ބެންޒެމާއަކީ އަހަރުމެންގެ އެންމެ މޮޅު ކުޅުންތެރިޔާ، މެޗުގައި ދެއްކީ އޭނާ ނެތްތަން: އެންޗޮލެޓީ

ކާލޮސް އެންޗޮލޮޓީ---

ބެންޒެމާއަކީ ރެއާލް މެޑްރިޑްގެ އެންމެ މޮޅު ކުޅުންތެރިޔާކަމަށާއި މިއަދު ބާސެލޯނާއަތުން ބަލިވި މެޗުގައި އޭނާ ނެތްތަން ވަރަށް ބޮޑަށް ދެއްކިކަމަށް އެ ޓީމުގެ ކޯޗު ކާލޯސް އެންޗޮލެޓީ ބުނެފިއެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ދެ ޓީމު ކުޅުނު އެކުވެރި ކަމުގެ މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ބެންޒެމާ ކުޅެފައި ނުވީނަމަވެސް އެ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިން އެ މެޗުގައި ވަނީ ކުޅެފައެވެ.

ބާސެލޯނާގެ ޓީމުގައި އަލަށް އެ ޓީމާ ގުޅުނު ރޮބާޓް ލެވެންޑޯސްކީ ފުރަތަމަ އެގާރައިގައި ހިމެނިގެން ވަނީ ކުޅެން ނިކުމެފައެވެ. އެ މެޗުގައި ޖެހި ހަމައެކަނި ގޯލު ޖަހައިދީފައިވަނީ ލީޑްސްއިން ބާސެލޯނާއާ ގުޅުނު ހަލުވި ފޯވާޑް ރަފީނިއާއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ރެއާލްގެ ކޯޗު ބުނީ މެޗުގައި ބެންޒެމާ ނެތްތަން ދެއްކިކަމަށެވެ.

"ބެންޒެމާއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ. ހަމަގައިމުން ވެސް އޭނާގެ ނެތްތަން މެޗުން ދެއްކި،" އެންޗޮލޮޓީ ބުންޏެވެ.

މީގެއިތުރުން އޭނާ ބުނީ މެޗުގެ ފުރަތަމަ ހާފުގައި މާބޮޑަށް ފަހަތުގައި ޓީމު މަޑުކުރަން ޖެހުނު ނަމަވެސް ދެވަނަ ހާފުގައި ރެއާލްގެ ފަރާތުން އެ ޓީމުގެ އަސްލު ކުޅުން ފެނުނު ކަމަށް ވެސް އެންޗޮލޮޓީ ބުންޏެވެ.

މިއަދުގެ އެކުވެރިކަމުގެ އެލްކްލޭސިކޯ މެޗު ނިމުނުއިރު ރެއާލްގެ ފާރާތުން ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް އުފެއްދިފައެއް ނުވެއެވެ.

comment ކޮމެންޓް