އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ދެ މީހަކު މަރާލައިފި

ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 28 އަހަރުގެ ޒުވާނާ މަރާލުމާ ގުޅިގެން ހޮސްޕިޓަލުގެ ބޭރުގައި އެ ގައުމުގެ ރައްޔިތުން ހިތާމަ ފާޅުކުރަނީ -- ފޮޓޯ / އޭޕީ

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ނާބުލުސްގައި އިސްރާއީލު ސިފައިން ރޭ ދަންވަރު ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ދެމީހަކު މަރާލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ފަލަސްތީނުގެ ނޫސް އޭޖެންސީ ވަފާއިން ބުނި ގޮތުގައި، އިސްރާއީލުގެ އުދުވާނީ ބާރުތަކުން ރޭގެ ދަންވަރު ނާބްލުސްގެ އަލް ޔަސްމީނާ އަވަށަށް ވަދެގަނެ، ދެ ޒުވާނުން މަރާލީ ގެއަކަށް ބޮން އަޅައި، ބަޑީގެ ހަމަލާތައް ދީފައެވެ.

ރޭ ދަންވަރު ހިންގި އެ އޮޕަރޭޝަންގައި މަރާލާފައިވަނީ އުމުރުން 25 އަހަރުގެ މުހައްމަދު އަޒީޒީ އާއި އުމުރުން 28 އަހަރުގެ އަބްދުއްރަހްމާން ޖަމާލް ސުލެއިމާނު ސޮބްއެވެ.

މުހައްމަދު އަޒީޒީގެ މެއަށް ބަޑި ޖަހާ މަރާލާފައިވާއިރު އަބްދުއްރަހްމާން ޖަމާލް މަރާލާފައިވަނީ ބޮލަށް ބަޑިޖަހައިގެން ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މިއަދު ބުންޏެވެ.

އެ ހާދިސާގައި އިތުރު 12 މީހުން ޒަޚަމްވެފައިވާ ކަމަށާއި، އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފައިވެއެވެ.

މިދިޔަ މާޗް މަހުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 52 މީހަކު މަރާލާފައިވެއެވެ. އޭގެ ތެރެއިން ގިނަ މީހުން މަރާލާފައިވަނީ ހުޅަނގު އައްސޭރީގެ ސަރަހައްދުތަކުގައެވެ.

އޭގެ ތެރޭގައި ޖެނީންގައި އިޒްރޭލުން ހިންގި ރެއިޑެއް ކަވަރު ކުރަމުން ދިޔަ އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަކްލޭހް ވެސް ހިމެނެއެވެ.

ފަހަކަށް އައިސް އިސްރާއީލުގައި ދެމުންދާ ހަމަލާތައް އިތުރުވުމާ ގުޅިގެން އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ ހުޅަނގު އައްސޭރީގައި ކޮންމެ ދުވަހަކު ހަމަލާތައް ދޭން ފަށާފައެވެ.

comment ކޮމެންޓް