ޖަވާ: އަމިއްލަ ޝައުގާއި މަސައްކަތުން ނަމޫނާ ޒުވާނަކަށް

ޖަވާ ބޯކޮށައިދެނީ --- ސަން ފޮޓޯ

ދިރިއުޅުމުގައި ކާމިޔާބު ވާނީ މަތީ ތައުލީމު ހާސިލުކޮށް، ސެޓްފިކެޓް އޮންނަ މީހުންނަށް އެކަނި ކަމަށް ގިނަ ބަޔަކު ދެކެމުން އަންނަ ގޮތް ބަދަލުކުރުމުގެ ފުރިހަމަ މިސާލަކަށް ށ. ފިރުނބައިދޫއަށް އުފަން، ޖަވާދު މުހައްމަދު ވާނެއެވެ. އޭނާ ދަނީ، ލިބިފައިވާ ހުނަރާއި ކުރަން ބޭނުންވާ ކަމެއް ކުރުމަށް ނުގުޑާ ފަދަ އަޒުމެއްގެ މަތީގައި ދެމިހުންނަ މީހަކީވެސް ކާމިޔާބު މީހަކަށް ވެވޭނެކަން ސާބިތުކޮށްދެމުންނެވެ.

އުމުރުން 26 އަހަރުގެ ޖަވާދު މުހައްމަދަކީ ށ. ފިރުބައިނދޫއަށް އުފަން ނަމަވެސް ށ. ފުނަދޫއަށް ހިޖުރަ ކޮށްގެން، އެ ރަށުގައި އުޅެބޮޑުވި ޒުވާނެކެވެ. މިއަދު އޭނާއަކީ ފުނަދޫގައި ބޯ ކޮށާ ތަނެއް ކާމިޔާބުކަމާއެކު ހިންގާ މީހެކެވެ. މިހާވަރުން ޖަވާދަކީ އަދި ކާކު ކަމެއް ކިޔާދީއެއް ނުނިމޭނެއެވެ. އޭނާއަކީ ހުނަރުވެރި ފޮޓޯގްރަފަރެއް ވެސްމެއެވެ.

ޖަވާދު އެންމެ ފުރަތަމަ ބޯ ކޮށައިދޭން ފެށީ އުމުރުން އެންމެ 13 އަހަރުގައެވެ. އޭރު ހަމައެކަނި ފުނަލަކާއި ކަތުރެއް ބޭނުންކޮށްގެން ރައްޓެހިންގެ ބޯ ކޮށައިދިނީ އާންމުކޮށް ވަލުތެރޭގައެވެ. އެޅިގަލެއް ނުވަތަ ލަކުޑިބުރިއެއް ބައިންދައިގެންނެވެ. މިކަން ބަދަލުވީ ކިހިނެއްކަން ޖަވާދު ކިޔައިދިނެވެ.

"އެންމެ ފުރަތަމަ ވަލުތެރޭގައި ރައްޓެހިންގެ ބޯ ކޮށައިދީ އުޅުނި. މަޖާ ދޯ އޭރު. އަނެއްހެން މާ ބޮޑު އެއްޗެއް ވިސްނައިގެނެއް ނޫން. އެހެން އުޅެނިކޮށް ދިމާވީ ރައްޓެހި ޕޮލިސް ސޮރަކާ،" ޖަވާދުގެ ވާހަކަފެށިއެވެ.

ޖަވާ ބޯކޮށައިދީފައިވާ މީހެއް

ޖަވާދުގެ ބޯކޮށުން ރީތިވެގެން، އެ ފުލުސް މީހާ ފުނަދޫ ޕޮލިސް ސްޓޭޝަންގެ އެހެން ފުލުހުންނަށް ވެސް އޭނާ ތައާރަފްކޮށްދިނެވެ. އެއީ ޖަވާދުގެ ދިރިއުޅުމުގެ އާ ބާބެއް ފެށުމަށް މަގުފަހިވި ހިސާބެވެ.

އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ސްކޫލު ނިމުމާއެކު ރަށު ޕޮލިސް ސްޓޭޝަނުން މީހުންގެ ބޯ ކޮށައިދިނުމަށް އޭނާއަށް ގުޅައެވެ. އަދި އެ މަސައްކަތުން އޭނާއަށް ކޮންމެވެސް ވަރެއްގެ ފައިސާކޮޅެއް ވެސް ލިބުނެވެ.

ޖަވާދު ކިޔައިދިން ގޮތުގައި، އޭރުވެސް ފުލުހުންގެ އިތުރުން އެހެން މީހުންވެސް ބޯ ކޮށުމަށް އޭނާ ކައިރިއަށް ދެއެވެ. ނަމަވެސް އެމީހުންގެ ބޯ ކޮށައިދިނީ ހިލޭއެވެ.

"ކޮންމެ ދުވަހަކު ސްކޫލު ނިންމާފަ ގެއަށް އައުން އޮންނާނި. ގުޅާނެ ސްޓޭޝަނުން. އެކަމު ތިން ބޮލަށްވުރެ ގިނަ ވަންޏާ ނުދަން،" މަޖާޒީ ރާގެއްގައި އޭނާ ކިޔައިދިނެވެ.

އެންމެ ފުރަތަމަ ޖަވާދު ބޯ ކޮށައިދިނީ ކަމާ ބެހޭ ގޮތުން އެއްޗެއް ދަސްކޮށް، ތަމްރީނު ވެގެނެއްނޫނެވެ. ނަމަވެސް އިންޓަނެޓު ލިބެން ފެށި ފަހުން ވީޑިއޯތައް ބަލައިގެން ބޯ ކޮށުމުގެ މަސައްކަތް އޭނާ ކުރިއަށް ގެންދިޔައެވެ.

ޖަވާދު ބޯކޮށަން ގެންގުޅުނު ކަތުރާއި ފުނާ ޓްރިމަރަކަށް ބަދަލުވީ ހަލާކުވެފައި އޮތް ޓްރިމަރުތަކެއް ހަދާފައި ރައްޓެއްސަކު ހަދިޔާއެއްގެ ގޮތުގައި އޭނާއަށް ދިނުމުންނެވެ.

"ހަލާކުވެފަ ހުރި ޓްރިމަރުތަކެއް ހެދީ ރައްޓެއްސެއް. މަށަށް ލިބުނު ދޭތި. އެ ގެންގުޅުނިން ދެ އަހަރެއްވަރު،" އޭނާ ބުންޏެވެ.

އޭގެ ފަހުން، ބޯ ކޮށައިދޭ ތަނެއް ހުޅުވުމުގެ ޚިޔާލު ޖަވާދަށް ލިބުނީ އޭނާގެ އުމުރުން 19 އަހަރުގައެވެ. އެއީ އޭނާ ގްރޭޑު 10ގައި ކިޔަވައި ނުނިމެނީސްއެވެ. އޭނާއަކީ އެއްވެސް ވަރަކަށް ކިޔަވާ ހިތްވާ މީހެއް ނޫންކަން ޖަވާދު ފާހަގަކުރީ އެހާ ހިސާބުންނެވެ.

"މަށަކީ ކިޔެވުމާ އެއްވެސް ވަރަކަށް ވި މީހެއް ނޫން. ގްރޭޑު ހަޔެއްގަ އުޅުނިން ދެފަހަރު. ހަތެއްގަ ދެފަހަރު. އަށެއް އަދި ނުވައެއްގަވެސް ދެފަހަރު. އެހެންވީމަ ސްކޫލު ނުނިމޭ އަސްލު ސެލޫނެއް ހުޅުވަން ވިސްނުމަށް އައި އިރު،" ޖަވާދު ކިޔައިދިނެވެ.

އޭނާ ސެލޫން ހުޅުވުމުގެ މަސައްކަތް ފަށައިގަތީ އޭނާގެ ބައްޕަ ގޭގައި ހަދާފައި ހުރި ގަރާޖުންނެވެ. އެ ގަރާޖު އޭނާ ބޭނުންވާ ޒާތުގެ ސެލޫނަކަށް ހެދީ ޖަވާދުގެ އަމިއްލަ މަސައްކަތުންނެވެ. އެއާއެކު މީހުންނަށް ހިލޭ ބޯ ކޮށައިދިނުން މުޅިން ބަދަލުވެގެން ދިޔައެވެ. އޭގެ ފަހުން އޭނާ ކުރާ މަސައްކަތަށާއި އޭނާގެ ހުނަރުން އޭނާއަށް އާމްދަނީ ލިބެން ފެށިއެވެ.

އެ މަސައްކަތުގެ ތެރޭގައި ޖަވާދު ދެރަކޮށްލުމަށާއި އޭނާއާ ދިމާކުރުމުގެ ގޮތުން ބަސް ބުނި މީހުންނާ ދިމާވިއެވެ. އެއީ ބޯ ކޮށުމަކީ ދިވެހިން އާންމުކޮށް ކޮށްއުޅޭ މަސައްކަތަކަށް ނުވާތީއެވެ. ބޭރު މީހުންނާ އެއް ލެވެލަކަށް ދިވެއްސަކަށް އެ މަސައްކަތް ނުކުރެވޭނެ ކަމަށް ހީކޮށެވެ. އެފަދަ މީހުންގެ ފާޑުކިޔުންތަކަށް އޭނާ ދިން ރައްދަކީ 2015 ވަނަ އަހަރު "ޖަވާ ސެލޫން"ގެ ނަމުގައި އަމިއްލަ ވިޔަފާރިއެއް ހުޅުވުމެވެ.

އެ ސެލޫނަކީ ކޮންމެ ދުވަހަކުވެސް ހިދުމަތްދޭ ތަނެކެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން 12:00އަށް، މެންދުރުފަހު 13:00އިން 15:00އަށް އަދި ރޭގަނޑު 20:00އިން 22:00އަށް ސެލޫން ހުންނަނީ ހުޅުވާފައެވެ. އަދި ހުކުރު ދުވަހުގެ ހެނދުނު 08:00 އިން 12:00އަށް ވެސް ސެލޫން ހުޅުވާފައި ހުރެއެވެ.

ޖަވާދަކީ ސެލޫނަށް ދާ މީހުންގެ އަދަދަށް ބަލައި، ވީ ވަރަކުން އެއްވެސް ދުވަހަކު ސެލޫން ބަންދު ނުކުރަން މަސައްކަތްކުރާ ޒުވާނެކެވެ. ނަމަވެސް އާއިލާއާއެކު ތަނަކަށް ދާން ޖެހުން ފަދަ ކަންކަމަކީ ވަރަށް މަދުން ނަމަވެސް އޭނާ ސެލޫން ހުޅުވަން އުޒުރުވެރިވާ ފަހަރުތަކެވެ.

"ވަރަށް ބަލަން ބަންދު ނުކޮށް ވޭތޯ އެއްވެސް ދުވަހަކު އެއްކޮށް. މީހުން އަންނަ ވަރުވެސް އެނގޭ. އިތުރު ގޮތެއް ނެތިއްޔާ ނޫނީ ސެލޫނުން ހިދުމަތް ނުދޭ ދުވަހެއް ނުދާނެ،" ޖަވާދު ކިޔާދިނެވެ.

ޖަވާދުގެ މަސައްކަތުގެ ތާވަލަށް ބަދަލުތަކެއް އައީ ފޮޓޯ ނެގުމުގެ ދާއިރާއަކަށް ވެސް އޭނާގެ ޝައުގުވެރިކަން ދަމައިގަތުމުންނެވެ. އެއީ އާމްދަނީއެއް ހޯދުމަށް ކުރާ މަސައްކަތެއްގެ ބަދަލުގައި ހުސް ވަގުތުގައި ކުރަން ފެށި ކަމެކެވެ.

"އެންމެ ފުރަތަމަ ދިރޭ އެއްޗެހީގެ ފޮޓޯ ނެގީ. އެކަމަކު ހިތަށް އެރީ ކެމެރާ އަކުން ޓްރައި ކޮށްލާނަމޭ. އެހެންވެ ރައްޓެއްސެއްގެ ކެމެރާ ކޮންމެ ދުވަހަކު ހޯދީ. އެކަމު ނޭނގޭ އެއްޗަކާ ކުޅެގެން ހަލާކުވެދާނެތީ ދިނީ،" ޖަވާދު ކިޔައިދިނެވެ.

ނަމަވެސް އެކަން ކުރަން ބޭނުންވެފައި ހުރި ވަރުން، ކެމެރާއާ ބެހޭ ކޯހެއްގެ ވީޑިއޯ ބަލައި ކެމެރާ ބޭނުން ކުރާނެ ގޮތް އޭނާ ދަސްކުރިއެވެ. އެއަށް ފަހު އެކުވެރިއާގެ ކެމެރާއިން އެއް އަހަރު ދުވަސް ވަންދެން ފޮޓޯ ނެގިއެވެ.

ޖަވާ ނަގާފައިވާ ވެޑިން ފޮޓޯއެއް

އޭނާ އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަން ފެށީ އެއަށްފަހުގައެވެ. އެއާއެކު އެ މަސައްކަތުން ވެސް އާމްދަނީ ހޯދުމުގެ ދޮރު ހުޅުވުނެވެ. އެގޮތުން އެންމެ ފުރަތަމަ އައުޓްޑޯ ފޮޓޯތަކެއް ނަގައިދީގެން 450 ރުފިޔާ ލިބުމާއެކު ޖަވާދު އެ ފައިސާ ރައްކާކުރިއެވެ. އަމިއްލަ ކެމެރާއެއް ގަތުމުގެ އުއްމީދުގައެވެ.

އޭނާ ފޮޓޯ ނަގަމުން ދިޔައީ އަމިއްލަ ތަޖުރިބާއިން ދަސްކުރަމުންނެވެ. އެ މަސައްކަތުގައި އިތުރު ހަރުފަތަކަށް އެރުމަށް އޭނާއަށް އެހީތެރިވެދިނީ އެހެން ފޮޓޯގްރާފަރެކެވެ. އެގޮތުން ފޮޓޯ އެޑިޓް ކުރާނެ ގޮތާއި އެ މަސައްކަތުގައި ކުރިއަށްދާނެ ގޮތް ޖަވާދަށް ކިޔައިދިނީ އެ ފޮޓޯގްރާފަރެވެ.

"ދެތިން ދުވަހު ނެގިން ކްލާސް. ބުނި މިކަމުން ކެރިއަރެއް ބޭނުމިއްޔާ ބޭނުންވާ ސާމާނު ހޯދާށޭ. އެކަމު އެހާ އަޅާނުލާން ހުރެފަ ފަހުން ހަމަ ގަތީ. ކެމެރާ ބޮޑީއެއް އެކަނި. ޕްރޮފެޝަނަލް ލެވެލްގެ ހަމަ. ދެން ރައްޓެއްސެއްގެ ލެންސް ހޯދީ. އޭރުވެސް އަސްލު މާ ބޮޑަކަށް އެޑިޓިންއެއް ނޭނގޭ،" އޭނާ ކިޔައިދިނެވެ.

މިހާރު ޖަވާދު ވަނީ އެ މަސައްކަތުގައި ވެސް މީހުންގެ އިތުބާރު ހޯދައި، ކައިވެނި ހަފުލާތަކުގެ ފޮޓޯތައް ނަގަން ފަށާފައެވެ.

ނަމަވެސް ކެރިއަރެއްގެ ގޮތުގައި ވަކި ކަމެއް ނަގާކަށް އޭނާ ބޭނުމެއް ނުވެއެވެ. ބައެއް ވަގުތުތަކުގައި އޭނާއަކީ ބޯ ކޮށާ މީހެކެވެ. އަނެއްބައި ފަހަރު އޭނާ އަކީ ފޮޓޯ ނަގާ މީހެކެވެ.

"ބައެއް ފަހަރު ހިތަށް އަރާ ސެލޫން ބަންދު ކޮށްފަ ފޮޓޯ ނަގަންވީއޭ. އެކަމު ފޮޓޯ ނަގައިގެން ލިބޭ ލާރިއަކީ ދާއިމީ ކަމެއް ނޫންވީމަ. ސެލޫން ހުންނާނެ ދޯ އަބަދުވެސް،" އޭނާ ބުންޏެވެ.

ޖަވާދު ބުނާ ގޮތުގައި ދިރިއުޅުމުގައި ދެކަމެއް ކުރާތީ ވަގުތު ހޯދަން އޭނާއަށް ވަކި އުނދަގޫތަކެއް ކުރިމައްޗެއް ނުވެއެވެ. އޭރަކަށް އެންމެ މުހިންމު ކަމަކަށް އޭނާ ސަމާލުކަން ދެނީއެވެ.

ޖަވާދުގެ މަސައްކަތްތަށް އިންސްޓަގްރާމުން މިހާރު ބަލާލެވޭނެއެވެ. އެގޮތުން "ޖަވާ ސެލޫން"އާއި "ޖަވާޓްސް"ގެ ނަމުގައި ހަދާފައިވާ ޕޭޖުތަކުން އޭނާގެ ކުޅަދާނަކަން ފެނެއެވެ.

ޖަވާދު ދެކޭ ގޮތުގައި އޭނާގެ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ މައިންބަފައިންނާއި އާއިލާއެވެ. އޭނާގެ މައިންބަފައިންނާއި އާއިލާގެ ފަރާތުން ފާއިތުވެ ދިޔަ 10 އަހަރު ދުވަހު އިވެމުން ދިޔަ ހިތްވަރުގެ ބަސްތަކަކީ މިއަދު އޭނާ އެހުރި މަގާމަށް ވާސިލުކޮށްދިން އެންމެ ބޮޑު ބާރު ކަމަށް އޭނާ ގަބޫލުކުރެއެވެ.

"މަންމަމެން ވަރަށް ސަޕޯޓިވް. އަބަދުވެސް ވަރަށް މޯޓިވޭޓް ވާ ކަހަލަ އެއްޗެހި ބުނާނެ" ޖަވާދު ކިޔައިދިނެވެ.

ދިރިއުޅުމުގައި ކުރާނެ މަސައްކަތެއް ނެތިފައި ތިބޭ ޒުވާނުންނަށް ޖަވާދުގެ އޮތީ އެންމެ ނަސޭހަތެކެވެ. ކުރިއަށް ދާން ބޭނުންވާ ނަމަ އެކަމަކަށް މަސައްކަތް ކުރާށެވެ. އަދި ކުރާ މަސައްކަތަކީ އެމީހެއްގެ ޝައުގެވެރިކަން ހުރި ދާއިރާއެއް ކަމުގައި ހަދާށެވެ. އޭރުން ކާމިޔާބީއަކީ ތިމާގެ އެންމެ ގާތުގައިވާ އެކުވެރިޔާ އަށް ވާނެކަން ޖަވާދު ވަނީ އަމަލުން ދައްކުވައިދީފައެވެ.

މިއަދު ޖަވާދަކީ ކާމިޔާބު ޒުވާނެކެވެ. ނަމަވެސް އެއީ އެހެން މީހުން ބޭނުންވާ ގޮތަށް ދިރިއުޅުމުގެ ގޮތްތަށް ކަނޑައަޅައިގެނެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާގެ ދިރިއުޅުމުގެ ކަންކަން އޭނާ ބޭނުންވާ ގޮތަށް ބައްޓަން ކޮށްގެންނެވެ. މިއަދު ޖަވާދުގެ އަތުގައި މާގިނަ ސެޓްފިކެޓްތަކެއް ނެތަސް، އޭނާގެ މަސައްކަތް އެންމެންވެސް ބަލައިގަނެއެވެ. އަދި އެންމެ މުހިންމު ކަމަކަށް، ޖަވާދުގެ ދިރިއުޅުމާ މެދު އޭނާ ހިތްހަމަޖެހެއެވެ.

comment ކޮމެންޓް