ދުނިޔޭގެ އެންމެ ދުވަސްވީ ފިރެހެން ޕެންޑާ އުމުރުން 35 އަހަރުގައި މަރުވެއްޖެ

އާން އާން އޭތީގެ 29 ވަނަ އުފަންދުވަސް ފާހަގަ ކުރަނީ --- ފޮޓޯ / އޭޕީ

ހޮންގްކޮންގްގެ ތީމް ޕާކެއްގައި ދިރިއުޅުނު، ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން ޕެންޑާ އުމުރުން 35 އަހަރުގައި މަރުވެއްޖެއެވެ.

ހޮންކޮންގްގެ އޯޝަން ޕާކުގައި ދިރިއުޅެމުން ދިޔަ "އާން އާން" ނަމަކަށް ކިޔާ އެ ޕެންޑާގެ ސިއްހީ ހާލަތު ގޯސްވީ ލޭގެ ޕްރެޝަރު މަތިވެގެންނެވެ. އެއީ އާން ފަދަ އުމުރުން ދުވަސްވީ ޕެންޑާތަކަށް އާންމުކޮށް ދިމާވާ މައްސަލައެކެވެ.

ފާއިތުވި ތިން ހަފުތާ ތެރޭގައި އާންގެ ހާލު ދެރަވެ، ހަރު ތަކެތި ކެއުން ވަނީ ހުއްޓާލާފައެވެ. އޭގެ ސަބަބުން އާންގެ ހަރަކާތްތައް ވަރަށް ބޮޑަށް މަދުވިއެވެ.

އޯޝަން ޕާކުން ބުނި ގޮތުގައި އާންގެ ހާލު ދެރަވުމުން އެކަމާ ބެހޭ ގޮތުން ޑޮކްޓަރުންނާއި ހޮންކޮންގްގެ ސަރުކާރުން ޗައިނާ ކޮންޒަވޭޝަން އެންޑް ރިސާޗް ސެންޓާ ފޯ ދަ ޖަޔަންޓް ޕެންޑާގެ ތަޖުރިބާކާރުންނާ މަޝްވަރާކުރިއެވެ. އަދި ދެ ފަރާތުން ނިންމީ އާންގެ ހާލު ދެރަވެ، ބަލިކަށިވަމުން ދާނެތީ އިތުރު ވޭނުން ސަލާމަތް ކުރުމަށް ޓަކައި އާން އެއްވެސް އަނިޔާއެއް ނުލިބޭ ގޮތަށް މަރާލުމަށެވެ.

އޯޝަން ޕާކްގައި އުޅެބޮޑުވި އާންގެ މަރާއެކު އެ ޕާކަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި މަސައްކަތްކުރާ މީހުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

"އާން އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ ގިނަ ބަޔެއް ހިތްހަމަ ޖައްސައިދީ، އުފާކޮށްދިނުމަށް ފަހު. އާން ހުނަރުވެރިކަމާއެކު ކުޅޭ ކުޅިވަރުތަށް މަތިން ވަރަށް ހަދާންވާނެ،" އޯޝަން ޕާކް ކޯޕަރޭޝަންގެ ޗެއާމަން ޕައުލޯ ޕޮންގް ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

އާން ހަޔާތުގެ ބޮޑުބައެއް ހޭދަކޮށްފައި ވަނީ "ޖިއާ ޖިއާ" ކިޔާ އަންހެން ޕެންޑާއަކާއެކުގައެވެ.

ޖިއާ ޖިއާ އަކީ އާންއާ އެއްކޮށް، 1999 ވަނަ އަހަރު ޗައިނާއިން ހޮންގްކޮންގަށް ހަދިޔާކުރި ޕެންޑާއެެކެވެ. ޖިއާ ޖިއާ މަރުވެފައިވަނީ އުމުރުން 38 އަހަރުގައި 2016 ވަނަ އަހަރުގައެވެ. އެއީ އޭރު ޒޫ އެއްގައި ބަންދުކޮށްފައި ހުރި އުމުރުން އެންމެ ދުވަސްވީ އަންހެން ޕެންޑާއެވެ.

comment ކޮމެންޓް