ވަނުން މަނާ ސަރަހައްދަކަށް ވަދެ އުޅެނިކޮށް ގަމު ތުނޑީ ބަނދަރަށް ކާރެއް ވެއްޓިއްޖެ

ލ. ގަމު ތުނޑީ ބަނދަރު ސަރަހައްދު -- ފޮޓޯ/ ކައުންސިލް

ލ. ގަމު ތުނޑީ ބަނދަރުގެ ވަނުން މަނާ ސަރަހައްދަކަށް ވަދެ އުޅެނިކޮށް އެ ސަރަހައްދުން މޫދަށް ކާރެއް ވެއްޓިއްޖެއެވެ.

އެކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވީ ކާރު ދުއްވަން އިނީ އަންހެނެއްކަމަށެވެ. އަދި އެވަގުތު ކާރު ތުނޑީ ބަނދަރަށް ދިޔައީ ފެރީގައި އައި ކުއްޖަކު ބަލާ ނަމަވެސް ކާރު ވަދެފައިވަނީ މަސައްކަތް ކުރަމުން ދިޔަ ސަރަހައްދަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ހެނދުނު ފެރީގައި އައި ކުއްޖަކު ބަލާ ދިޔައީ. ވަނުން މަނާ ސަރަހައްދަކަށް ވަދެފަ ވަނީ. އެއީ މަސައްކަތް ކުރަމުން ދިޔަ ސަރަހައްދެއް،" އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ދުއްވާފައި ދިޔަ ކާރު މޫދަށް ވެއްޓުމާއެކު ދުއްވަން އިން މީހާ މޫދުން ސަލާމަތް ކުރިކަމަށް ޒަކީ ވިދާޅުވިއެވެ. އަދި އޭނާއަށް ލިބިފައިވާ ގެއްލުންތައް އަދި ނޭނގޭކަމަށް ޒަކީ ވިދާޅުވިއެވެ.

"ކާރަށް ލިބިފައިވާ ގެއްލުމެއް ވެސް ނޭނގެ ކާރުވީ މިހާރު ވެސް މޫދު އަޑީގަ. އަދި ކާރެއް ވެސް ނުނަގާ،" އޭނާ ވިދާޅުވިއެވެ.

ކާރު ދުއްވަން އިން ޑްރައިވަރަށް މިވަގުތު ދަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގަމުގެ ތުނޑީ ބަނދަރަށް ކާރެއް ވެއްޓުނު ކަމުގެ މައުލޫމާތު މިއަދު 10:03 ހާއިރު ފުލުހަށް ރިޕޯޓު ކޮށްފައިވާކަމަށެވެ. މިހާދިސާގައި ކާރު ދުއްވަން އިން މީހާ ސަލާމަތްކޮށްފައިވާ ކަމަށާއި އޭނާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

"ކާތު މޫދަށް ވެއްޓިފައިވަނީ ދުއްވާފައި ދަނިކޮށް ގަލަކަށް އެރުނު ވަގުތު ރޭސްއަށް ފިތާލެވިގެން ކޮންޓްރޯލް ނުވެގެންކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް