ޗީފް އޮފް ޕްރޮޓޮކޯލް ކަމަށް ޝިއާން، ޖަރުމަނު ސަފީރަކަށް ޝާން

ޝާން އަދި ޝިއާނަށް މަގާމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް އަހްމަދު ޝިއާން އަދި، ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާ ސަފީރު ކަމަށް އައިޝަތު ޝާން ޝާކިރު ރައީސް މިއަދު އައްޔަނު ކުރައްވައިފިއެވެ.

އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.

އައިޝަތު ޝާން ޝާކިރު އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައެވެ. މިނިސްޓަރުގެ ނައިބުގެ ފެންވަރުގެ އެ މަގާމަށް އޭނާ އައްޔަން ކުރައްވައިފައިވަނީ ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައި ހުންނަވަނިކޮށް، 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

އޭގެ ކުރިން ޝާން ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމާއި، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމާއި، ސައޫދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމުގެ އިތުރުން ވެސް، ފޮރިން މިނިސްޓްރީގެ އެހެނިހެން އިސް މަގާމުތައް ފުރުއްވާފައެވެ.

ޖަރުމަން ސަފީރު ކަމަށް ޝާން އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން މިދިނީ މިދިޔަ މޭ މަހުގެ 24 ވަނަ ދުވަހުއެވެ.

އަހްމަދު ޝިއާން އެންމެ ފަހުން ހުންނެވީ އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައެވެ. އޭނާ މީގެ ކުރިން ވަނީ އިނގެރޭސިވިލާތާއި، ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމު ވެސް ފުރުއްވާފައެވެ.

comment ކޮމެންޓް