އިޒްރޭލުގެ ނޫސްވެރިޔާއަށް މައްކާއަށް ވަންނަށް އެހީތެރިވި މީހަކު ސައުދީން ހައްޔަރުކޮށްފި

އިޒްރޭލުގެ ޗެނަލް 13 ގެ ނޫސްވެރިއެއް ކަމަށްވާ ގިލް ޓަމަރީ އަރަފާތު ބިމުގައި -- ފޮޓޯ / އަލްޖަޒީރާ

އިޒްރޭލުގެ ނޫސްވެރިޔަކަށް މައްކާގެ ހަރަމްފުޅަށް ވަންނަން އެހީތެރިވެ ދިން ސައުދީ އަރަބިއާގެ މީހަކު ހައްޔަރުކޮށްފި ކަމަށް ސައުދީ ފުލުހުން ބުނެފިއެވެ.

މައްކާއަކީ މުސްލިމުންގެ މުގައްދަސް ބިމެއް ކަމުން އެ ބިމަށް މުސްލިމުން ނޫން މީހުން އެރުމަކީ މަނާކަމެކެވެ. ނަމަވެސް އިޒްރޭލުގެ ޗެނަލް 13ގެ ނޫސްވެރިއެއް ކަމަށްވާ ގިލް ޓަމަރީ ވަނީ މައްކާގެ މުގައްދަސް ތަންތަނުގެ ކައިރިއަށް ގޮސްފައެވެ.

ގިލް ޓަމަރީ ޓުވިޓާގައި އާންމުކޮށްފައިވާ ދިހަ މިނެޓުގެ ވީޑިއޯގައި އޭނާ އަރަފާތު ބިމުގައި ހުންނަ މަންޒަރު ފެނެއެވެ. އޭނާ އެ ބިން ދޫކޮށްފައި ދިޔައީ ފުލުހުން އޭނާއަކީ މުސްލިމެއްތޯ ސުވާލުކުރުމުންނެވެ.

އޭނާ މައްކާގައިވާ މުސްލިމުންގެ މުގައްދަސް ތަންތަނުގެ ކައިރިއަށް ދިޔުމުގެ މަގްސަދަކީ އިހު ޒަމާނުގައި ހިޖާޒުކަރާގައި ޔަހޫދީން ދިރިއުޅެފައިވާތީ އެކަމާ ބެހޭގޮތުން ރިޕޯޓެއް ތައްޔާރުކުރަން ބޭނުންވާ މައުލޫމާތު ހޯދުމަށްކަމަށް މީޑިއާތަކުގައިވެއެވެ.

ހުކުރު ދުވަހުގެ ރޭ ސައުދީ ޕްރެސްގައި ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ، މައްކާގެ ބިމަށް ޣައިރު މުސްލިމަކު ވަނުމަށް މަގުފަހިކޮށްދިނުމުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ނަމަވެސް އެ މީހާއާ ބެހޭ އިތުރު ތަފްސީލެއް ނުދެއެވެ.

މީގެ އިތުރުން އެ ޕްރެސްގައި އިޒްރޭލުގެ ނޫސްވެރިޔާގެ ނަން ވެސް ބޭނުންކޮށްފައި ނުވެއެވެ. އޭގެ ބަދަލުގައި އޭނާއާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ވަނީ "އެމެރިކާ މީހެއް"ގެ ގޮތުގައެވެ. އެހެންކަމުން އޭނާ ސައުދީއަށް ވަދެފައި ވަނީ އޭނާގެ އަތުގައި އޮތް އެމެރިކާގެ ޕާސްޕޯޓެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށް ނޫސްތަކުގައިވެއެވެ.

ގިލް ޓަމަރީ މިހާރު ސައުދީ އަރަބިއާގައި ނެތް ނަމަވެސް އޭނާއާ ދެކޮޅަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތަށް އަޅާނެ ކަމަށް ސައުދީ ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން ސޯޝަލް މީޑައާގައި ނުރުހުންފާޅުކޮށްފައިވެއެވެ.

comment ކޮމެންޓް