ހިތަދޫ ބައި އިލެކްޝަންގައި ވޯޓުލީ އެންމެ އަށް ޕަސެންޓު މީހުން، މިއީ ބޮޑު އިސްރާފެއް: ހަބީބް

އިއްޔެ ކުރިއަށް ދިޔަ އަންހެނުންގެ ކޮމިޓީގެ ބައި އިލެކްޝަންގެ ތެރެއިން --- ފޮޓޯ/ އީސީ

އިއްޔެ ކުރިއަށް ގެންދިޔަ އައްޑޫ ސިޓީ ހިތަދޫ އަންހެނުންގެ ތަރަައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި ވޯޓުލީ އެންމެ އަށް ޕަސެންޓު މީހުން ކަމަށާއި އެއީ ބޮޑު އިސްރާފެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

އިއްޔެ ވަނީ އަންހެނުން ކޮމިޓީގެ ދެ ބައި އިލެކްޝަނެއް ބާއްވާފައެެވެ. އެއީ ތ. ވަންދޫ އަންހެނުންގެ ކޮމިޓީގެ ބައި އިލެކްޝަނާއި އައްޑޫ ސިޓީ ހިތަދޫ އަންހެނުންގެ ކޮމިޓީގެ ބައި އިލެކްޝަނެވެ.

އޭގެތެރެއިން އައްޑޫ ސިޓީގައި ބޭއްވި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 12،099 މީހުންގެ ތެރެއިން އިއްޔެ ވޯޓު ލާފައިވަނީ އެންމެ 1،009 މީހުންނެވެ. އެއީ 8.34 ޕަސެންޓު މީހުންނެވެ.

އެކަމާ ގުޅިގެން ހަބީބް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މަދު އަދަދެއްގެ މީހުން ވޯޓުލާފައިވާއިރު އެއީ ބޮޑު އިސްރާފެއް ކަމަށެވެ.

"ޑަބްލިޔުޑީސީ، ސ.ހިތަދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓުލުމުގެ ޙައްޤުލިބިފައިވާ 12099 މީހުންގެ ތެރެއިން، 1009 (%8.34) މީހުން ވޯޓުލާން، އެތައް ލައްކަރުފިޔާ ޚަރަދުކުރުމަށްވުރެ ބޮޑު އިސްރާފެއް ކޮބައިތޯ؟،" ހަބީބްގެ ޓުވީޓުގައިވެއެވެ.

ހަބީބް ވަނީ އެކަމަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް އޭނާގެ ޓުވީޓުގައި ފާހަގަކުރައްވާފައެވެ.

މީގެ ކުރިން އީސީގެ ރައީސް ފުއާދު ތައުފީގު ވެސް ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަން ގިނަވެ އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓް ހުސްވާން ގާތްވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ފުއާދު ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ކޮންމެ މަހަކު ތިނެއް ނުވަތަ ހަތަރު މެންބަރުން އިސްތިއުފާ ދޭކަމަށެވެ.

އެ ހުސްވާ މަޤާމުތަކަށް މީހުން އިންތިޚާބުކުރުމަށް ބައި އިލެކްޝަންތައް ބޭއްވުމަށް ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބާއްވަން ފެށުމުގެ ސަބަބުން އެ ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތް ދެ ގުނައަށް ބޮޑުވެއްޖެ ކަމަށެވެ. ނަމަވެސް 14 އަހަރުގެ ތެރޭގައި އެ ކޮމިޝަނަށް އެއްވެސް ވަރަކަށް މުވައްޒަފުން އިތުރުވެފައި ނުވާކަމަށް ފުއާދު ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަންތަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ މެއި މަހުގެ ނިޔަލަށް 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެ ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް ބައި އިލެކްޝަންތައް ބޭއްވުމަށް ޖުމުލަ ލިބިިފައިވަނީ 1.5 މިލިއަން ރުފިޔާ ކަމަށެވެ.

comment ކޮމެންޓް