ނެޓްފްލިކްސްގެ ޕާސްވޯޑް ހިއްސާކުރާ މީހުންގެ އަތުން އިތުރު ފީއެއް ނަގަނީ

ނެޓްފިލްކްސް

ނެޓްފްލިކްސް އެކައުންޓްގެ ޕާސްވޯޑަކީ އާންމުކޮށް އެއް އާއިލާއެއްގެ މީހުންނާއި ރަހުމަތްތެރިން ވެސް ހިއްސާކުރާ އެއްޗެކެވެ. ނަމަވެސް އެގޮތަށް އެއް އެކައުންޓެއް ގިނަ ބަޔަކު ބޭނުން ކުރާ ނަމަ އިތުރު ފީއެއް ދައްކަން ޖެހިދާނެއެވެ.

މީގެ ހަތަރު މަސް ކުރިން ނެޓްފްލިކްސްއިން ވަނީ ޕާސްވޯޑް ހިއްސާކުރާ މީހުން "އެކެސްޓްރާ މެމްބާ" ފީއެއްގެ ގޮތުގައި މަހަކު ދެ ޑޮލަރާއި ތިން ޑޮލަރާ ދެމެދުގެ އަދަދެއް ދައްކަން ޖެހޭ ގޮތަށް ބައެއް ގައުމުތަކުގައި ހަދާފައެވެ. މިވަގުތު އެ ފީ ދައްކަން ޖެހެނީ ޗިލީ، ކޮސްޓަރިކާ އަދި ޕެރޫގައި ނެޓްފްލިކްސް ބޭނުންކުރާ މީހުންނެވެ.

އެއަށް ފަހު، މި ހަފްތާ ތެރޭގައި ނެޓްފްލިކްސްއިން ވަނީ އެކައުންޓް ހިއްސާ ކުރާ ކަސްޓަމަރުންގެ އަތުން ތަފާތު ފީއެއް ނަގާނެކަން އިއުލާންކޮށްފައެވެ. އެގޮތުން "އެކްސްޓްރާ ހޯމް"ގެ ގޮތުގައި އަންނަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން އެ ފީ ދައްކަން ޖެހޭނީ އާޖެންޓީނާ، ޑޮމިނިކަން ރިޕަބްލިކް، އެލް ސަލްވަޑޯ، ގުއަޓެމާލާ އަދި ހޮންޑިއުރަސްގައި ނެޓްފްލިކްސް ބޭނުންކުރާ މީހުންނެވެ.

ނެޓްފްލިކްސްއިން ބުނެފައި ވަނީ ހޮންޑިއުރަސްގައި އެ ފީ ނަގާނީ އެމީހެއްގެ ނެޓްފްލިކްސް އެކައުންޓް، ގެއިން ބޭރުގައި ހުންނަ ޓީވީއަކުން ބޭނުން ކުރަމުންދާނަމަ، ކޮންމެ ގެއަކަށް މަހަކު އިތުރު 2.99 ޑޮލަރު ދައްކަން ޖެހޭ ގޮތަށެވެ. އަދި އެ ފީ ދައްކަން ޖެެހޭނީ ނެޓްފިކްސްގައި "އެޑް ހޯމް" ފީޗާ އިހްތިޔާރު ކުރުމުން ކަމަށާއި އޮޓޮމެޓިކްކޮށް އެ ފީ ނުނަގާނެ ކަމަށްވެސް ނެޓްފްލިކްސްއިން ބުނެފައިވެއެވެ.

ޑޮމިނިކަން ރިޕަބްލިކް، އެލް ސަލްވަޑޯ އަދި ގުއަޓެމާލާގައި އިތުރުވާ ކޮންމެ ގެޔަކަށް މަހަކު 2.99 ޑޮލަރު ދައްކަންޖެހޭއިރު އާޖެންޓީނާގައި ދައްކަން ޖެހޭނީ މަހަކު 219 ޕޭސޯސް އެވެ. އެއީ 1.70 ޑޮލަރުވެ.

comment ކޮމެންޓް