ސިޔާސީ ރޭހުގައި ކާމިޔާބެއް ހޯދޭނީ ދީނާއި ގައުމު އަދި ރައްޔިތުން އިސްކޮށްގެން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސިޔާސީ ރޭހުގައި ކާމިޔާބީއެއް ހޯދޭނީ އަމިއްލަ މަސްލަހަތަށްވުރެ ގައުމާއި ދީން އަދި ރައްޔިތުން އިސްކުރާ ބަޔަކަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމިއްލަ މަސްލަހަތަށްވުރެ ގައުމު އިސްކުރަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ރޭހުގެ ދުރު ރާސްތާގައި ކާމިޔާބީއެއް ހޯދޭނީ އޭރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސިޔާސީ ރޭހުގައި ދުރު ރާސްތާ ކާމިޔާބީއެއް ހޯދޭނީ އަމިއްލަ ނަފްސަށްވުރެ ދީނާއި ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރާ މީހަކަށް ނުވަތަ ބަޔަކަށް،" އިމްރާންގެ ޓުވީޓުގައިވެއެވެ.

ފަހަކަށް އައިސް އިމްރާން ގެންދަވަނީ އެކި ބަސްފުޅުތައް ވިދާޅުވެ ޓްވީޓްތައް ކުރައްވަމުންނެވެ. އެގޮތުން ދާދިފަހުން ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ މާތްﷲގެ ކޯފާއަށް ގައުމު ހުށަހެޅޭފަދަ ހަޑިހުތުރު އަދި މުޑުދާރު އަމަލުތައް ތަކުރާރުވާން ފެށުމުން ގާނޫނީ ހަމަތަކުގެ މަތިން އަޅަންވާ ފިޔަވަޅުތައް ނާޅާ ދޫނުކޮށްލައްވާނެ ކަމަށެވެ.

އިމްރާން އެހެން ވިދާޅުވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން އާންމުވަމުންދިޔަ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ތުހުމަތުކުރެވޭ މީހުންނާ މެދު އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެ މައްސަލާގައި ތުހުމަތުކުރެވޭ މީހުންނަށް އެކަށީގެންވާ ފިޔަވަޅެއް އަދިވެސް އަޅާފައިނުވާތީ ގިނަ ބައެއްގެ ކަންބޮޑުވުމާއި ފާޑުކިޔުން މިނިސްޓަރު އިމްރާނަށާއި ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ.

comment ކޮމެންޓް