ސިޔާމްގެ ކާމިޔާބީގެ ފަހަތުގައި ބުރަ މަސައްކަތާއި އީޖާދީ ވިސްނުން

ސަން ސިޔާމް ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސިޔާމް މުޙައްމަދު "ސަން"އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

މި އަހަރަކީ ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ 50 އަހަރުފުރޭ ތާރީޚީ އަހަރެވެ. އެ މުނާސަބަތުގައި، އެ ސިނާއަތަށް އަގުނުކުރެވޭ ފަދަ ގިނަ ޚިދުމަތްތަކެއް ކުރެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ދާދި ފަހުން ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އިނާމު ދީފައެވެ.

އޭގެތެރެއިން ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ސަން ސިޔާމް ގްރޫފުގެ ޗެއާމަން އަޙްމަދު ސިޔާމް މުޙައްމަދެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ސިޔާމްގެ ދަތުރުފެށެނީ މީގެ 32 އަހަރުކުރިންނެވެ.

ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރު ސަން ޓްރެވަލްސް އެންޑް ޓުއާސްގެ ނަމުގައި ފެއްޓެވި ވިޔަފާރި ފުޅާވެ، މިއަދު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ވަރުގަދަ އެއް ބްރޭންޑަށް ވެފައެވެ.

ނަމަވެސް، އެ ދާއިރާއަށް އޭނާގެ ޝައުގުވެރިކަން އެންމެ ފުރަތަމަ އަމާޒުވީ އޭގެ ވެސް ކުރިން، އުމުރުން އެންމެ 14 އަހަރުގައެވެ. އޭރު ސިޔާމަކީ ގްރޭޑް 7ގައި ކިޔަވަމުން އައި ދަރިވަރެކެވެ. އިތުރަށް ފައިސާ ހޯދާ، އަމިއްލަ ފައިމައްޗަށް ތެދުވާނެ ގޮތެއް ހޯދަމުން ދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަންނަނީ އެއް ނަންބަރު ފާލަން ކައިރީ ތިބޭ ފަތުރުވެރިންނެވެ.

އެހާ ހިސާބުން އޭނާ ނިންމެވީ އެ ފަތުރުވެރިން ވަންނަ ފިހާރަތަކުގެ ތެރެއިން ފިހާރައަކުން ވަޒީފާއެއް ލިބޭތޯ ބެއްލެވުމަށެވެ. މަހަކު 2،500 ރުފިޔާގެ މުސާރައަކަށް އެފަދަ ފިހާރައަކަށް އޭނާ މަސައްކަތަށް ނުކުންނެވިއެވެ.

ސަން ޓްރެވަލްސް ގެ ކުރީކޮޅު، ސިޔާމް މަސައްކަތުގައި ---

"އެ ވަޒީފާގައި ހުންނަ އިރު އަޅުގަނޑަށް ފެނޭ އެތަނަށް ޓުއަރިސްޓުން ގޮވައިގެން އަންނަ މީހުން، އެ މީހުން ކަމިޝަން ނަގާ. ދެން އަޅުގަނޑަށް މި މަންޒަރު ފެނުނީމަ އަޅުގަނޑަށް އެނގިއްޖެ މިއީ ވަރަށް ރަނގަޅު ގޮތެއްކަން،" ސިޔާމް ވިދާޅުވިއެވެ.

އެހިސާބުން އޭނާ ނުކުންނެވީ ފަތުރުވެރިން ފިހާރަތަކަށް ގެންދިޔުމުގެ މަސައްކަތަށެވެ. އެ ކަން ކުރައްވައިގެން އޭނާ އަށް ދުވާލެއްގެ މައްޗަށް 100 ޑޮލަރު އޭރު ލިބުނެވެ. ކޮންމެ ދުވަހަކު، ސްކޫލް ނިންމަވާލެއްވުމަށް ފަހު، އޭނާގެ މަަސައްކަތަކީ އެއީ ކަމުގައި ހެއްދެވިއެވެ.

ސްކޫލު ދައުރު ނިންމަވާލެއްވުމަށް ފަހު، ސިޔާމް އިތުރަށް ތައުލީމު ހާސިލުކުރެއްވުމަށް ވަޑައިގަތީ ހޮޓެލް ސްކޫލަށެވެ. އެތަނުން ތަމްރީނުވެ ވަޑައިގަތުމަށް ފަހު، އެކި ރިސޯޓުތަކުގެ، އެކި ޑިޕާޓްމަންޓުތަކުގައި ވަޒީފާ އަދާކުރައްވާ، ތަޖުރިބާ ހާސިލުކުރެއްވިއެވެ. ޓްރެވަލް އޭޖެންސީއެއްގެ ވިޔަފާރި ފެއްޓެވުމަށް އޭނާ ގަސްދު ކުރެއްވީ އެއަށް ފަހުއެވެ.

އެއީ މިއަދު ސަން ސިޔާމް ގްރޫޕްގެ ނަމުން އެންމެނަށް އެނގޭ ބިޔަ ކުންފުނީގެ ފެށުމެވެ. އެ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައިވާ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ސިޔާމް ފާހަގަކުރައްވަނީ އޭނަޔާއި، އަދި އެ ކުންފުނީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތެވެ.

"ކާމިޔާބަކީ މަސައްކަތްކުރާ މީހާގެ ހައްގެއް... މިހާރު ގަބޫލުކުރަން ވެސް ދަތިވެދާނެ ބައެއް ބޭފުޅުންނަށް ... 1991 އިން ފެށިގެން 1998 އަކާ ހިސާބަށް އަޅުގަނޑު މަސައްކަތް ކުރިން 22 ގަޑިއިރު، ރެޔާ ދުވާލު ދެ ގަޑިއިރު ނިދާފަ،" ސިޔާމް ކިޔައިދެއްވިއެވެ.

ސަން ޓްރެވަލްސްގެ ކުރީކޮޅު، ބޭރުގެ ފެއާއެއްގައި ސިޔާމް ބައިވެރިވެ ވަޑައިގަންނަވަނީ ---

މީގެ އިތުރުން ވިޔަފާރީގައި އައު ވިސްނުންތައް ގެންގުޅުމަކީ ވެސް އެ ކުންފުނީގެ ކާމިޔާބީގެ އެއް ސިއްރުކަަމަށް ސިޔާމް ވިދާޅުވިއެވެ.

"އެހެން ވިޔަފާރިވެރިޔަކު ނުވަތަ އެހެން ބަޔަކު މަސައްކަތްކުރާ ގޮތަކީ ކޮބައިތޯ ބަލާ އެ ގޮތް ކޮޕީކުރާ ބައެއް ނޫން އަޅުގަނޑުމެންނަކީ. އަޅުގަނޑުގެ ވިސްނުން ހުންނަނީ އަބަދުވެސް އަމިއްލަ މޮޑެލްއެއްގައި ވިޔަފާރިކުރަން،" ސިޔާމް ވިދާޅުވިއެވެ.

އެ ކުންފުނިން އެންމެ ފަހުން ހުޅުވި ސިޔާމް ވޯލްޑަކީ ވެސް އެ ކަމުގެ އަލިގަދަ ހެއްކެކެވެ.

"މީގެ ކުރީގައި އިންޑަސްޓްރީގެ އެއްވެސް ބޭފުޅަކު ގަބޫލެއް ނުކުރައްވާނެ 100 ރޫމަށްވުރެ، 150 ރޫމަށްވުރެ ގިނައިން ފައިވް ސްޓާ ރިސޯޓެއް މެނޭޖް ކުރެވިދާނެ ކަމަކަށް... އެހެން ނަމަވެސް އަޅުގަނޑު ވިސްނީ ވޮލިއުމް ވެސް [އެއީ] 500 ވިޔަސް ތިން ސަތޭކަ ވިޔަސް ހަމަ ފައިވް ސްޓާ [ރިސޯޓު] ހިންގޭނެޔޭ،" ސިޔާމް ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް ޚިދުމަތްކޮށްދިން ފަރާތްތަކަށް މަޓީއިން ދިން އެވޯޑާ ސިޔާމް ހަވާލުވެ ވަޑައިގަންނަވަނީ --- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ އަހަރު ނ. އަތޮޅުގައި ހުޅުވި އެ ރިސޯޓަކީ ތަފާތު ގިނަ ކަންތައްތަކެއް ހިމެނޭ ރިސޯޓެކެވެ. އެގޮތުން، ދުނިޔޭގެ އެންމެ ބޮޑު ވޯޓާ ޕާކް އޮތުމާއި، ތަފާތު އެކި ރަހަތައް ތަޖުރިބާ ކޮށްލެވޭނެ ގިނަ ރެސްޓޯރެންޓުތަކެއް ހުރުމުގެ އިތުރުން އަސް ދުއްވުން ފަދަ ކަން ކަމަކީ ފަތުރުވެރިންނަށް އާދަޔާ ޚިލާފު ތަޖުރިބާތަކެކެވެ.

ސިޔާމް ގަބޫލުކުރައްވާގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން މިހާރަށްވުރެ ވެސް ބޮޑަށް ކުރިއަށް ގެންދެވޭނެއެވެ. އެކަން ކުރުމަށްޓަކައި އެންމެ މުހިއްމު ކަމަކީ ތައުލީމީ، ގާބިލު ޒުވާން ޖީލެއް އުފެއްދުން ކަަމަށް އޭނާ ގަބޫލުކުރައްވައެވެ.

އޭނާ ވިދާޅުވިގޮތުގައި ފަތުރުވެރިކަމުގެ ދާއިރާއަކީ އެންމެނަށް ފުރުސަތު އޮތް، ހުޅުވާލެވިފައިވާ ދާއިރާއެކެވެ. އެކަމަށް ނުކުންނަށް ބޭނުންވާ ބަޔަކަށް އޮތީ ހިންމަތާއެކު މަސައްކަތް ކުރުމާއެކު، މާތްރަސްކަލާނގެއަށް ވަކީލުކުރުމެވެ.

comment ކޮމެންޓް