ރާއްޖެއާ ޒަމާންވީ ޚާރިޖީ ގުޅުން ދަމަހައްޓައި ކުރިއެރުވުމަށް އިތުރަށް މަސައްކަތް ކުރާނަން: ޗައިނާ

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ލިޖިން އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ ޚާރިޖީ ގުޅުން ދަމަހައްޓައި ކުރިއެރުވުމަށް އިތުރަށް މަސައްކަތްކުރާނެ ކަމަށް އެ ގައުމުން ބުނެފިއެވެ.

ރާއްޖޭގެ 57 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ އަރިސްކުރެއްވުމަށް ޗައިނާގެ ރައީސް ޝީޖިންޕިން، ރާއްޖޭގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ފޮނުއްވި މެސެއްޖެއްގައި މިނިވަންދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ސަރުކާރަށާއި ރާއްޖޭގެ ރައްޔިތުންނަށް އަރިސްކުރިއެވެ.

އެ މެސެޖުގައި ރާއްޖެއަށާއި ރައްޔިތުންނަށް އުފާ ފާގަތިކަން އެދި ހެޔޮ ދުޢާ ފޮނުއްވާފައިވެއެވެ.

ޗައިނާގެ ރައީސް ފޮނުއްވި އެ މެސެޖުގައި ވަނީ ޗައިނާއާއި ރާއްޖެ އަކީ އެކުވެރިކަމުގެ ދިގު ތާރީހެއް އޮތް ދެ ގައުމު ކަމަށާއި މީގެ 50 އަހަރު ކުރިން ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރި ފަހުން ދެގައުމުގެ އިހުތިރާމާއި އިތުބާރު އަދި ތާއީދު އެއްބަޔަކު އަނެއް ބަޔަކަށް ލިބިފައިވާކަމަށެވެ.

"ޗައިނާ އަދި ރާއްޖޭގެ ޚާރިޖީ ގުޅުމަކީ ކުދި އަދި ބޮޑެތި ގައުމުތަކުގެ އެކުވެރިކަމުގެ މިސާލެއް. ރާއްޖެއާ ޗައިނާއަކީ އެއްގައުމު އަނެއް ގައުމަށް އިހުތިރާމު ކުރުމާއި އެހީތެރިވުމާއި އެއްބާރުލުން ދިނުމުގެ ގޮތުން އަބަދުވެސް މިސާލު ދައްކަމުން އައި ދެ ގައުމު،" އެ މެސެޖުގައިވެއެވެ.

ޗައިނާއާއި ރާއްޖޭގެ ގުޅުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމަށާއި، ސަގާފީ އެކުވެރިކަން ކުރިއަށް ގެންދިއުމަށާއި ދެފަރާތުގެ އިތުބާރު ހަރުދަނާކުރުމަށާއި އަމަލީ އެއްބާރުލުން އިތުރުކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ޗައިނާގެ ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، ދެ ގައުމުގެ ގުޅުން އިތުރަށް ކުރިއެރުވުމަށް ރައީސް ޞާލިޙުއާ އެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށާއި މުސްތަގުބަލަށް ބިނާކޮށް ފުރިހަމަ އެކުވެރިކަމާއި އެއްބާރުލުން ދެ ގައުމަށް ލިބޭނެ ގޮތް ހެދުމަށް ބޭނުންފުޅުވާ ކަމަށް އެ މެސުޖެގައިވެއެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކޮށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާންގް ލިޖިން ވެސް ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއަށް މެސެއްޖެއް ފޮނުއްވާފައެވެ.

އެގޮތުން ރާއްޖެއާ ޗައިނާ އަކީ ޒަމާންވީ އެކުވެރި ދެ ގައުމު ކަމަށާއި ކުރިއަށް އޮތްތާނގަވެސް އެކި ދާއިރާތަކުން ދެގައުމުން ދޭ އެއްބާރުލުން ދަމަހައްޓައި މިހާރު އޮތް ގުޅުން އިތުރަށް ކުރިއަރުވަން ބޭނުންވާކަމަށް އެ މެސުޖުގައިވެއެވެ.

ޗައިނާއަކީ ތަރައްގީގެ އެކި މަޝްރޫއުތަކުގައި ރާއްޖެއަށް އެކި ގޮތްގޮތުން ތަފާތު އެހީތަކާއި އެއްބާރުލުންދޭ ގައުމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ގައުމެކެވެ.

comment ކޮމެންޓް