ވާރޭގައި ވި ހިޔަނިތައް 3

"ފަތިސް ނަމާދުކޮށް ޒިކުރުކުރުމާއެކު ދުވަސް ފެށުމަކީ އެ ދުވަސް ރީތިވާނެ ކަމެކެވެ. ތިބާ ހެއްދެވި ފަރާތާއި އޮތް ގުޅުން ވަރުގަދަކުރުމަށް އަބަދު ސަމާލުކަން ދޭށެވެ."

***

"ވަޒީފާގަނޑެއް ލިބޭނީ ކިޔެވީމަތާ. މިއީ ނުކިޔަވާހުރި އާދައިގެ މީހެއް. މުސްކުޅި މާމަ ގާތުގައި ދިރިއުޅެނީ. މާމަ ކާންދިނީމަ ކައިގެން. ތަނެއް ދެއްކީމަ ނިދައިގެން............." ކައިދަން ބުނެދިނެވެ.

"ކާރު ދުއްވަން އެނގޭ ކަމީ ނަސީބެއްނު. ފައިސާ ހޯދޭނެ. ސަލާމް ނުޖަހާތި. ހޫމް. ދެން ތަންކޮޅެއް އަވަހަށް ގެއަށް ގެންގޮސްދީފިއްޔާ ޝުކުރުވެރިވާނަން..." ހަޒަލް ދެވަނަފަހަރަށްވެސް އޭނަގެ އެޑްރެސް ބުނެދިނެވެ. ކައިދަން ކާރު ދުއްވަން އުޅެފައި ފަހަތަށް ބަލައިލަމުން ލޮލުގައިވާ އަވި އައިނާއި މާސްކު ނެގުމާއެކު ހަޒަލް އަނގަމަތީގައި އަތް އަޅާފައި ލޯބޮޑުކޮށްލިއިރު ދަރިފުޅުވެސް ތެޅިގެންފައި އަތް ދިއްކޮށްލީ ކައިދަންގެ ގާތަށް ދިޔުމަށެވެ. ދެއަތް ތަޅައިގަތުމުން ކައިދަން ވަގުތުން ތުއްތު ދަރިފުޅު ނަގާ އުނގަށްލާ މޫނުގައި ބޮސްދެމުން އަނެއް އަތުން ހަޒަލް ގަޔާއި ކައިރިކޮށްލައިފިއެވެ. އޭރު ހަޒަލް ހީފައި ރޮނީއެވެ.

"ދެން ސާބަހޭ ކޭޑް. ކިހިނެއް އެނގޭނީ؟ ވާރޭ ކޯޓަކާއި ތޮތްޕަކާއި ކަޅު އައިނަކާއި މާސްކެއް އަޅާފައި ނުވީތާކަށް އެހެން އަޑަކުން ވާހަކަދެއްކީމަ މީހަކަށް އެވަރަށް އޮޅުވައިލެވޭނީ. ސިފަ ބަދަލުކުރަން ހަމަ އެއްވަނަ އިނގޭ..." ހަޒަލް ކައިދަންގެ އިސްތަށިގަނޑުގައި ކުޅެލިއެވެ.

"އެކަމަކު ދޮންބެ އަންނަންދެން މަޑުނުކޮށް ނުދަންނަ މީހަކާއެކު މިއޮތް ވިއްސާރައިގާ...........އާހް.. ހަޒަލް އެހެން ނަހަދާ..."

"ދޮންބެ މާ ލަސްކުރީވިއްޔަ. އެހެންނޫނަސް ޕެޕާ ސްޕްރޭ ފުޅިއެއް މިއޮތީ..."

"ރޯޒްމެހެލްއަށް ގޮސްފިއްޔާ މަންމަ ހާޓްއެޓޭކެއް ޖެހޭނެއްނު. އަހަރެންގެ މާމަގާތަށް ދަމާ. މާމަ ވަރަށް އުފާވާނެ..."

"މި ކައިވެނި ސިއްރުކޮށްގެން ތިން އަހަރު ހުރެވިއްޖެ. ޒުވާން އުމުރުގެ ޖޯޝްގައި މަންމަގެ ބްލެސިން ނެތި އަހަރެމެންނަށް އެ ސްޓެޕް ނެގިއްޖެ. މަންމައަށް ޝޮކެއް ލިބުނަސް މަންމަގެ މާމަ ދަރިއެއް ހުރިކަން އެނގެންވާނެ. މަންމަ ސްޓްރިކްޓްވިޔަސް ދެން ކައިވެނިކޮށްގެން ދަރިއަކާއިގެން އައިމަ ގެއިން ބޭރަށް ލާނެހެން ހިޔެއްނުވޭ. އެހެން ވެއްޖެއްޔާ ދެން ކޭޑްގެ މާމަގެ ގާތަށް ދާނީ. އިތުރު ޗޮއިސްއެއް ނީންނާނެ..."ހަޒަލް ސޫފީގެ އަތުގައި ބޮސްދިނެވެ."އަހަރެމެންގެ މި ލޯބި ސޫފީ ފެނުމުން މަންމަގެ ހިތްވެސް މަޑުވާނެ.......ޕްރެޝަސް ސްވީޓްކޮޅު..ކޮބާ މަންމި ސޫފީ....."

ސޫފީ ނިކަން ލޯބިކޮށް ހިނިތުންވެލިއެވެ. އުމުރުން ދެއަހަރުވީއިރު ސޫފީގެ ވާހަކަދެއްކުމާއި ހިނގުންފަދަ ކަންތައް ކުޑަކޮށް ލަސްވުމުން ހަޒަލް އިންތިހާއަށް ހިތާމަކުރެއެވެ. އޯޓިޒަމްފަދަ ކަމެއް ދަރިފުޅުގެ ހުރީބާވައޭވެސް ހިތަށް އެރިއެވެ. ނަމަވެސް އޭނަ އެ ޚިޔާލުތައް ސިކުނޑިން ނެރެލާ "ޕޮޒިޓިވް"ކޮށް ވިސްނަން ދަސްކުރިއެވެ. ސޫފީއަކީ ހަމަ އެހެން ކުދިންފަދަ ނޯމަލް ކުއްޖެކެވެ. ތަފާތުކުއްޖެއް ނޫނެވެ. ސޫފީއަށް ލިބިފައިވާ ދޮންކަމާއި މަޑު ނޫކުލައިގެ ލޯ އަދި ރަން ފަށުވި އިސްތަށިކޮޅުގެ ސަބަބުން ޔޫރަޕް ކުއްޖަކާއި ތަފާތެއްނެތެވެ. އޭނަ ބޭރު ގައުމެއްގައި ވިހެއުމުން ދަރިފުޅު ބަދަލުވީއޭ ކިޔައިގެންވެސް ކައިދަން ދިމާކުރިއެވެ.

***

ބޯ ވާރެއާއެކު ފަޒާ ފެންނަނީ ދުންފިނިގަނޑެއްހެންނެވެ. ކައިދަން ކާރުގެ ދުވެލި ފަސްދޮޅަހަށް ލިއެވެ. ކުރިއަށްވުރެ ވާރޭ ބޯކޮށްލުމުން ވައިޕަރއަށްވެސް ފެންފޮހުމުގައި ނުކުޅަދާނަވާވަރުވިއެވެ. ފިނިކަން ހައްތާ ގަދަވަނީއެވެ. ވަށައިގެން ކަޅު އަނދިރިކަމެވެ. ސޫފީ ބިއްލޫރިގަނޑުގައި މޫނު ޖައްސާލައިގެން އިނދެ އަތް ތަޅަމުން ފުންމަމުން ދިޔައެވެ. ކުއްލިއަކަށް ސޫފީ އެނބުރި ބަލައިލީ ބިރުގެންފައިވާ ގޮތަކަށް ލޯ ބޮޑުކޮށްލަމުންނެވެ. ދެން އިޝާރާތްކުރީ އެއްފަރާތުން ފެންނަން އޮތް ދަނޑާއި ދިމާލަށެވެ. ހަޒަލް މެންނަށް އެއްޗެއް ދައްކަން އުޅޭފަދަ ގޮތަކަށެވެ.ހަޒަލް އެދިމާލަށް ބަލައިލުމާއެކު މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. ދަނޑުގެ މެދުން ފެންނަން ހުރީ މީހެއްގެ ސިފައިގާ ހުއްޓިލައިގެން ހުރި އެއްޗެކެވެ. ދަންވަރު މިގަޑީގައި އިންސާނަކު މިއޮތް ތޫފާނީ ރޭގައި އެގޮތަށް ހުރެދާނެކަމަށް އޭނައަށްވެސް ގަބޫލުނުކުރެވުނީއެވެ.

"ކޭޑް. ކޭޑް........އެހެރީ...."

ކައިދަން އެ ދިމާލަށް ނަޒަރު ހިންގައިލުމާއެކު ހީލިއެވެ."މީހެއްގެ ސިފައިގާ ހަދާފައި ހުރި އެއްޗެއް...."

"ޔަގީންތަ؟ ޖިންނިއެއްނޫން؟" ހަޒަލް ސޫފީގެ ހަރަކާތްތަކަށް ބަލަން އިނީ ކަންބޮޑުވެފައެވެ.

"ގުރުއާން ޖައްސަބަލަ ޕްލީޒް.." ހަޒަލް ބިރުގަންނަގޮތްވިއެވެ."އަނެއްކާ ޖިންނިއެއް ވިއްޔާ ދަރިފުޅާއި އަވަލާފާނެ. އެންމެ ކުރިން އެއެއްޗެއް ފެނުނީވެސް ސޫފީއަށް.."

"ސީޑީއެއް ނެތް.."

"އަޅުގަނޑުގެ ފޯނުގައި ގުރުއާން އެޕެއް އިންނާނެ. ވަން މިނިޓް...."

"ގުރުއާން ޖެހިޔަސް ކުރުސި ޖެހިޔަސް ޖިންނިން ނުހުއްޓުވޭނެ. މިބުނީ މުއުމިނުންވެސް އުޅެއޭ ކިޔާއަޑު އިވޭ. އިންސާނުންނާއެކު ޖިންނިންވެސް އުޅޭނެތާ. އެއެއްޗިއްސާއި ނުބެހުނީމަ އެވެސް މީހުންނާއި ނުބެހޭނެ..ކަންބޮޑުނުވޭ ލަވް...އެއްވެސް ކަމެއްނުވާނެ............ "

ހަޒަލް ފޯނުން ގުރުއާން ތަންކޮޅެއް ބާރަށް ޖަހާލައިގެން އިނުމުން ބިރުވެެރިކަން ކުޑަވިޔަސް ސޫފީ ވަށައިގެން ބަލަބަލާފައި އުޅޭގޮތުން ހީވަނީ ބިރެއް ފެނިގެން އުޅޭހެންނެވެ. ކައިދަންގެ ކަނދުރާގައި ކުޑަ ދެއަތުން ބައްދައިގެންފައި ބިއްލޫރިގަނޑުން ބޭރަށް ބަލާލާފައި ސިހިގެންދާފަދަ ގޮތަކަށް އަނެއްކާ ކަނދުރާގައި މޫނު ފޮރުވައިލައެވެ. ސޫފީފަދަ އުފާވެރި ކުއްޖަކު މިހެން އުޅެންފެށުމުން ހަޒަލްއަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނަސް އިތުރަށް އެވާހަކަދައްކަން ބޭނުންނުވެ ސޫފީގެ ސަމާލުކަން އެހެން ދިމާލަކަށް ގެންދަން ބޭނުންވިއެވެ. އެހެންވެ ފޯނުން ދެއްކި ދަރިފުޅު އެންމެ ބަލާހިތްވާ ކާޓޫނެވެ. ސޫފީގެ ޝައުގެއްނެތެވެ. ޝައުގުހުރީ ހަމަ ބޭރަށް ބެލުމަށެވެ. އިޝާރާތްކޮށްފައި ނުފެންނަ އެއްޗެއް ދައްކަން އުޅޭގޮތުން ހަޒަލްގެ މޭގަނޑުވެސް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ނަސީބަކުން ދާދި އަވަހަށް ގެއާއި ހިސާބަށް އާދެވިއްޖެއެވެ.

***

ރޯޒަލީ ފެންޑާގައި ބަހައްޓާފައި ހުރި ގޮދަޑިޖެހި ސޯފާގައި ހަމަޖެހިލުމަށްފަހު ހީފިލުވައިލަން ރަޖާވެސް ފައިމަތީ އެޅިއެވެ. ހައިސަމް މަންމަގެ ކުރިމަތީގައި ހުރި ތިރި ގޮނޑިއެއްގައި އިށީންއިރު މޫނުމަތިން ނުތަނަވަސްކަންފެނެއެވެ. އޭނަގެ މަންމަގެ ހާސްކަން ގުޅިފައިވަނީ ހަޒަލް ބީރައްޓެހި ޑްރައިވަރަކާއެކު މި ވިއްސާރަރޭ ގެއަށް އަންނަން ޖެހުމުންނެވެ. ހަގީގަތް އަދި ވަނީ ފޮރުވިފައެވެ. އެއަށްވުރެ ފިކުރުބޮޑުވެ ދެރަވާނެ އެހެން ހާލަތެއް އެބައޮތެވެ. އެހާވަރުން ބަލާބޮޑުކުރި ދަރިފުޅު ނުދަންނަ ބީރައްޓެއްސަކާއެކު ހަޔާތުގެ ދަތުރު ފަށާ ދަރިއަކު ހުރިކަން އެނގިއްޖެއްޔާ މަންމަގެ ހިތް ހަލާކުވާނެކަމާއިމެދު ޝައްކެއްނެތެވެ. މަންމަގެ އުއްމީދުތަކާއި ހުވަފެންތައް ފެނަށްވާނެއެވެ. ހަޒަލް އެކަންޏެއްނޫނެވެ. އޭނަވެސް މިހިރީ މަންމައަށް "ބޭވަފާތެރި"ވެފައެވެ. އެނޫން ނަމެއް ދެވޭނީ ކިހިނެއްހެއްޔެވެ؟ މަންމައަށް އޮޅުވައިލާ ކެއްސެއް ދެވެނީ ނޫންހެއްޔެވެ؟ އޭނަ ޚަލީސީ ގެއަށް ގެންނަން ނިންމި ނިންމުން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.

ހައިސަމް ބޭނުންވީ މަންމަގެ ހިތް ތައްޔާރުކުރުމަށެވެ.

"މަންމާ. ހަޒަލްވެސް ބަސްއަހާ ކުއްޖަކަށް ނުވި."

"މަންމަމެންގެ ކުށް......ގަޑިއަށް ނުދެވުނީނު. އެކަމަކު އެ ދަރި ކޮބައިތަ؟ ހާދަ ލަސްވެއްޖެއޭ......"

"ހަޒަލްއާއި ބެހޭގޮތުން ވާހަކައެއް އެހިން........"ހައިސަމް ތެދުވެގެންގޮސް ރޯޒަލީ ގާތު އިށީނެވެ. މަންމަގެ އަތް ނަގާ އަތުތެރެއަށް ލިއެވެ.

"ކޮން ވާހަކައެއް؟" ރޯޒަލީ ސިހޭގޮތްވިއެވެ.

"އޯގޯޑް. ހަމަ ރެޑް އެލާޓްއަށް މަންމަ އެއައީ. މިވާހަކަ ބުނެފިއްޔާ މަންމައަށް ވާނީ ކިހިނެއްތަ؟ ހަޒަލް.....ހަޒަލް. ކީއްވެ ކޮއްކޮ އެހެން ހެދީ؟ އެޓްލީސްޓް......ކުރިން މަންމަ ގާތު ބުނެލިނަމަ. އެކަމަކު އަހަރެންވެސް ވަކި ރަގަޅުތަ؟ މަންމައަށް ސިއްރުން ދެމީހުންވެސް މީހުންނާއި އިނީ. ހަޒަލް ހާދަ ކުރީގައި އުޅެނީ. މަންމައަށް ޝޮކެއްލިބޭނެއްނު އެގޮތަށް ހަޒްބެންޑާއި ދަރިފުޅާއިއެކު ގެއަށް ވަނީމަ. މަންމަ އެހާ އުފަލުން ހުއްޓާ................." ހައިސަމް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ. އޭނަގެ ހިތުގެ ވިންދުވެސް އަވަސްވިއެވެ.

"ހަޒަލް މަންމައަށް ސަޕްރައިޒެއްދޭން އުޅޭ ވާހަކަ......"

"ތިބުނި އެއްޗެއް ނޭގުނު ދަރިފުޅު..."

"ހަޒަލް ކައިވެންޏެއްކޮށްގެން........."ހައިސަމް އެބުނި އެއްޗެއް ރޯޒަލީއަށް އިވުނުކަމެއްވެސް ނޭގުނެވެ. ކުއްލިއަކަށް އަނދިރިކަމާއި ބަނަކަން ވެރިވެފައިވި އުދަރެހުން ލޯވެސް ތަރަތަރަޖަހައިގެންދާފަދަ އަލި ރޮގުތަކެއް ކަނޑައިގެން ދިޔުމާއެކު ބިންގަނޑުވެސް ގުޑުވާލާ ކަންފަތް ފަޅައިގެންދާފަދަ ބާރު ގުގުރީގެ ސަބަބުން ވަށައިގެންވާހާ ތަނެއްވެސް ތުރުތުރުލައިގެން ދިޔަހެން ހީވިއެވެ. ރޯޒަލީ ތެދުވެގެން ހިނގައިގަތީ ކާރެއް ގެ އަލި މަގުމަތިންފެނިފައެވެ.

"ހަޒަލް އެއޮތް އައީނު...."

ރޯޒަލީގެ ބޭގަރާރުވެފައިވާ ދެލޮލަށް ލިބުނު ފިނިކަމާއި ތުންފަތަށް ވެރިވި ހިނިތުންވުން ގެއްލުނީ އެދިމާލަށް ހިނގާފައި އައީ ހަޒަލްގެ ބަދަލުގައި އެހެން މީހަކަށް ވުމުންނެވެ. މިއޮތް ތޫފާނީރޭގައި ރޯޒަލީގެ މުސްކުޅި އެކުވެރިޔާ ޚާތޫން އަސާޖަހާފައި މަޑުމަޑުން އަންނަތަން ފެނުމުން ކުދިވެސް ކިޔައިގަނެވުނެވެ. މިފަދަރެއެއްގައި ޚާތޫން ގޭގައި ނޯވެވިގެން ނުކުމެގެން އުޅުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭވަރުގެ ކަމެއްނޫނެވެ. ރޯޒަލީ ކުޑައެއް ހިފައިގެން ދުވެފައި ކަހަލަގޮތަކަށްގޮސް ޚާތޫންގެ އެއް އަތުގައި ހިފައިލިއިރު އަނެއް ފަރާތުންގޮސް ހައިސަމް ހިފަހައްޓާލައިފިއެވެ.

"ޚާތޫން. ގަޑިވެސް ނުބަލަންތަ؟ ދަންވަރު ބާރަޖަހަނީނު. ބަލާލަބަލަ...." ރޯޒަލީ އުދަރެހަށް އިޝާރާތްކޮށްލިއެވެ. ދެވަނަފަހަރަށްވެސް އުޑުމަތި ދިއްލައިލީ ގުގުރީގެ ބިރުވެރި އިންޒާރާއެކީގައެވެ. ޚާތޫނު މަޑުމަޑުން ދުޢާއެއްކުރިއެވެ.

"މިކޮއި ދުރަށް ދޭބަލަ..." ޚާތޫން ހައިސަމްގެ އަތް މަޑުމަޑުން ނައްޓުވާލައިފިއެވެ. "ސިއްރުވާހަކައެއް ދައްކަންވެގެންނޭ......."

"އޯކޭ މާމާ...." ހައިސަމް ޚާތޫން ސޯފާ ގޮނޑީގައި ބައިންދާފައި އެތެރެއަށް ވަނެވެ.

"އެއްކަލަ ރުފިޔާކޮޅު ގެނެސްދީފާނަންތަ؟"

"އަޅޭ މަގޭ ފުރާނަޔާ. މިދަންވަރު ކީއްކުރަންތަ؟ ހަމަޔަށް ބަހައްޓާފައި ހުންނާނެ..................."

"މަގޭ މާމަ ދަރި ހައްޖަށް ގެންދާނަމޭވެސް ބުނެފި. ކިހާވަރަކަށް ހުރީ؟"

"ޚާތޫން ދިންވަރަށް އެންމެ ފައިސާ ފޮތްޗެއްވެސް އުނިނުކޮށް އިތުރުވެސް ނުކޮށް ހަމަ އެ ފައިސާ ހުރިތާގައި ފޮރުވާފައި އެބަހުރި..ވަގެއް ވަނަސް ނުފެންނާނެ ތަނެއްގައި ބެހެއްޓީ.މިއޮތް ވިއްސާރަ ރޭގައި ނަޔަސް ގުޅާފައިވެސް އެހިދާނެއްނު. ކޮބާ ފޯނު؟"

"އެހެން ކިޔާ އެއްޗެއް އޮތަސް އެޔާއި ކުޅޭކަށް ހާތޫނަކަށް ނޭގެއޭ. ދެންދާންވީ........" ޚާތޫން ތެދުވުނެވެ.

"ހަމަ އެހެން އަހަން ތިއައީ؟ އަސްތަޣުފިރުﷲ..ހާތޫން.....މަ ހަމަ ބޯ ހަލާކުވެއްޖެ. އަދި އެކަނިމާއެކަނި ތިހެން އުޅޭއިރު ބައްޔެއްވިޔަސް ކަަމެއްވިޔަސް ކާކު އެހީވާނީވެސް..............."

"އަހަރެންގެ މާމަދަރި ހުރި ވާހަކަވެސް ބުނީމެއްނު. މިއަދުވެސް ވާރޭފެން ނަގާދީފި. ތާގީއިން ފެންހުސްވެފައި ހުރެގެން އަރީބާމެންގެއިން ފެން ގެންނަނިކޮށް ވާރޭ މިވެހުނީ. ހާތޫން ވަރަށް ދުޢާކުރަން. މާމަ ދަރިއެކޭ ކިޔާފައި ހަމަ ޖަވާހިރެއް. ވަރަށް ހެޔޮ ދަރިއެއް. މިގޭ އަންހެންކުއްޖަކާއި ދެވަންވީނު...." ހާތޫންގެ ލޮލުގައި ވިދުވަރެއް އުފެދުނެވެ.

"ކޮން މަސައްކަތެއް އެދަރި ކުރަނީ؟ މަގޭ ދަރި ޑޮކްޓަރެއްވީމަ ދެން ކިޔަވައިގެން ހުރި ކުއްޖެއްވިއްޔާ އެކީ އުޅެން ފަސޭހަވެސްވާނެދޯ......"

"އެއްވެސް ކަމެއްނުކޮށް އެހެން އިންނަނީއޭ ބުނީ..."ޚާތޫން ހިނިގަނޑެއް ޖަހައިލިއެވެ."ދެން ނުދައްކާ ވާހަކައަކަށް ހަދައިލާ....ކާރަކަށް ގުޅާދީބަލަ.."

ރޯޒަލީ އެތެރެއަށް ވަދެެ ހައިސަމްގެ ކަންފަތް ދޮށުގައި ހާތޫން އެގެއަށް އައި ސަބަބު ބުނެދިނީ ހިނިގަނޑަކާއެކުގައެވެ. ޚާތޫންއައީ ކައިވެންޏަށް އަހަންވެގެން ކަމުގައެވެ. ހަޒަލްގެ ކައިވެނި ކުރުވަން ހައިސަމްގެ އެކުވެރި ޑޮކްޓަރަކު ހަމަޖައްސައިދޭން އެދުނެވެ." ކޮންމެ ކޮންމެ މީހެއް މަންމަގެ ހަޒަލްއަށް ކަމުދާނީ ކިހިނެއް؟ މިޒަމާނުގައި މީހުންނަށް އިތުބާރުކުރަން ފަސޭހައެއްނޫން. ޚާތޫންގެ ދަރިންވެސް އެފަކީރު އެއްލާލާފައި ގޮސްފައި ދެން ކޮން މާމަ ދަރިއެއްތަ؟ އެކަނި ހުރި މުސްކުޅި މީހެއްވީމަ ފައިސާގެ ބޭނުމުގައި އައި ވަގު މާމަދަރިއަކަށްވާނީ..."

ހައިސަމް ހިންދިރުވައިލިއެވެ.

***

އެމާގެ ސައުވީސްގަޑިއިރުގެ މަސައްކަތަކީ ޑްރާމާބެލުމެވެ. އޯ ލެވެލް ހަދާ ނިމެންދެން އޭނަ ހުރީ ކެތްތެރިވެލައިގެންނެވެ. މަންމަގެ ސަބަބުން މަޖުބޫރުވެގެން އަބަދު ކިޔަވަން ޖެހޭތީ އެހެން ކަމެއްކުރާނެ ފުރުސަތެއް އޭރު ނުލިބެއެވެ. ސްކޫލް ނިމިގެން އަންނަގޮތަށް ޓިއުޝަނުގައެވެ. ދެންފިލާވަޅު ދަސްކުރުމުގައެވެ. މާއްދާއަކުން ބީއެއް ލިބުނަސް މަންމަ ޓީޗަރާއި ހަމަޔަށްގޮސް އެ މައްސަލަ ބަލުވައެވެ. ބީއެއް ލިބެން ޖެހޭނެކަމަކަށް ރޯޒަލީ ގަބޫލެއްނުކުރެއެވެ. ވައިފައި ހުރުމުން ހަތަރުމަދު އެމަސައްކަތުގައި އޮތަސް މަންމައަކަށް އޭނަ ކުރާކަމެއް ނޭގޭނެއެވެ. މަންމަ ޓަކިދޭއިރަަށް އޭނަ ދޮރު ހުޅުވައިލާއިރު އަތުގައި އޮންނަނީ ފޮތެެކެވެ.

ކާރެއްގެ އަޑު އިވުމުން ނިކުމެ ބަލައިލިއިރު ހައިސަމް ސިޓިން ރޫމްގެ ސޯފާގައި އިންތަން ފެނުމުން ލަދުގަންނަގޮތްވިއެވެ.

"އެމާ...ކޮއްކޯ އާދެބަލަ..."

އަޑު ނީވުނުކަމަށް ހަދާފައި ހިނގައިގަތުމުން ހައިސަމް ފަހަތުން އައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު