ފާހާނައަކީ ގިނަ އަދަދެއްގެ ބެކްޓީރިއާ އާއި ވައިރަސް ދިރިއުޅޭ ތަނެކެވެ. ނަމަވެސް އަހަރަމެން ބޭނުންކުރާ ބައެއް ތަކެތި ފާހާނާގައި ބެހެއްޓުމަކީ އާންމު ކަމެކެވެ. އޭގެ ތެރޭގައި ދަތް އުނގުޅާ ބުރުސް ފަަދަ ތަކެތި ހިމެނެއެވެ. އެ ތަކެއްޗަކީ ފާހާނަ ފަދަ، ގިނަ އަދަދެއްގެ ބެކްޓީރިއާތަށް އެކުލެވިގެންވާ ތަނެއްގައި ބަހައްޓަން އެންމެ އެކަށޭނަ ތަކެއްޗެއް ނޫނެވެ. އެގޮތުން ފާހާނާ ތެރޭގައި އާންމުކޮށް ބަހައްޓަން ރަނގަޅު ނޫން ތަކެތީގެ ތެރޭގައި:
1. މޭކަޕް
އަަހަރަމެންގެ ތެރެއިން ގިނަ މީހުންނަކީ މޭކަޕް ބޭނުން ކުރާ މީހުންނެވެ. މޭކަޕް ބޭނުން ކުރުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށް ވަނީ އަހަރަމެން ބޭނުންކުރާ މޭކަޕް ސާމާނުތައް ރައްކާކުރަން ބަހައްޓާތަނެވެ.
ފާހާނާގައި ހުންނަ ކަބަޑުތަކުގައި މަދުން ނަމަވެސް މޭކަޕް ކުރަން ބޭނުން ކުރާ ސާމާނު ހުންނަތަން ފެނެއެވެ. ދެހާސް ނަވާރަ ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން ހާމަވި ގޮތުގައި ފާހާނާގައި ރައްކާކޮށްފައި ހުންނަ މޭކަޕްގައި ގާތްގަނޑަކަށް 79 އިންސައްތަ ބެކްޓީރިއާ އެކުލެވިގެންވެއެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ބެކްޓީރިއާ އާއި މައިކްރޯބްތަކަކީ ސިއްހަތަށް ގެއްލުންދެނެވި އެއްޗިސްއެވެ. އަދި އެ ބެކްޓީރިއާތަކުގެ ސަބަބުން މޫނުގައި ބިހި ނެގުންފަދަ ކަންކަން މެދުވެރިވެއެވެ.
2. ދަތް އުނގުޅާ ބުރުސް
ފާހާނާ ތެރޭގައި ބުރުސް ބެހެއްޓުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަބައެއްގެ އާދައެކެވެ. އެއީ ފާހަނަ ތެރޭގައި ބުރުސް ބެހެއްޓުމުން ދަތް އުނގުޅަން ފަސޭހަވާތީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް މިއީ ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ.
ފާހާނާގެ ވައިގެ ތެރޭގައިވެސް ގިނަ އަދަދެއްގެ ޖަރާސީމު އެކުލެވިގެންވެއެވެ. އެހެންކަމުން ޖަރާސީމު ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ދަތް އުނގުޅަން ބޭނުންކުރާ ބޭސްފުޅިި އާއި ބުރުސް ފާހާނައާ ވީހާވެސް ދުރުގައި ބަހައްޓާށެވެ. އަދި ބުރުހުގައި ކަވަރެއް އަޅުވާ ކޮންމެ ދެ މަަހަކުން ބުރުސް ބަދަލުކުރާށެވެ.
3. ސެންޓު
ސެންޓު ފުޅީގައި ގެރެންޓީ ހަމަވާކަން ލިޔެފައި ނެތުމުގެ ސަބަބުން ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ސެންޓު ފުޅީގެ ގެރެންޓީ ހަމަވެ ނުބައިވަސް ނުދުވާނެ ކަމަށެވެ. ނަމަވެސް މިއީ ކުށްހީއެކެވެ. ސެންޓު ފުޅި ރައްކާކޮށްފައި ބެހެއްޓޭ ތަނެއްގެ ސަބަބުން އޭގެ ވަހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.
ފާހާނައަކީ ތެތް އަދި ހޫނު މާހައުލެއް ކަމުން ސެންޓުގެ ވަހަށް ބަދަލުއާދެއެވެ. ސެންޓު ފުޅި ބަހައްޓަން އެންމެ ރަނގަޅީ އިރުގެ އަލި މާބޮޑަށް ނުލިބޭ، ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަ ތަނެއްގައެވެ.