ސަން ފޮޓޯ

ދެމޫނުގެ ވެރިންނަކީ ވަރަށް ނުރައްކާތެރި ބައެކެވެ. އެފަދަ މީހާ ތިބާގެ ގާތަށް އައިސް ވާހަކަ ދައްކާއިރު، އެއީ ވަރަށް ހެޔޮ އެދޭ އިޚުލާސްތެރި ރަހުމަތްތެރިއެއް ފަދައިން ވާނެއެވެ. ތިބާއަށް ހިތާމައެއް ލިބިފައިވާނަމަ އެކަމުގައި އޭނާވެސް ބައިވެރިވާކަން ހާމަ ކުރާނެއެވެ. އެހެންނަމަވެސް ހަމަ މި މީހާ، އަނެކާގެ ގާތަށް ގޮސް ތިބާއާ މެދު އެކަށީގެންނުވާ ގޮތްގޮތަށް ވާހަކަ ދައްކާނެއެވެ. ހެޔޮ އެދޭ މީހެއްގެ ސިފައިގައި ތިބާގެ ގާތަށް ގޮސް ހޯދި މައުލޫމާތު، ނަހަމަގޮތުގައި އަނެކާއާ ހިއްސާކުރާނެއެވެ. އާންމު ގޮތެއްގައި މިހެން ހަދާނީ ތިބާއާ މެދު ކޮންމެވެސް ކަހަލަ ހިތްހަމަ ނުޖެހުމެއް އޮންނަ މީހެއްގެ ގާތަށް ގޮހެވެ. އަހަރެމެންގެ މުޖުތަމައަށް ބަލާއިރު މިކަން އެންމެ ބޮޑަށް ފާހަގަ ކުރެވޭނީ ސިޔާސީ މައިދާނުންނެވެ.

ދެމޫނުގެ ވެރިޔާ (ذُوالْوَجْهَيْنِ) އަކީ ކޮބައިކަން ބައެއް އިލްމުވެރިން ބުނެދެނީ މިފަދައިންނެވެ. 'އެއީ އެ ދެމީހެއްގެ ދެމެދުގައި ކޮންމެވެސް ކަހަލަ މައްސަލައެއް ނުވަތަ ނުތަނަވަސްކަމެއް އުފެދިފައިވާ، ދެމީހެއްގެ ދެމެދުގައި އާންމުކޮށް ހިނގާ އުޅޭ މީހެކެވެ. ދެމީހުންކުރެ ކޮންމެ މީހެއްގެ ގާތުގައިވެސް އެފަރާތަކަށް ތައުރީފުކޮށް ވާހަކަ ދައްކާނެއެވެ. އަދި (ވާހަކަ ދައްކާ ވަގުތު) ހާޒިރުގައި ނެތް ފަރާތާ ބެހޭގޮތުން އޭނާގެ ގޯސް ވާހަކަ ދައްކާނެއެވެ. އަދި އަނެއް މީހާގެ ގާތަށްގޮސް ހަމަ މިފަދައިން ކަންތައް ކުރާނެއެވެ.'

ދެމޫނުގެ ވެރިން އެގޮތަށް ކަންތައް ކުރުމުގެ އެއްބޭނުމަކީ އެކަމުގެ ސަބަބުން އެމީހުންނަށް ލިބިދާނެ ދުނިޔެވީ ކޮންމެވެސް މަންފާއެއް ހާސިލުކުރުން ކަމަށް ވެދާނެއެވެ. ތަނަވަސްކަމެއް ނުވަތަ ބާރެއް ލިބިފައިވާ މީހެއްގެ ގާތަށް ގޮސް، އޭނާ އަށް ޚުޝާމަދުކޮށް އަނެކާއަށް ދެރަވާގޮތަށް ވާހަކަ ދެއްކުމުން ފަހަރެއްގައި އިނާމެއް ދީފާނެއެވެ. މިފަދަ މީހުންގެ އާންމު އުސޫލަކީ ރިޒުގު ހޯދުމަށްޓަކައި ހަލާލު މަސައްކަތެއް ނުކޮށް، ދޭދޭ މީހުންގެ މެދުގައި މިގޮތަށް ވާހަކަ ހިފައިގެން ހިނގާލަ ހިނގާލަ ހުރުމެވެ. އޭނާ އާމްދަނީ ހޯދުމުގެ މަގަކީ އެއީއެވެ. ކޮންމެ ނިޔަތެއްގައި މިކަން ކުރި ނަމަވެސް، މީގެ ނަތީޖާއަކަށްވާނީ މީސްތަކުންގެ މެދުގައި ރުޅިވެރިކަމާއި އަދާވާތްތެރިކަން އުފެދި މުޖުތަމައުގައި ފިތުނަ ފަސާދަ އާންމު ވުމެވެ. އެހެންކަމުން، މިއީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ނުރައްކާތެރި ކަމެކެވެ.

އަބޫހުރައިރާ - ރަޟިޔަﷲ ޢަންހު - ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސް ކުރެއްވިއެވެ. إنَّ شَرَّ النَّاسِ ذُو الوَجْهَيْنِ، الذي يَأْتي هَؤُلَاءِ بوَجْهٍ، وهَؤُلَاءِ بوَجْهٍ (ބުޚާރީ: 6643) މާނައީ: 'ހަމަކަށަވަރުން، މީސްތަކުންގެތެރެއިން އެންމެ ނުބައި މީހަކީ ދެމޫނުގެ ވެރިޔާއެވެ. އޭނާ އެއްބަޔެއްގެ ގާތަށް އެއްމޫނަކައިގެން އަދި އަނެއްބަޔެއްގެ ގާތަށް އަނެއް މޫނަކައިގެން ގޮސް އުޅެތެވެ."

އިމާމު ނަވަވީ - ރަޙިމަހުﷲ - ވިދާޅުވާ ގޮތުގައި؛ ދެމޫނުގެ ވެރިޔާ ކޮންމެ ބަޔެއްގެ ގާތަށްވެސް ދާނީ އެބަޔަކު ރުހޭފަދަ މޫނަކައިގެންނެވެ. (އެބަހީ: އެބަޔަކު ރުހޭފަދަ ވާހަކަޔަކާގެންނެވެ.) އަދި އޭނާވަނީ އެބައިމީހުންގެ ތެރެއިންކަމުގައި ބުނެދޭ ހާލުގައެވެ. އަދި އެބައިމީހުންގެ އިދިކޮޅު ފަރާތާ އޭނާވެސް އިދިކޮޅުކަން ހާމަކޮށްދޭ ގޮތުގައެވެ. އިމާމު ޤުރްޠުބީ - ރަޙިމަހުﷲ - ވިދާޅުވާ ގޮތުގައި؛ ދެމޫނުގެ ވެރިޔާ މީސްތަކުންގެތެރެއިން އެންމެ ނުބައިމީހުންގެތެރޭގައި ހިމެނެނީ އެފަދަ މީހުންގެ ހާލަކީ ހަމަ މުނާފިޤުންގެ ހާލު ކަމުގައިވާތީއެވެ. އޭނާގެ ކަމަކީ ބާތިލު ފާޅުކުރުމާއި، ދޮގުހެދުމާއި މީސްތަކުންގެ މެދުގައި ފަސާދަ އުފެއްދުމެވެ.

ދެމޫނުގެ ވެރިޔާއާއި ބެހޭގޮތުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސް ކުރައްވާފައިވެއެވެ. مَنْ كان لهُ وجْهانِ في الدنيا كان لهُ يومَ القيامةِ لِسانانِ من نارٍ(އަބޫދާއޫދު: 4230) މާނައީ: 'ދުނިޔޭގައި ދެމޫނުގެ ވެރިއެއްގެގޮތުގައި އުޅުނުމީހާ، ޤިޔާމަތް ދުވަހުގައި އޭނާއަށް، އަލިފާނުންވާ ދެދޫ ލިބިގެންވާނެއެވެ.'

ގުޅޭ ޓެގު
comment ކޮމެންޓް