ދިރުވާލައިގެން ރާއްޖެ އެތެރެކުރި ކޮކެއިންގެ ބަރުދަނުގައި ދެ ކިލޯ, އަގު އަށް މިލިއަން ރުފިޔާއަށް

އޮގަސްޓް 11، 2021: ގަތަރު ފްލައިޓް ވެލާނާ އެއާރ ޕޯޓް އަށް ޖައްސަނީ: ވައިގެ މަގުން އައި ދެ މީހުން ވަނީ 2 ކިލޯގެ ކޮކެއިން ދިރުވާލައިގެން ރާއްޖެ އެތެރެކޮށްފަ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހުގެ 28 ވަނަ ދުވަހު ރާއްޖެ އައި އިނގިރޭސިވިލާތުގެ ދެ މީހުންގެ ބަނޑުން ނެގި ކޮކެއިންގެ ބަރުދަނުގައި 2.328 ކިލޯ ހުރި ކަމަށާއި އެތަކެތީގެ މަގުމަތީގެ އަގު އަށް މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ބުނެފައިވަނީ އުމުރުން 41 އަހަރުގެ އެ ދެ މީހުންގެ ބަނޑުގައި 240 ބުލެޓް އޮތް ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އޭގެ ތެރެއިން ކޮންމެ މީހެއްގެ ބަނޑުގައި 120 ބުލެޓް އޮތް ކަމަށް އޭރު ފުލުހުން ވަނީ ލަފާ ކޮށްފައެވެ.

ނަަމަވެސް ކަސްޓަމްސްއިން މިއަދު ބުނީ އެ ދެ މީހުންގެ ބަނޑުން ނަގާފައިވަނީ 220 ބުލެޓް ކޮކެއިން ކަމަށާއި އެތަކެތީގެ ބަރުދަނުގައި 2.328 ކިލޯ ހުރި ކަމަށެވެ. އަދި އެތަކެތީގެ މަގުމަތީގެ އަގުގެ ގޮތުގައި އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާ ކޮށްފައިވަނީ އަށް މިލިއަން އެއްލައްކަ ރުފިޔާއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ ސޯމާލިއާއިން އައި އެ ދެ އިނގިރޭސީންގެ އަމަލުތައް ހުރި ގޮތުން ސްކޭންކޮށް ހަށިގަނޑު ބެލިއިރު އެތެރެހަށިން 'ފޮރިން ބޮޑީސް' ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެ ދެ މީހުން ވެސް ހިފެހެއްޓުމަށްފަހު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

comment ކޮމެންޓް