޭނާގެ ހިތުގެ ކޮންމެވެސް ހިސާބެއްގައި އެބަހުއްޓެވެ. ފާރުތައް ފަސޭހަވީ ކަމުގައި ހީކުރިނަމަވެސް، ޖެހުނު އެންމެ ފެންތިއްކެއްގެ ސަބަބުން އެ ފާރުގަނޑުން ދިލަ ނަގަން ފަށައިފިއެވެ. ދެފަރާތަށް ބޯ ހޫރައިލަމުން އޭނާ އެ ހަނދާންތަކާ ދުރަށް ދާން މަސއްކަތް ކުރަމުން ދިޔައެވެ

* * * * *

އެމަރޖެންސީގައި އޮތް ޕޭޝަންޓެއް ބެލުމަށްފަހު ނާޒިލް ގަޑިއަށް ބަލައިލިއެވެ. ޑިއުޓީގަޑި ނިމިގެން ވެސް އެތައް އިރެއް ފާއިތުވެއްޖެއެވެ. އޭރު އޭނާއަށް ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް އިޙްސާސްކުރެވެމުން ދިޔައެވެ. ފުންނޭވާއެއް ލުމާއެކު އެތަނުގައި ތިބި ނަރުސްކުދިންނަށް ކަންތައްކުރަންވީ ގޮތުގެ އިރުޝާދު ދިނުމަށްފަހު، ނާޒިލް ނުކުމެގެން މިސްރާބުޖެހީ ސައިކޭޓްރީ ޑިޕާރޓްމެންޓުގައި ހުންނަ ޑޮކްޓާރސް ރޫމާ ދިމާލަށެވެ. އޭރު އޭނާގެ ފަހަތުން މީހަކު އަންނަމުން ދިޔަކަމެއް ނާޒިލްއަކަށް ނޭނގެއެވެ. ޑޮކްޓާރސް ރޫމަށް ވަދެފައި ދަބަސް ހިފައިގެން ނުކުތްއިރު ކުރިމަތިން ފެނުނު ސޫރައެއްގެ ސަބަބުން ނާޒިލްގެ ފިޔަވަޅުތައް ވަގުތުން ހުއްޓުނެވެ. އެހާ ދުވަސްފަހުން އެ ސޫރަ ފެނުމުން ހަރަކާތެއް ވެސް ކުރަން ނޭނގިފައި ނާޒިލްއަށް ހުރެވުނެވެ. ހިތުގެ ކަނެއްގައި ވި ހަނދާންތައް އާވާން ފެށީ ރިހުމެއްގެ އަސަރު އޭނާގެ ހިތަށް ވެރިކުރުވަމުންނެވެ. ހިނދުކޮޅަކަށް އެ އަންހެން ކުއްޖާގެ ގަދަ ޗޮކްލެޓް ކުލައިގެ ލޮލަށް ބަލަހައްޓައިގެން ނާޒިލްއަށް ހުރެވުނެވެ. މީހާގެ ނަފްސު ހަމައަކަށް އަޅުވަމުން އެ ނަޒަރު ވަކިކޮށްލުމަށްފަހު، އެ އަންހެން ކުއްޖާ ފަސްދީ ދާން ނާޒިލް ހިނގައިގަތެވެ. އެހެންނަމަވެސް، އޭނާއަށް ސިހުން ގެނުވީ ކުއްލިއަކަށް އެ އަންހެން ކުއްޖާ އޭނާގެ އަތުގައި ހިފެއްޓުމާއެކުގައެވެ. ނާޒިލްއަށް އޭނާގެ އަތަށް ބަލައިލެވުނެވެ. އެ އަންހެން ކުއްޖާއަށް ބަލައިލިއިރު، އެ ކުއްޖާ ވެސް ހުރީ އޭނާގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެންނެވެ. ނާޒިލް އޭނާގެ އަތަށް އިޝާރާތް ކޮށްލުމާއެކު އެ އަންހެން ކުއްޖާ ނާޒިލްގެ އަތުން ދޫކޮށްލިއެވެ.

"ނާޒިލް ކިހިނެއް؟" އާދައިގެ ގޮތަކަށް އެ އަންހެން ކުއްޖާ އެ ސުވާލު ކުރުމާއެކު ނާޒިލްއަށް މަލާމާތް އެކުލެވިގެންވީ ބެލުމަކުން އެ ކުއްޖާއަށް ބަލައިލެވުނެވެ. އެ ސުވާލުކޮށްލިއިރު އެ އަންހެން ކުއްޖާގެ މޫނުމަތިން އެއްވެސް ވަރެއްގެ އަސަރެއް ނާޒިލްއަކަށް ނުފެނުނެވެ.

"އަހަރެންނާ ތި ސުވާލު ކުރާކަށް ރީމާ ލަދެއް ނުގަނޭތަ؟" ހިތުގައި އުތުރި އަރަމުން ދިޔަ އިޙްސާސްތައް އޮއްބައިލަން މަސައްކަތްކުރަމުން ނާޒިލް އަޑަށް ހަރުކަށިކަން ގެންނަން މަސައްކަތްކުރި ނަމަވެސް މޭގައި ރިހުމެއް އުފެދުނެވެ. އޭނާއަށް އަމިއްލަ ނަފްސު ދެކެވެސް ރުޅިއާދެވުނެވެ. އެހާ ދުވަސް ފާއިތުވެގެން ދިޔައިރުވެސް އަދިވެސް މޭގެ ކަނެއްގައި ބޭނުންނުވާ އިޙްސާސްތަކެއް ހުރިކަން ނާޒިލްއަށް އިޙްސާސްވިއެވެ. އެ އިޙްސާސްތައް އޮއްބައިލަން ކުރަންވީ ކީއްކަމެއް ނާޒިލްއަކަށް ނޭނގުނެވެ.

"އަހަރެން ދެކެ ނާޒިލް ރުޅި އަންނާނެކަން އެނގޭ." ރީމާ މަޑު މަޑުން ބުނެލިއެވެ.

"އަހަރެން މާޒީ މަތިން ހަނދާން ނައްތާލައިފިން." ނާޒިލް ދުރު ބަލައިލިއެވެ.

"ނާޒިލް އަދިވެސް އަހަރެން މަތިން ހަނދާންވޭ. އެހެންނޫންނަމަ ތިގޮތަށް ދުރުބަލަން ހުރެގެން ވާހަކައެއް ނުދައްކާނެ." ރީމާގެ އަޑުގައި ހުރި ޔަޤީންކަމުން ނާޒިލްގާތަށް ރުޅި އަންނަގޮތްވިއެވެ. އޭނާ ރީމާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އެއާއެކު ރީމާ އަނެއްކާވެސް ނާޒިލްގެ އަތުގައި ހިފައްޓައިލިއެވެ. އެއަތް ފޮޅުވައިލަމުން ނާޒިލް ވާހަކަ ދެއްކިއެވެ.

"އަހަރެންގެ ގައިގައި އަތްލުމުގެ އެއްވެސް ހައްޤެއް ރީމާއަކަށް ނޯންނާނެ. ދެވަނަ ފަހަރު އަހަރެންގެ ގައިގައި އަތް ނުލާތި." ނާޒިލް ރުޅިވެރިކަމާއެކު ބުނެލިއެވެ. ރީމާއަށްޓަކައި އޭނާގެ ހިތުގައި ވި އިޙްސާސްތައް މަރުވެއްޖެކަމުގައި ރީމާއަށް އަންގައިދޭން ނާޒިލް ބޭނުންވި ނަމަވެސް، އެކަން ކުރުން އެއީ ކިހާ އުނދަގޫކަމެއްކަން ނާޒިލްއަށް ވެސް އެނގޭފަދައެވެ.

"އޯކޭ ސޮރީ. އަހަރެން އަތެއް ނުލާނަން. އެކަމަކު އަހަންނާ ވާހަކަ ދައްކައިލަން ވަގުތުކޮޅެއް ލިބިދާނެތަ؟ މޭބީ ކޮފީއަކަށް..." ރީމާ ބުނެލިއެވެ. ހަމަޖެހިލައިގެން ހުރެ ރީމާ ވާހަކަ ދައްކަމުން ދިޔުމުން ނާޒިލްގެ ރުޅިގަނޑު އިތުރުވަމުން ދިޔައެވެ. ކުރިމަތީގައި ހުރި އަންހެން ކުއްޖާ އޭނާގެ ދިރިއުޅުން ނަރަކައަކަށް ހަދައިލިކަން އޭނާ ހަނދާން ނައްތައިލާނީ ކިހިނެއްހެއްޔެވެ؟ އެހިތުގައި ލީ ޒަޚަމްތަކުގައި އަދިވެސް ދިލަހޫނުކަން ހުރިއިރު، ރީމާއާ ދޭތެރޭ ހިތްހެޔޮ ކުރާނީ ކިހިނެއްހެއްޔެވެ؟ އެއީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ.

"އަހަރެންގެ އަތުގައި ރީމާއަށް ދޭނެ އެއްވެސް އެއްޗެއް ނެތް..." އެހެން ބުނުމަށްފަހު ނާޒިލް ރީމާ ފަސްދީ ހިނގައިގަތެވެ. އެ މަންޒަރު ބަލަން ހުރި ރީމާގެ މޫނުމަތިން ފެންނަމުން ދިޔައީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ.

* * * * *

އެނދުގައި އޮށޯވެގެން އޮތް ނާޒިލް ފުންމައިގެން ތެދުވިއެވެ. ވެރިވަމުން ދިޔަ ހަނދާންތައް އޭނާގެ ނަފްސު ހަލަބޮލިކޮށްލައިފިއެވެ. އޭނާ ތަހައްމަލް ކުރި ވޭން މީހަކަށް އިޙްސާސްއެއް ނުކުރެވޭނެއެވެ. އެ ބޭފަތާރެރިޔާ ވަނީ އޭނާގެ އަރުތެރޭގައި ނުފިލާވަރުގެ ހިތިރަހައެއް ލައްވާލާފައެވެ. އަންހެނުންނަށް އިތުބާރުކުރުމަކީ ހެދުނު ގޯހެއްކަމުގައި ނާޒިލް ވަނީ އޭނާގެ ހިތަށް ވިސްނައިދީފައެވެ. ދެވަނަ ފަހަރު އެފަދަ ކުށެއް ތަކުރާރު ނުކުރަން ނާޒިލް ވަނީ އަޒުމު ކަނޑައަޅާފައެވެ. މާޒީގެ ކުރިމައްޗަށް ދުވަހަކުވެސް އަރަން ނުޖެހޭނެކަމަށް ވިސްނި ނަމަވެސް، އަލުން އެ ފިޔަވަޅު މަތީ ހުއްޓެން ނާޒިލްއަށް މަޖުބޫރުކުރުވިފަދައެވެ. އެ ބޭވަފާތެރިޔާ އޭނާއަށް ދިނީ ކޮންފަދަ ވޭނީ ފިލާވަޅެއް ހެއްޔެވެ؟ކޮންފަދަ އަނިޔާއެއްހެއްޔެވެ؟ ބޮލުގައި ހިފައްޓައިލަމުން އޭނާ އުދާސްކަމުގެ ނޭވާއެއް ދޫކޮށްލިއެވެ. އެދުވަހު އޭނާގެ އަރުތެރޭގައި ނުފިލާވަރުގެ ހިތިކަމެއް ލައްވާފައި މިއަދު އައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އޭނާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ކުރިމައްޗަށް އަރަން ރީމާ ލަދުގަންނަން ޖެހޭނެއެވެ. އެ ބޭވަފާތެރިޔާ އޭނާގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. އިތުރަށް އެ ސޫރަ ދެކޭކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. ދިރިއުޅުމުގައި ކުރިއަށް ފިޔަވަޅު އޭނާ އެޅީ ނުހަނު އުނދަގުލުންނެވެ. މާޒީގެ ހިޔަނި ދުވަހަކު އޭނާގެ ޙަޔާތަށް އެޅޭކަށް ނާޒިލް ބޭނުމެއް ނޫނެވެ. ނާޒިލް އެ ހުރިހާ ކަމަކާ ކުރިމަތިލީ އެކަނިމާ އެކަންޏެވެ. މާކިންއަށްވެސް އެއިން އެއްވެސް ކަމެއް ނޭނގޭނެއެވެ. ނާޒިލް ބޭނުންވީ އެ ހުރިހާކަމަކާ އެކަނި ކުރިމަތިލާށެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިގެން އުޅުނުނަމަވެސް، ލޯބީގެ ހިތިކަން އޭނާއަށް ތަޖުރިބާ ކުރެވިފައިވެއެވެ. އެ އިޙްސާސްއާމެދު އޭނާގެ ހިތުގައި ފޫހިކަން އުފެދިފައިވެއެވެ. ލޯބީގެ ފޮނި މީރުކަން އެހެން މީހުންނެކޭ އެއްގޮތަށް އޭނާއަށް ވެސް ލިބޭނެކަމުގައި ނާޒިލް ހީކުރިއެވެ. އެހެންނަމަވެސް ކަންތައްވީ ދިމާ އިދިކޮޅަކަށެވެ. ކުރި އިތުބާރު ގެއްލުވާފާއި ރީމާ ވަނީ އޭނާއަށް ރިހުން ދާއިމަށް ހުންނާނޭ ފަދަ ޒަޚަމްތަކެއް ދީފައެވެ. އެފަދަ ޚިޔާލުތަކެއްގައި އެތައް އިރަކު ނާޒިލްއަށް އޮވެވުނެވެ. ނިދި ވަނީ އޭނާއާ އެތައް ހާސް މޭލެއްގެ ދުރުގައެވެ.

*****

މިޝްޔާ އޮތް އެނދުގެ އެއްފަރާތުގައި ހުރި ގޮނޑީގައި އިށީނދެގެން އިން މާކިން އިނީ މިޝްޔާއަށް ބަލަހައްޓައިގެންނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު މާކިން މިޝްޔާއާ ވާހަކަ ދެއްކިއެވެ.

"މިޝޫ. ނިދާލަންވީނު. އަދި އައިވީ ހުސްވާން ވަގުތުކޮޅެއް ވާނެއެއްނު." މާކިންއަށް ބަލައިލުމަށްފަހު، މިޝްޔާ ބޯ ޖަހައިލުމަށްފަހު، އިތުރު އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް އެމޫނުމަތިން އޭނާ ވަރަށް ފުންކޮށް ކަމަކާ ވިސްނަމުންދާކަން މާކިންއަށް ދެނެގަނެވުނެވެ. ކޮންމެވެސް އެއްޗެއް ބުނަން މިޝްޔާ މަސައްކަތް ކުރަމުން ދިޔައެވެ. މާކިންއާ ނަޒަރު ވަކިކޮށްލަމުން މިޝްޔާ ތުންފަތުގައި ދަތް އަޅައިލިއެވެ. ހިތުގެ އިޙްސާސްތައް ހާމަކުރަން އޭނާއަށް ވަރަށް އުނދަގުލެވެ.

"ކިހިނެއްވީ މިޝޫ... ކަމެއް ބޭނުންވީތަ؟ ދޮންބެ ކައިރީގައި ބުނެބަލަ!" މާކިން ބުނެލިއެވެ. މާކިންގެ އަޑުގައިވަނީ އޯގާތެރިކަމެވެ. މިޝްޔާއަށް މާކިންއަށް ބަލައިލެވުނެވެ. އެއަށްފަހު އޭނާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

"ދޮންބޭ... ކޮބާތަ...." ވަކި ހިސާބަކަށް ބުނެފައި ހުއްޓައިލުމަށްފަހު މިޝްޔާ ދެފަރާތަށް ބޯ ހޫރައިލިއެވެ. ކުރެވެނީ ބޭކާރު ސުވާލެއްހެން އޭނާއަށް ހީވަނީ ކަންނޭނގެއެވެ. މިޝްޔާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު މާކިން ދިޔައީ ކައިރިން ބަލަމުންނެވެ.

"ކޮބާތަ ކާކު؟" މާކިންއަށް މިޝްޔާގެ ހިތުގައި އުތުރި އަރަމުންދިޔަ އެއްޗެހީގެ ކުޑަ މިންވަރެއް އެނގުނު ފަދައެވެ.

"ކޮބާތަ ބައްޕަ؟ ބައްޕައަށް އެނގޭތަ އަހަރެން...." މިޝްޔާ އަނެއްކާވެސް ހުއްޓައިލުމަށްފަހު، އިސްޖަހައިލިއެވެ.

"ބައްޕަ އޮފީހުގެ މީޓިންއެއްގައި ހެން ހީވަނީ. ބިޒީ ވާހަކަ ބުންޏޭ..." މާކިން ބުނެލިއެވެ.

"އަބަދުވެސް..." މަޑުމަޑުން މިޝްޔާ އެހެން ބުނެލި ނަމަވެސް މާކިންއަށް ސާފުކޮށް މިޝްޔާ ބުނި ބަސްތައް އަޑު އިވުނެވެ. އެއާ ވިއްދައިގެން ބުނާނެ އެއްޗެއް މާކިންގެ ވިސްނުމަކަށް ވެސް ނަޔެވެ. ހިމޭންކަން ހިޔާރުކުރެވުނީ އެހެންވެއެވެ. މިޝްޔާ ދެލޯ މަރައިލިއެވެ. އޭނާގެ ބޭނުމަކަށް ވީ އެ ދެލޮލުގެ ތެރެއަށް ޖަމާވަމުންދިޔަ ކަރުނަތައް މާކިންއަށް ނުދެއްކުމެވެ. އެހިތުގެ ޙާލު ސިއްރުކުރަން މިޝްޔާ މަސައްކަތްކުރަމުން ދިޔައެވެ. މާކިންއަށް ވެސް އެ ހިތުގައި އަޅަމުންދިޔަ ވޭން މިޝްޔާ ވަނީ ސިއްރުކޮށްފައެވެ. މާކިން އެކަންޏެއް ނޫނެވެ. މުޅި ދުނިޔެއަށް ވެސް މެއެވެ. އެ ހިތާމަތަކާ އެކަނި ހަނގުރާމަކޮށްކޮށް މިޝްޔާ ވަރުބަލިވެއްޖެއެވެ. ދުނިޔެއިން އޭނާއަށް އިޙްސާސްކުރެވެނީ އެކަނިވެރިކަމެވެ. ހިތްދަތިކަމެވެ. ނުތަނަވަސްކަމާއި ހިތާމައެވެ. ތަޤުދީރާ މެދު ޝަކުވާ ކުރެވުނު އަދަދެއް ނޭނގެއެވެ. އުނދަގުލުން އޭނާގެ ހިތުގެ އިޙްސާސްތައް މިޝްޔާ ފޮރުވައިލިއެވެ. އެއަށްފަހު އޭނާ ނިދޭތޯ މަސައްކަތް ކުރިއެވެ. ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނީ އޭރުންކަން އޭނާއަށް ވިސްނުނެވެ.

މިޝްޔާއަށް ބަލަން އިން މާކިންގެ ހިތަށްވެސް ތަފާތު އެއްޗެހި އަރާ ފައިބަމުން ދިޔައެވެ. މިޝްޔާ ނިދިކަން ޔަޤީންވުމުން އޭނާ އެއްފަރާތުގައި ހުރި ސޯފާގައި އޮށޯވެލީ އަރާމުކޮށްލުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް، ވެރިވާން ފެށި ޚިޔާލުތަކެއްގެ ސަބަބުން މާކިންއަށް ލިބުނީ އިތުރު ނުތަނަވަސްކަމެކެވެ. މިޝްޔާ އެހާލަތަށް ވެއްޓުމުގައި އޭނާގެ އިހުމާލެއްވެސް އެބަ އޮތޭ މާކިންގެ ހިތް ބުންޏެވެ. މިޝްޔާ ބަރުދާސްތުކުރަމުންދާ ހިތްދަތިކަމުގެ ކޮންމެވެސް މިންވަރެއް އޭނާއަށް ވެސް އެނގެއެވެ. އެންމެ ބޭނުންވި ވަގުތު އޭނާއަށް ވެސް މިޝްޔާ ގާތު ނުހުރެވުނީއެވެ.

"އައި އެމް ސޮރީ މިޝޫ. އެއީ އެކަންތައް ވާންޖެހޭނެ ގޮތެއް ނޫން. ދޮންބެއަށް އެނގޭ މިޝޫއަށް ތިހެން ވުމުގައި އެ ހަނދާންތައްވެސް ބޮޑުބައެއް އަދާކުރާނެކަން. އެކަމަކު..." މާކިންއަށް ވައިއަޑުން ބުނެވުނެވެ. އޭނާ މިޝްޔާ ގާތުން މާފަށް އެދެން ބޭނުންވެއެވެ. މާޒީގައި އޭނާއަށް ވެސް ކުރެވުނީ ކުށެއްކަން މާކިންއަށް އިޙްސާސްވަމުން ދިޔައެވެ.

މިޝްޔާ ގެއަށް ދޫކޮށްލީ ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މާކިން މިޝްޔާ ގޮވައިގެން ގޮސް ގެއަށް ވަތްއިރު ރިފްއަތު އޮފީހަށް ދާންވެގެން ނުކުންނަނީއެވެ. މިޝްޔާ ފެނުމުން ވެސް ރިފްއަތު މިޝްޔާއަށް ބަލައިލީ ނުރުހުން އެކުލެވިގެންވީ ބެލުމަކުންނެވެ. އެކަން މާކިންއަށްވެސް ފާހަގަވިއެވެ. ރިފްއަތު އޭނާއަށް ބަލައިލި ގޮތުން މިޝްޔާއަށް ތުންފަތުގައި ދަތް އަޅައިލަމުން ދެ އަތް މުށްކަވައިލެވުނެވެ. ރިފްއަތު ވާހަކަ ދެއްކީ މާކިންއާއެވެ. މިޝްޔާއަކީ އެތަނުގައި ހުރި މީހެއްކަން ވެސް އޭނާއަށް ނޭނގޭ ފަދައެވެ.

"މާކިން. އަހަރެން މާކިން ހޯދައިފީމޭ... މިއަދު މާކިން އެބަ ޖެހޭ އޮފީހަށް ގޮސްލަން." ރިފްއަތު ބުނެލިއެވެ.

"ބައްޕާ! މިޝޫ.." މިޝްޔާ އެކަނިކޮށްލަން މާކިންގެ ހިތެއް ނޭދެއެވެ. މާކިންއަށް ބުނެވޭވަރުވީ އެވަރަށެވެ.

"އެއްވެސް މިޝޫ އެއް ނޯންނާނެ. އެއީ ކުޑަކުއްޖެއް ނޫނެއްނު މިހާރު. އަބަދު މީހަކު ކައިރީގައި ހުންނާކަށް ނުޖެހޭނެ. މީގެ ކުރިންވެސް މިޝްޔާ އުޅުނީ އެކަނި. އޭނަ ބޭނުންވާ ގޮތަކަށް. ކުޑަމިނުން އަހަންނަށްވެސް އިޙްތިރާމް ކުރުމެއް ނޯވޭ. އުޅޭ ވިޔާ ނުދާގޮތުން އަހަރެން ލަދުގަނޭ." ރިފްއަތު ރުޅިވެރިކަމާއެކު ބުނެލިއެވެ. މާކިންގެ ކައިރީގައި ހުރި މިޝްޔާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ރިފްއަތުގެ އެބަސްތަކުން އޭނާގެ ހިތުގައި ރިއްސައިލިއެވެ.

"ދޮންބޭ... ދޭ... އަހަރެން މިހުރިހާ ދުވަހުވެސް އުޅުނީ އެކަނި. ދެންވެސް އުޅެވޭނެ. އެކަކުގެވެސް އެހީތެރިކަމެއް ބޭނުމެއް ނޫން." އެހެން ބުނެލުމަށްފަހު، މިޝްޔާ އެ މީހުން ފަސްދީ ހިނގައިގަތެވެ.

"މިޝޫ..." މާކިން މިޝްޔާއަށް ގޮވައިލި ނަމަވެސް އޭނާ އެކަމަށް ސަމާލުކަމެއް ނުދިނެވެ.

"އެހުރީ އޭނާ އުޅޭގޮތް. އެވަރު މީހަކާ ހެދިތަ މާކިން ތި ވަރު ތިވަނީ. އެއްވެސް އިތުރު ބަހަނާއެއް ނޯންނާނެ. މާކިން ޖެހޭނެ މިއަދު އޮފީހަށް އަންނަން." ރިފްއަތު ބުނެލިއެވެ.

"ރެޑީ ވެލައިގެން މިދަނީ އޮފީހަށް..." އެހެން ބުނުމަށްފަހު މާކިން ސިޑިން މައްޗަށް އެރިއެވެ. ކޮޓަރިއަށް ވަނުމުގެ ކުރިން މާކިން މިޝްޔާގެ ކޮޓަރި ދޮރުގައި ހިފައިލިއެވެ. ތަޅުލާފައި ހުރުމުން ދެފަހަރަކު ޓަކި ޖަހައިލުމަށްފަހު، އޭނާ މިޝްޔާއަށް ގޮވައިލިއެވެ.

"މިޝޫ... މިޝޫ..."

"އަހަރެން ބޭނުމީ އެކަނިވެލަން." މިޝްޔާގެ އަޑު އައެވެ. މާކިންއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އޭނާ އޮފީހަށް ދާ ވާހަކަ ބުނެފައި ގޮސް ކޮޓަރިއަށް ވަނެވެ. ފެންވަރާލައިގެން ނުކުމެ މާކިން ލީ ކަޅުކުލައިގެ ފަޓްލޫނަކާއި ގަދަ ޗޮކްލެޓް ކުލައިގެ ގަމީހެކެވެ. ކަޅުކުލައިގެ ޓައީއެއް އަޅާލާފައި އަތު ކުރި އުޅަބުއްޓާ ހިސާބަށް އޮޅާމުން އެ ބާރުގަދަ މުލައްދަނޑި ހާމަވިއެވެ. އެ ފިރިހެންވަންތަ ހަށިގަނޑަށް ގަމީސް ހިފާލާފައި ހުންނައިރު އެހާ ސްމާޓެވެ. މާކިން ޑްރެސިންޓޭބަލް މަތީގައި ހުރި މީރުވަސް ދުވާ ސެންޓް ގަޔަށް ޖަހައިލުމާއެކު މުޅި ތަނުގައި އޭގެ މީރުވަސް ފެތުރުނެވެ. އޮފްކަން ގަދަ ކަޅު ބޫޓަކަށް އަަރަމުން އޭނާ ކޮޓަރިން ނުކުތެވެ. ސިޑިން ތިރިއަށް ފައިބައިގެން ގޮސް ގޭގެ މައިދޮށުން ނުކުތުމަށްފަހު، އޭނާ މިސްރާބުޖެހީ ގޭގައި ގެންގުޅޭ އަނެއް ކާރާ ދިމާލަށެވެ. ކާރަށް އަރައިގެން މާކިން މިސްރާބުޖެހީ ބްލޫ ޕްރައިވެޓްގެ މައި އޮފީހާ ދިމާލަށެވެ. ޕާކިންއޭރިޔާގައި ކާރު ޕާކުކޮށްލުމަށްފަހު މާކިން ވަށައިގެން އެ މާހައުލަށް ބަލައިލިއެވެ. ހިތްގައިމު ގޮތަކަށް އޮފީހުގެ ބޭރު ފަރުމާކޮށްފައިވާއިރު ތަނުގައި ކޮންމެވެސް ވަރަކަށް ގަސް ހައްދާފައި ހުއްޓެވެ. އަށްބުރިއަށް ނަގާފައިވާ އެ އިމާރާތަށް ބަލައިލުމާއެކު އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

ފިރިހެންވަންތަ ހިނގުމެއްގައި ގޮސް މާކިން ރިސެޕްޝަންގައި ރިފްއަތުގެ އޮފީހާ ބެހޭގޮތުން ސުވާލުކޮށްލިއެވެ. މީގެ ކުރިން އޭނާ އެ އެފީހަށް އައި ކަމުގައި ވީނަމަވެސް، މިހާރު ތަނަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައެވެ. ޚާއްސަކޮށް އެ އިމާރާތާ އިންވެގެން ހުރި ގޯތި ގަނުމަށްފަހު، އޮފީސް ވަނީ ބޮޑުކޮށްފައެވެ. އެގޮތަށް ބޮޑުކުރިފަހުން އޭނާ އޮފީހަށް އެ އައީ އަލަށެވެ. މާކިން ފެނިގެން ރިސެޕްޝަނުގައި ތިބިކުދިންވެސް ތުއިވެލިއެވެ. އެކަމުން މާކިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"އެޕޮއިންޓްމެންޓެއް ހައްދާލާފަތޯ އިންނާނީ؟" ރިޝެޕްޝަނުގައި ތިބި ތިންކުދިންގެ ތެރެއިން މެދުގައި އިން އަންހެން ކުއްޖާ ސުވާލުކޮށްލިއެވެ. މާކިންއަށް ބޭއިޚްތިޔާރުގައި ބުމަ އަރުވައިލެވުނެވެ.

"މާކިން ތޯ؟" މާކިންގެ މޫނުމައްޗަށް އަރާފައިބަމުން ދިޔަ ކުލަވަރުތައް ފެނުމާއެކު އެހެން ކުއްޖަކު ސުވާލުކޮށްލުމާއެކު މާކިން ބޯ ޖަހައިލިއެވެ.

"ދުރުވޭ..." އެ އަންހެން ކުއްޖާ އޭނާއާއެކު އައުމަށް މާކިންއަށް އިޝާރާތްކޮށްލުމުން މާކިންއާ ވާހަކަ ދެއްކި ކުއްޖާ އިނީ ވާނުވާ ނޭނގިފައެވެ.

"އެއީ އޮފީސް ބޮސްގެ ދަރިފުޅޭ. ހޮޓް ދޯ..." އެތަނުގައި ދެން އިން އަންހެން ކުއްޖާގެ ވާހަކަ މާކިންއަށް ރީތިކޮށް އަޑު އިވުނެވެ.

އޭނާ ގޮސް ރިފްއަތުގެ ކެބިން އަށް ވަދެލިއެވެ. ވަށައިގެން އެ ކެބިންއަށް މާކިން ބަލައިލިއެވެ. އެއީ ތަނަވަސް ޖާގަ ބޮޑު ކެބިންއެކެވެ. ރިފްއަތު މަސައްކަތް ކުރަން އިންނަ މޭޒުގެ އިތުރުން ސޯފާ ސެޓް ބެހެއްޓިފައިވާއިރު، ތަނުގައި އިންޑޯ ގަސްވެސް ހުއްޓެވެ. ފައިލްތައް ބަހައްޓާފައި ކަބަޑެއް ވެސް ހުއްޓެވެ.

ރިފްއަތު މާކިންއަށް މަރުހަބާކީ ހިނިތުންވުމަކާއެކީގައެވެ. މާކިން އެގޮތަށް ފެނުމުން މާކިންގެ ޝަޙްސިއްޔަތުގެ ފުރިހަމަކަން ފެނި ރިފްއަތުގެ ހިނިތުންވުން ފުޅާވިއެވެ. މާކިން ވަރަށް ޕްރޮފެޝަނަލްވެފައި ސްމާޓެވެ.

އެދުވަހު އޮފީހުގެ ކަންތައްތައް ރިފްއަތު މާކިންއަށް ކިޔައިދިނެވެ. ބްރޭކް ގަޑީގައި މާކިން ތިރިއަށް ދިޔައީ އޮފީހުގެ އެއް ފަރާތުގައި ހުންނަ ކޮފީ ޝޮޕާ ދިމާލަށެވެ. އެތަނުން ކޮފީއެއް ގަނެގެން ނުކުތުމަށްފަހު މާކިން ގޭގައި އުޅޭ ނޯކަރު ކުއްޖަކަށް ގުޅައިލިއެވެ. އެއަށްފަހު، މިޝްޔާގެ ހަބަރެއް ބަލައިލިއެވެ. މިޝްޔާ އޭރު ވަތްގޮތަށް ނުނިކުންނަކަން ޔަޤީންވުމުން މާކިން ހިތްހަމަޖެހުމާއެކު ފޯނު ބޭއްވިއެވެ. އެއަށްފަހު އޭނާ ނާޒިލްއަށް ގުޅައިލިއެވެ.

"އޭތް. ކަލޭ ކޮންތާކު؟" މާކިން ސުވާލުކޮށްލިއެވެ.

"މަގޭގަ. ކަލޭ ކީކުރަނީ؟ މިޝްޔާ ކިހިނެއް؟" ނާޒިލް ސުވާލުކޮށްލިއެވެ.

"މިޝޫ ވަރަށް ސަކަރާތް. މިރޭ ސެޝަންއެއް ނަގަމާ..." މާކިން ބުނެލިއެވެ.

"އަހަރެން މިރޭ ޑިއުޓީ. މާކްއަށް އޭނަ ގެނޭވެނެތަ މިރޭ ހޮސްޕިޓަަލަށް. އޭރުން އަހަރެން ބޭސް ވެސް ލިޔެލަދޭނަން..."

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު