ފޮޓޯ: އެންބީސީ15

ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކުމެ އެއްވެސް އިސްތިސްނާއެއް ނެތި ގަބޫލުކުރާނެ އެންމެ ބޮޑު ހަގީގަތަކީ މަރެވެ. ދުނިޔެއަށް ނޭވާ ލައިފި ކޮންމެ ފުރާނައެއްވެސް މަރުވެގެން ދާނެ ކަމާމެދު ހަމަ އެކަކުވެސް ދެބަހެއް ނުވާނެއެވެ. ﷲ ގެ އެއްކައުވަންތަކަން ގަބޫލުކުރާ (މުސްލިމު) އަޅާއާއި، އެކަލާނގެ ވޮޑިގެންވާކަން ގަބޫލުނުކުރާ (ކާފަރު) އަޅާވެސް މަރާ ބައްދަލު ކުރާނެއެވެ. އަދި ﷲ އަށް އީމާންވެ ހެޔޮ އަމަލުތައް ކުރުން މަތީ ދެމިހުންނަ (ޞާލިޙު) އަޅާ އާއި، އެކަލާނގެއަށް އުރެދި ފާފަތައް ކުރުމުގައި އުމުރު ހުސްކުރާ (ފާޖިރު) ކަލޭގެވެސް މަރުވާނެއެވެ. ހަމަ މިއާއެކު، ދެރަ ކެއުން ކައިގެން ޖިފުޓިގަނޑެއްގައި ދިރިއުޅޭ ނިކަމެތިމީހާ އާއި، މޮޅު ކެއުމާއި ރީތި ފޭރާމާއި ގިނަ ހަޒާނާތަކުގެ ވެރި ސައުދާގަރުވެސް މަރުގެ ރަހަ ދެކޭނެއެވެ. ﷲ ގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. 'އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ. ...'(ނިސާ: 78)

ދުނިޔޭގައި ލެއްވި ކޮންމެ ފުރާނައެއްވެސް މަރާ ބައްދަލުކުރާނެކަން ޔަގީނުން އެނގުނަސް އެކަން ކުރިމަތިވާނީ ތިމާ ކޮންތަނެއްގައި ހުއްޓައި ކޮން އިރަކު ކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. ނުވެސް އެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ އެންމެހައި ފުރާނަތަކުގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަންޏެވެ.(ލުޤުމާނު: 34) ތިމާގެ ފުރާނަ ހިއްޕަވާނީ ކޮން އިރަކުކަން ނޭނގުނަސް، އެކަން އެބަ އަންނަކަން ޝައްކެއްނެތި އެނގޭނެ އަލާމާތެއް ވެއެވެ. އެއަށް ކިޔަނީ 'ވަގުތު' އެވެ.

ވަގުތަކީ ތިބާގެ އުމުރެވެ. ތިބާއަށް ލިބިފައިވާ އެންމެ އަގުބޮޑު މުދަލެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހެއް، ތިބާގެ އުމުރުން ބައެއް އުނިކޮށްލައި ތިބާގެ ދުނިޔޭގެ ދަންފަޅި ނިމުމާ ކައިރިކޮށްލައެވެ. ކަށްވަޅާ ކައިރިކޮށްލައެވެ. ޙަސަނުލްބަޞަރީ ވިދާޅުވިކަމަށް ނަގުލު ކުރެވެއެވެ. 'އޭ އާދަމުގެ ދަރިޔާއެވެ! ހަމަކަށަވަރުން ތިބާއަކީ ދުވަސްތަކެކެވެ. ފާއިތުވާ ކޮންމެ ދުވަހަކާއެކު ތިބާގެ ބައެއް އުނިވެގެން ދާނެއެވެ.' ތެދެކެވެ. މިހެން ދުވަސްތައް ދަމުން ގޮސް، ނުވެސް އިނގި ހުއްޓައި އިސާހިތަކު ތިބާގެ ފަހު ދުވަހާ ބައްދަލުކުރަން ޖެހޭނެއެވެ.

ޝައްކެއްނެތެވެ. ދުނިޔެ ފެށުނީއްސުރެ ޤިޔާމަތާ ޖެހެންދެން، މަޑުޖެހުމެއްނެތި ވަގުތު ދާނީ ހިނގަމުންނެވެ. ހިނދުކޮޅަކަށްވިޔަސް، ވަގުތު ހުއްޓުވައިލާފައި ބޭއްވުމުގެ ކުޅަދާނަކަން ހަމަ ހިލާ އެކަކަށްވެސް ލިބިގެނެއް ނުވެއެވެ. 'ވަގުތު' ގެ ޚުޠޫރަތްތެރިކަން (ސީރިޔަސްކަން) މިހާ ބޮޑުއިރު، އެއާމެދު ހަމަ އެހާ ޚުޠޫރަތްތެރިކޮށް ދެކޭން ޖެހޭނެއެވެ. ދިގުމިން އެނގިގެން ނުވާ ގޮތުގައި ތިބާއަށް ލިބިފައިވާ ވަގުތުކޮޅުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭތޯ ގަދައަޅައި މަސައްކަތް ކުރަންޖެހޭނެއެވެ. ރޭދުވާ ފާއިތުވަމުންދާއިރު، އެވަގުތުތަކުގައި ކުރެވެނީ ކީއްތޯއާމެދުގައި ވިސްނައިލަންޖެހޭނެއެވެ.

ތިބާގެ ހަޔާތުގައި ތިންގޮތަކަށް ވަގުތުގެ ބޭނުން ހިފިދާނެއެވެ. އެއްވެސް ފައިދާއެއްނެތް ވިޔާނުދާ ކަންކަމުގައި ވަގުތުތައް ދުއްވައިލުމެވެ. ނުވަތަ ހެޔޮ ކަންކަމާއި ނުބައި ކަންކަން ކުރުމުގައި ވަކި މިސްރާބެއްނެތި، އެފަހަރަކަށް ހިތަށް އެރި ގޮތަކަށް ވަގުތުތައް ދުއްވައިލުމެވެ. ނޫނީވިއްޔާ ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން އަދައިގެން، ރޭވުންތެރިކަމާއެކު ﷲ އަންގަވާފައިވާގޮތަށް ވަގުތުގެ ބޭނުން ހިފުމެވެ. ފަހެ، މި ތިންގޮތުގެ ތެރެއިން، ކާމިޔާބު ލިބޭނެކަން ޔަގީންކުރެވޭނެ ހަމައެކަނި ގޮތަކީ އެންމެ ފަހުން މިބުނި ގޮތެވެ. އެގޮތުގައި ކާމިޔާބު ހުރިކަން ކަށަވަރުކޮށްދޭ ދަލީލަކީ މިއެވެ. إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُونَ (ފުއްޞިލަތު: 30) 'ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ اللَّه އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް ވައުދު ކުރައްވާކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ! ... '

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވެއެވެ. 'ޤިޔާމަތް ދުވަހުގައި ހަތަރު ކަމަކާމެދު ސުވާލުވެވިއްޖައުމަށްދާންދެން، އާދަމުގެ ދަރިޔާގެ ފައިތިލަ ހުރިތަނުން ގުޑުވައިވެސް ނުލެވޭހުއްޓެވެ. މީގެތެރޭގައި ހިމެނޭ އެއްކަމަކީ އޭނާގެ އުމުރެވެ. އެ އުމުރު އޭނާ ހޭދަކުރީ ކިހިނެއްތޯއާމެދުގައި ކުރެވޭނެ ސުވާލެވެ.'(އައްތިރުމިޒީ: 2340) ދުނިޔޭގައި ހޭދަކުރި ދުވަސްތައް ހެޔޮގޮތުގައި ހޭދަކޮށްފައިވާނަމަ އުފަލުގެ ކޮޅެއް ނެތެވެ. އަދި އެދުވަސްތައް ބޭކާރު ގޮތުގައި ހޭދަކޮށްފައިވާނަމަ ހިތާމައިގެ ކޮޅެއްނެތެވެ. ޙަސަނުލްބަޞަރީ ވިދާޅުވިކަމަށް ނަގުލު ކުރެވެއެވެ. 'ދުނިޔެއަކީ ތިންދުވަހެވެ. (އެއީ އިއްޔެއާއި، މިއަދާއި އަދި މާދަމާއެވެ.) "އިއްޔެ" އާމެދުގައި ދަންނާށެވެ! އެދުވަހުގައިވީ ކަންތައްތަކާއެކު އިއްޔެ، އެވަނީ ފާއިތުވެ ގޮސްފައެވެ. އަދި "މާދަމާ" އާމެދުގައި ދަންނާށެވެ! އެދުވަސް ފަހަރެއްގައި ތިބާއާ ބައްދަލުނުކޮށްވެސްފާނެއެވެ. އަދި ތިބާގެ "މިއަދު" އާމެދުގައި ދަންނާށެވެ! ތިބާއަށް ލިބިގެންވަނީ މިއަދެވެ. މިއަދު ކުރާނެ އަމަލެއް ތިބާ ކުރާށެވެ!'

ސިކުންތުން މިނެޓުން ދުވަހުން މަހުން އަހަރުން، ވަގުތުތައް ފާއިތުވަމުން އެހެރަގެންދަނީ ތިބާގެ އުމުރު ހިފައިގެންނެވެ. ދުނިޔެއަށް ލީ ފުރަތަމަ ނޭވާޔާއެކު، ތިބާ ދަތުރުކުރަމުން ތިޔަ ދަނީ ތިބާގެ ނިމުމާ ދިމާލަށެވެ. މި ދަތުރުގެ ވަކި ހިސާބަކުން މަޑުކޮށްލާފައި ފަސްއެނބުރި އާދެވޭނެ ފުރުސަތެއްނެތް ގޮތުގައެވެ. މިދަތުރުގެ ކޮންމެވެސް ހިސާބަކުން 'މަރު' ތިބާއާ ބައްދަލުކުރާނެކަން ޔަގީނެވެ. އެހިސާބުން ތިބާގެ ވަގުތު ނިމުނީއެވެ. ހިކުމަތްތެރިޔަކު ބުނެފައިވެއެވެ. 'ވަގުތަކީ ހިލޭ ލިބޭ އެއްޗެކެވެ. އެކަމަކު އެ ވަރަށް އަގު ބޮޑެވެ. ތިބާއަށް އެ މިލްކެއް ނުކުރެވޭނެއެވެ. އެކަމަކު ތިބާއަށް އެ ބޭނުން ކުރެވިދާނެއެވެ. ތިބާއަށް އެ ނުއެއް ހިފެހެއްޓޭނެއެވެ. އެކަމަކު ތިބާއަށް އެ ހޭދަ ކުރެވިދާނެއެވެ. އެއީ (ދިއުމަށްފަހު) އަނބުރާ އައުމެއް ނުވާ އެއްޗެކެވެ.'

ހަމަ ހިމޭން ވަގުތެއްގައި .... ތިބާގެ ގޭގެ ފާރުގައި ހަރުކޮށްފައި ހުރި ގަޑީގެ ކަށި ހިނގާ އަޑު އެހީމުހެއްޔެވެ؟ އެ ހިމަ ނިކަމެތި ކަށި އެ ދެނީ ވަރުގަދަ އިންޒާރެކެވެ! ތިބާގެ ދުނިޔޭގެ ދަންފަޅި ނިމެމުންދާކަމުގެ އިންޒާރެވެ! ވީމާ، ޙިކުމަތްތެރިޔާގެ މި ބަހާމެދު ވިސްނާށެވެ. 'ކޮންމެ ދުވަހެއްވެސް އެއީ ތިބާގެ އެންމެ ފަހު ދުވަސްކަމުގައި ބަލައިގެން އުޅޭށެވެ. އެހެނީ އެއިން ކޮންމެވެސް އެއްދުވަހެއް އެއީ ތިބާގެ ފަހު ދުވަސް ކަމުގައި ވާނެތެވެ.' އާނއެކެވެ. އެއީ ތިބާ އެއަށް ނުހަނު ލޯބިކުރި، ދުނިޔޭގެ ހަޔާތް ނިމިއްޖެ ކަމުގެ ސިއްކަ ޖެއްސެވޭ ދުވަހެވެ.

ގުޅޭ ޓެގު
comment ކޮމެންޓް