ދީނުގެ ހުދޫދުތައް ނެތިކޮށް ފާހިޝް އަމަލުތައް ކުރާ މީހުންނަށް ފިޔަވަޅު ނާޅާ ދުލެއް ނުކުރާނަން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެއްޖިންސުން ގުޅުން ހިންގުމާއި އެހެނިހެން ފާހިޝް އަމަލުތައް ކުރާ މީހުންގެ މައްސަލަތައް ނުބަލާ ދޫނުކުރާނެ ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އިމްރާން އެހެން ވިދާޅުވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން އާންމުވަމުންދިޔަ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ތުހުމަތުކުރެވޭ މީހުންނާ މެދު އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މާތް ﷲގެ ކޯފާއަށް ގައުމު ހުށަހެޅޭފަދަ ހަޑިހުތުރު އަދި މުޑުދާރު އަމަލުތައް ތަކުރާރުވާން ފެށުމުން ގާނޫނީ ހަމަތަކުގެ މަތިން އަޅަންވާ ފިޔަވަޅުތައް ނާޅާ ދޫނުކޮށްލައްވާނެ ކަމަށެވެ.

"އިސްލާމީ ހުދޫދުން ބޭރުވެ އިޖުތިމާއީ ފޭރަން ވީދި ﷲގެ ކޯފާއަށް ގައުމު ހުށަހެޅޭފަދަ ހަޑިހުތުރު އަމަލުތައް ތަކުރާރުވާން ފެށުމުން ގާނޫނީ ހަމަތަކުގެ މަތިން އަޅަންވާ ފިޔަވަޅުތައް އެޅުމަކީ އަޅުގަނޑު ނުކޮށްދޫކޮށްލާނެ ކަމެއް ނޫން،" އޭނާގެ ޓުވީޓުގައިވެއެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްސަލަތައް ބަލަން ގިނަ ބަޔަކު ގޮވާލަމުންދާއިރު، އެ މައްސަލާގައި ތުހުމަތުކުރެވޭ އެންމެންގެ ޕާސްޕޯޓުވެސް މިހާރު ވަނީ ހިފަހައްޓާފައެވެ. ނަމަވެސް އޭގެ އިތުރަށް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް