މެއިންލޭންޑް ޝިޕިންއިން 100 މިލިއަން ނުދެއްކި، މައްސަލަ އޭޖީއަށް

ފުށިދިއްގަރު ފަޅަށް ދެ އުޅަނދު އުރިފައި: އެ މައްސަލައާ ގުޅިގެން ކުރި ޖޫރިމަނާ ވަނީ ނުދައްކާ ---

މީގެ ހަތް އަހަރު ކުރިން ކ. ފުށިދިއްގަރު ފަރަށް ދެ އުޅަނދެއް އެރުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގައި ދައްކަން ޖެހޭ 100 މިލިއަން ރުފިޔާ ދެއްކުމަށް ދިން ފަހު މުހުލަތު ހަމަވި އިރު ވެސް އެ ފައިސާ ނުދެއްކުމުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެޓާނީ ޖެނަރަލް (އޭޖީ) އޮފީހަށް މައްސަލަ ހުށަހަޅައިފިއެވެ.

މުތާ ރޯޔަލް ކިޔާ ޓަގު ބޯޓާއި މުތާ ގްރޭސް ކިޔާ ބާޖު، 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފުށިދިއްގަރު ފަރަށް އެރި މައްސަލާގައި ކުރި ޖޫރިމަނާ ދެއްކުމަށް 2018 ވަނަ އަހަރުގެ މާޗް މަހު ވަނީ 30 ދުވަހުގެ މުހުލަތެއް ދީފައެވެ.

ނަމަވެސް އެ ނިންމުން ގަބޫލު ނުކޮށް ދެ އުޅަނދުގެ ރާއްޖޭގެ އެޖެންޓް މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑުން މައްސަލަ އެންވައިރުމެންޓް މިނިސްޓްރީގައި އިސްތިއުނާފް ކުރިއެވެ.

އެ މައްސަލައިގައި އެންވައިރުމެންޓް މިނިސްޓްރީން ދާދި ފަހުން ނިންމާފައިވަނީ ފައިސާ ދައްކަން ޖެހޭ ކަމަށެވެ. އަދި އެ އަދަދަށް ލުޔެއް ދޭނެ ތަނެއް ނެތް ކަމަށް ވެސް މިނިސްޓްރީން އޮތީ ނިންމާފައެވެ.

އެހެންކަމުން 15 ދުވަހުގެ ތެރޭގައި 100 މިލިއަން ރުފިޔާ ދެއްކުމަށް މެއިންލޭންޑް ޝިޕިންއަށް އީޕީއޭއިން އެންގީ މިދިޔަ މާޗް މަހުގެ ކުރީ ކޮޅުގައެވެ.

ނަމަވެސް ތިން މަސް ފާއިތުވެގެން ގޮސްފައިވާއިރު މެއިންލޭންޑް ޝިޕިންގެ ފަރާތުން އެއްވެސް ހިލަމެއް ވެފައި ނުވާ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް 'ސަން'އަށް މިރޭ ވިދާޅުވީ, މެއިންލޭންޑް ޝިޕިންއިން ފައިސާ ދައްކާފައި ނުވާތީ ދެން ކުރިއަށް ދާނެ ގޮތެއްގެ ލަފަޔަށް އެދި އޭޖީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ޑިސެމްބަރު 27ގައި ފަރަށް އެރި ބާޖު ފުންކުރެވުނީ 2016 ވަނަ އަހަރުގެ މާޗް 23 ގައެވެ. ޓަގު ފުންކުރެވުނީ 2017 ވަނަ އަހަރުގެ މާޗް 14 ގައެވެ.

މި ދެ އުޅަނދު ފަރަށް އެރުމުން ފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވިކަމަށް އީޕީއޭގެ ސާވޭއިން ދައްކާކަމަށް އެ އެޖެންސީއިން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް