އައްޑޫއަށް ކްރޫޒް ލައިނާއެއްގެ ދަތުރުތައް ފެށުމަށް ދަނީ މަޝްވަރާ ކުރަމުން: އެމްޕީއެލް

މާލެ ކައިރީގައި މަޑުކޮށްފައި އޮތް ކޮސްޓާ ވިކްޓޯރިއާ ކްރޫޒްލައިނަ--- ސަން ފޮޓޯ/މުޒައްޔިން ނާޒިމް

އައްޑޫ ސިޓީއަށް ކްރޫޒް ލައިނާއެއްގެ ދަތުރުތައް ފެށުމަށް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާމަން، ކެޕްޓަން މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

'ރާއްޖެޓީވީ'ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެކިއެކި ގައުމުތަކަށް ދަތުރުކުރާ ވަރަށް ގިނަ އަދަދެއްގެ ކްރޫޒް ލައިނާތަކެއް މިހާރުވެސް އައްޑޫ ކައިރިން ދަތުރުކުރަމުންދާއިރު އެ ލައިނާތަކުގެ ދަތުރުތައް އައްޑޫއަށް ބޭއްވުމަކީ އޭގެ ސަބަބުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.

ނިއުޒިލޭންޑް އަދި އޮސްޓްރޭލިއާއާ ހިސާބުން ފުރައިގެން އަންނަ ބޯޓުތަކެއް އައްޑޫ ކައިރިން ދަތުރުކުރާ ކަމަށާއި އެމީހުންގެ ދަތުރުތައް ޔޫރަޕަށް ކުރާއިރު އައްޑޫއަށް މަޑުކުރުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެކަމުގެ މަޝްވަރާތައް އައްޑޫ ސިޓީ ކައުންސިލާއި ރާއްޖޭގައި ހުންނަ ކްރޫޒާ ކުންފުންޏަކާއެކު ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިދިޔަ އަހަރު ރާއްޖެއަށް ކްރޫޒް ލައިނާއެއް ނާންނާތީ އެއީ އެމްޕީއެލްއިން 2020 ވަނަ އަހަރުގެ ފަހުކޮޅު ޕައިލޮޓޭޖް ފީ ބޮޑުކުރުމުގެ ނަތީޖާ ކަމަށް ބުނެ ދިވެހި ޝިޕިން ކުންފުނިތަކުން ކަންބޮޑުވުން ފާޅުކުރިއެވެ.

ކުރޫޒް ލައިނާތައް ރާއްޖެ އައިސް އަޅާފައި އޮންނަނީ މާލޭ ބޭރުގައެވެ. އެ ސަރަހައްދަށް ކުރޫޒް ލައިނާތައް ވައްދައި ނެރެދީ ހަދަނީ އެމްޕީއެލްގެ ޕައިލެޓުން ބޯޓްތަކަށް އަރައިގެންނެވެ. އެ ކަމަށް ޕައިލޮޓޭޖް ފީގެ ގޮތުގައި ގަޑިއިރަކަށް ނަގަމުން އައި 16,330.52 ރުފިޔާ، އެމްޕީއެލްއިން 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު 74,458.56 ރުފިޔާއަށް އިތުރުކުރިއެވެ.

ނަމަވެސް ޝިޕިން ކުންފުނިތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހު އެމްޕީއެލްއިން ވަނީ ޕައިލޮޓޭޖް ފީ ކުޑަކުރަން ނިންމާފައެވެ.

ކްރޫޒް ލައިނާތައް މާލެ ކައިރި އޮންނަ ދުވަސްތަކުގައި އެކި ގޮތްގޮތުން ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބެއެވެ.

އެއީ މީހުން ބޭލުމަށް ކުއްޔަށް ނަގާ ފެރީތަކަށާއި ތެލާއި ފެން އެޅުމުގެ އިތުރުން ޓޫރިސްޓުން މާލެ ފައިބައި ކުރާ ހޭދަތަކުންނެވެ. ކުރޫޒް ލައިނާތަކުން ޓޫރިސްޓުން މާލެ ފައިބާ ދުވަސްތަކަކީ ޓެކްސީތަކަށް ވެސް ބޮޑު އާމްދަނީއެއް ލިބޭ ދުވަހެކެވެ.

comment ކޮމެންޓް