ޗެލްސީން ލޯ އަޅައަޅާ އޮއްވާ ސެވިއްޔާއަށް ކުޅެމުން އަންނަ ޖޫލްސް ކުންޑޭގެ ސޮއި ބާސާއިން ހޯދައިފިއެވެ.
މީގެ ދުވަސްތަކެއް ކުރިން ޗެލްސީގެ ސަޕޯޓަރުން ވަނީ ކުންޑޭ އެ ޓީމަށް ދާނެކަމަށް ލަފާކޮށް އުފާ ފާޅުކޮށްފައެވެ. އަދި ސްކައި ސްޕޯޓްސްއިން ވަނީ ޗެލްސީން ކުންޑޭގެ ސޮއި ހޯދުމާ ވަރަށް ގާތްވެފައި ވާކަމަށް ބުނެފައެވެ.
ދުނިޔޭގެ ކުޅިވަރުގެ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ މިއަދު ބުނެފައިވަނީ ބާސާއަށް ކުންޑޭ ބަދަލުވާން އެއްބަސްވެފައިވާކަމަށެވެ. އޭނާ ބުނެފައިވަނީ ބާސެލޯނާގެ ހުށަހެޅުން އޭނާ ގަބޫލުކޮށްފައިވާކަމަށެވެ.
އުމުރުން 23 އަހަރުގެ ކުންޑޭ ވަނީ މިހާތަނަށް ސެވިއްޔާއަށް 95 މެޗު ކުޅެދީ ފަސް ގޯލު އެ ޓީމަށް ޖަހައިދީފައެވެ. އަދި ފްރާންސްގެ ޤައުމީ ޓީމަށް އޭނާ ވަނީ 11 މެޗު ކުޅެދީފައެވެ. ސެވިއްޔާ ހަވަނަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބުކުރުމަށް ކުންޑޭ ވަނީ އެހީތެރިވެދީފައެވެ. އަދި މިދިޔަ އަހަރު ފްރާންސާއެކު ކުންޑޭ ވަނީ ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ.
ޗެލްސީ އާ ޓޮޑް ބޮހްލީ ހަވާލުވެ، އެ ޓީމުން އަންނަނީ ޓީމު ވަރުގަދަ ކުރުމަށް ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ނަޕޯލީގެ ކުލިބާލީގެ އިތުރުން މެންޗެސްޓާ ސިޓީއަށް ކުޅެމުންއައި އަވަސް ފޯވާޑް ރަހީމް ސްޓާލިންގެ ސޮއި އެ ޓީމުން ވަނީ ހޯދައިފައެވެ.
މީގެ އިތުރުން ޓީމަށް އިތުރު ކުޅުންތެރިން ގެންދިޔުމަށް އެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރޮބާޓް ލެވެންޑޮސްކީއާއި، ލީޑްސްއަށް މިދިޔަ ސީޒަނުގައި ކުޅުނު ބްރެޒިލްގެ ރަފީނިއާ ގެންދިޔުމަށް މަސައްކަތް ކުރަމުން ދަނިކޮށް ފަހު ވަގުތު ބާސާއިން ވަނީ އެ ކުޅުންތެރިންގެ ސޮއި ހޯދާފައެވެ. އަދި ބާސާއިން ވަނީ ޗެލްސީގެ ކްރިސްޓެންސެން އެ ޓީމަށް ގެންގޮސްފައެވެ. އަދި ޗެލްސީގެ ކެޕްޓަން އަޒްބްލިކުއެޓާ ހޯދުމަށް ވެސް ބާސާއިން ދަނީ މަސައްކަތް ކުރަމުންނެވެ.